އާތިފްގެ ދައުވާ ނެގީ ނަސޭހަތް ދެވޭ ވަރުގެ ކުށަކަށްވާތީ އާއި މައްސަލަ ލަސްވާ ކަމަށް ބުނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔަަކަށް އިބްރާހީމް އާތިފް ޝަކޫރު ހުންނެވިއިރު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުއާމަލާތެއް ރިޕޯޓްނުކުރި ކަމަށް ބުނާ މައްސަލާގައި އުފުލި ދައުވާ އަނބުރާ ގެނެސްފި އެވެ.
ވީކިިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގި އެ ހިޔާނާތުގެ މައްސަލާގައި އާތިފްގެ މައްޗަށް މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލީ 27 ފެބްރުއަރީ 2020ގަ އެވެ.
މި ސަރުކާރުގައި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓެއްގެ މަގާމުގައި ހުންނެވި އާތިފް ވަނީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިވަޑައިގެން ދައުވާ މުރާޖައާ ކޮށްދިނުމަށް ހުށަހަޅުއްވައިފަ އެވެ.
ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު 'ދައުރު'އަށް ވިދާޅުވީ އާތިފްގެ މައްޗަށް ކުރާ ދައުވާއަކީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ލިބޭ ވަރުގެ ކުށެއް ކަމަށެވެ. 
އާތިފްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ:
10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 98 ވަނަ މާއްދާގައި އޮންނަ ގޮތުން ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދެވޭނީ:
ކުށަށް އިއުތިރާފްވެފައިވުމުން
ޕީޖީ އޮފީހުން ކަނޑައަޅާ ޝަރުތުތަކަށް ކުށުގެ ތުހުމަތުގައިވާ މީހާ ގަބޫލުކުރުމުން
ކުރިކަމަށް އިއުތިރާފްވާ ކުށަކީ އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމުގެ އަދަބެއް ކަނޑައެޅިފައިވާ ކުށަކަށް ނުވުމުން
މީގެ އިތުރުން އެ ފުރުސަތު ދިނުމުގައި ބަލާފައިވާނީ މައްސަލަ ދިގުލައިގެންދާ މުއްދަތަށްކަން ޝަފީއު ފާހަގަކުރެއްވި އެވެ.
"2020 ވަނަ އަހަރުން ފެށިގެން މި މައްސަލަ ކޯޓުގައި އެ ހިނގަނީ. އެހެންވެ އެ ކަމަށް ދެން ރިއާޔަތްކޮށްފައިވާނީ،" ޝަފީއު ވިދާޅުވި އެވެ.
އެނގުން މުހިންމު - ނަސޭހަތް ދިނުމަށްވުރެ އާންމު މަސްލަހަތު ހުރި ގޮތަކީ ދައުވާކުރުން ކަމަށް ބަލާނެ ކަންކަން ވެސް ގާނޫނުގައިވެ އެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:
ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިންގި އަމަލަކަށް ވުން
ކުށް ކުރި މީހަކީ މުޖުތަމައުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ކަމުގައިވުން
އެފްއައިޔޫގެ ވެރިޔަކަށް ހުންނަ މީހަކު އަދާކުރަން ޖެހޭ އެއް ޒިންމާއަކީ ޝައްކު އުފެދޭ މުއާމަލާތްތައް ޓްރެކްކުރުމާއި އޭގައި ގޯހެއް އުޅޭނަމަ ކަމާ ގުޅުން ހުރި އިދާރާތަކަށް ރިޕޯޓްކުރުމެވެ.
އާތިފްގެ މައްޗަށް ކުރެވޭ ތުހުމަތަކީ ދައުލަތަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ގެއްލުނު ބޮޑު ހިޔާނާތެއް ރިޕޯޓްކުރުމުގައި އޭނާގެ ރަސްމީ ޒިންމާ އަދާނުުކުރި ކަމުގެ ތުހުމަތެވެ. 
އާތިފް އޭރު ޒިންމާދާރު މަގާމެއްގައި ހުންނެވުމާއި، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިންގި އަމަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ