ތަސްވީރު... 02 (ފަހުބައި)
"ނެކްސްޓް ވިކްޓިމްއަކީ މި ތިން މީހުންގެ ތެރެއިން މީހެއް..." ޒަލޫލީ ބުނެލިއެވެ. ******** ރަޝީދުގެ އޮފީސް ފެންނަ ހިސާބުގައި މިރާންގެ ކާރު އޮތްއިރު، މިރާންގެ ނަޒަރު ހުއްޓިފައިވީ ދޮރުމަތީގައި ދެކޮޅަށް ހިނގަހިނގައި ހުރި ރަޝީދަށެވެ. ރޭގަނޑުގެ ވަގުތު މަގުމަތި އަލިކުރުމަށް ދިއްލާފައިވާ އޮރެންޖް އަލީގައިވެސް މިރާނަށް ރަޝީދުގެ މޫނު ރީތިކޮށް ފެނެއެވެ. ރަޝީދުގެ މޫނުން ހާސްކަން ފެންނަމުން ދިޔައިރު، މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ކޮންމެވެސް މީހަކަށް އިންތިޒާރުކުރާ ފަދައިން ރަޝީދު އިރުއިރުކޮޅާ ދެފަރާތް ހޯދައިލައެވެ. "އެނީ އަޕްޑޭޓް؟..." ހެޑްސެޓް ޖަހައިގެން އިން މިރާން ސުވާލުކުރީ، އޭނާ އާއިއެކު އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުންދިޔަ ފުލުހުންނަށެވެ. "ހަނާ އޮތީ ނިދާފަ..." ފުލުހަކު ބުނެލިއެވެ. "މިކޮޅުވެސް އޯކޭ... އިމްރާން އުޅެނީ ގޭގަ... ސައްކު ކުރެވޭ ކަމެއް ނެތް..." އެހެން ފުލުހަކު ބުންޏެވެ. ގިނައިރެއްނުވެ، ސައިކަލެއްގައި އައި މީހަކު ރަޝީދުގެ ކުރިމައްޗަށް މަޑުކުރިއެވެ. އެމީހަކު އަޅާފައިވާ ހެލްމެޓްގެ ސަބަބުން، މޫނެއް ނުފެނެއެވެ. މިރާން އޭނާގެ ފޯނުން ސައިކަލުގެ ރަޖިސްޓަރީ ނަންބަރު އަރާނޭހެން ތަސްވީރެއް ނެގިއެވެ. އެ ތަސްވީރު ފުލުހަކަށް ފޮނުވައިލުމަށްފަހު، ސައިކަލުގެ ވެރިފަރާތް ހޯދުމަށް އެދުނެވެ. ސައިކަލުގައި އިން މީހާ އާއި ރަޝީދާއި ދެމެދު ދެކެވުނު ވާހަކަތަކަށްފަހު، ރަޝީދު އޭނާގެ ޖީބުން ފައިސާތަކެއް ނަގައި، އެމީހަކަށް ދިއްކޮށްލިއެވެ. ފައިސާގައި ހިފުމަށްފަހު އޭނާ ރަޝީދަށް ދިއްކޮށްލީ، ބޮޑު ކޮތަޅެކެވެ. ކޮތަޅުގެ ތެރެއިން ރަޝީދު ނެގީ ފްރޭމަކަށް ލާފައިވާ ތަސްވީރެކެވެ. ތަސްވީރަށް ބަލައިލައިފައި ރަޝީދު މަޑުމަޑުން ބޯޖަހައިލުމާއިއެކު، ސައިކަލުގައި އިން މީހާ ނައްޓައިލިއެވެ. "ތީ މުބީންގެ ޕެއިންޓިންގްއެއްތަ؟..." މިރާންގެ އަޑަށް ރަޝީދު ދިޔައީ ސިއްސައިގެންނެވެ. "އޭނ؟..." ރަޝީދު މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. މިރާން ރަޝީދުގެ އަތުން ތަސްވީރު އަތުލައިގެން ބެލިއެވެ. މުބީންގެ ކުރެހުންތަކާއި އެ ކުރެހުން އެއްގޮތް ނަމަވެސް، ކުރެހުމުގެ ތިރީގައި ޖަހާފައިވާ ދެ އަކުރު ފެނުމުން، އެއީ މުބީންގެ ކުރެހުމެއް ނޫންކަން މިރާނަށް އެނގުނެވެ. "އާރް އެމް..." މިރާން ހިތާއި ހިތުން ކިޔައިއެވެ. "އެދިޔައީ ހަމަގައިމުވެސް މުބީނެއް ނޫން.... ކާކު އަތުން މުބީންގެ ޕެއިންޓިންގްތައް ތި ގަންނަނީ؟.." މިރާން ހަރުކަށި ބެލުމަކުން ރަޝީދަށް ބަލައިލިއެވެ. "ހޫ އިޒް ދެޓް؟..." ރަޝީދު އެއްޗެއް ނުބުނެ ހުންނަން ފެށުމުން މިރާން ތަންކޮޅެއް ބާރަށް ސުވާލުކުރިއެވެ. "އަ..ހަ..ރެން... އަހަރެން އޭނަގެ އަތުން ގަންނަނީ އަގުހެޔޮވީމަ... އޭނަގެ ކުރެހުންތަކާ، މުބީންގެ ކުރެހުންތަކާ މާ ބޮޑު ތަފާތެއް ނުހުރޭ! އަހަންނަކީ ބިޒްނަސްކުރާ މީހެއް... ކުޑަ އަގެއްގަ ގަނެފަ މުބީންގެ ކުރެހުމެއްގެ ގޮތުގަ މި އެއްޗެހި ބޮޑު އަގުގަ ވިއްކާލެވޭ..." ރަޝީދަށް ހަގީގަތް ހާމަކުރަން މަޖުބޫރުވިއެވެ. "ކާކު އެކަން ކުރަނީ؟ މުބީންގެ ޕެއިންޓިންގްސް ކޮޕީ ކުރަނީ ކާކު؟..." މިރާން ދެލޯ ހަނިކޮށްލިއެވެ. "ކާކުހޭ އެއީ؟..." "ރާޝިދު..." ރަޝީދު ކުޑަކޮށް ސިހިފައި ބުނެލިއެވެ. "އެއީ، އެއީ މުބީންގެ ދަރިވަރެއް..." "ސައިކަލުގަ އިން މީހަކީވެސް ރާޝިދުދޯ؟... އޭނަގެ އެޑްރެސް؟..." ފޯނު ނަގައި، ލިޔުމަށް ތައްޔާރުވަމުން މިރާން ސުވާލުކުރިއެވެ. "އަހަންނަކަށް ނޭނގެ... ޕެއިންޓިންގްސް ހިފައިގެން އަންނަނީ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެ..." ކުރެހުން ހިފައިގެން އަންނަނީ ރާޝިދުކަން އެނގުނު ނަމަވެސް، ރަޝީދު މަސައްކަތް ކުރީ ދިފާއުވާށެވެ. "ދެން ކީއްވެ އޭނަ އައިއިރު ރަޝީދު އެހާ ހާސްވެފަ ހުރީ؟..." މިރާން ކުރިއަށްވުރެ ހަރުކަށި ރާގެއްގައި ސުވާލުކުރިއެވެ. "އަހަންނަށް އެނގޭ ދެން މަރާލާނީ އަހަރެމެންގެ ތެރެއިން މީހެއްކަން... އެމީހަކު އެ މަރަނީ މުބީންގެ ޕެއިންޓިންގްސް ގަންނަ މީހުން... އަހަރެން މީ އެކަކު..." ރަޝީދު އުނދަގޫ ގޮތަކަށް ހިންދިރުވައިލިއެވެ. "އަހަރެން މީ ގާތިލެއް ނޫން... އަހަންނަށް އެއްވެސް ކަމެއް ނޭނގެ... އަހަރެންގެ ހަމައެކަނި މަގުސަދަކީ މި ކުރެހުންތައް ވިއްކައިގެން އަހަރެންގެ ވިޔަފާރި ކުރިއެރުވުން..." "އެހެންވީމަ ގާތިލަކީ އެބުނާ ރާޝިދެއް..." ޒަލޫލީގެ އަޑު އައީ މިރާންގެ ކަންފަތް ކައިރިންނެވެ. "މުބީންގެ ކުރެހުންތައް ހަގީގަތަކަށް ހަދަމުންދާ މީހަކީ ރާޝިދޭ މިބުނީ..." މިރާން ކުޑަކޮށް ސިހިފައި ފަހަތް ބަލައިލިއެވެ. ދާދި ކައިރީގައި ހުރި ޒަލޫލީ ފެނި، އޭނާ އެއްބުމަ އުފުލައިލިއެވެ. ހަލުވި އަންހެންކުއްޖެކެވެ. އެތަނަށް އައީ ކޮންއިރަކު، ކިހިނެއް ކަމެއް ނޭނގެއެވެ. "ޖާނަލިސްޓުންނަކީ އެނބުރޭ ވައިރޯޅިއެއް ކަހަލަ ބައެއް..." މިރާން ބަލަން ހުރިގޮތް ފެނުމުން، ޒަލޫލީ ހުރިހާ ދަތެއް ފެންނަވަރަށް ހީލިއެވެ. "ދެން ކިހިނެއް ހެދޭނީ؟..." މިރާންގެ ކާރަށް އަރަމުން ޒަލޫލީ ބުނެލިއެވެ. "އަދި އެއްފަހަރު މުބީންގެ ކުރެހުންތައް ބަލާނީ..." މިރާން ކާރުގެ މިސްރާބު އަނބުރައިލީ މުބީން ކުރިން އޮފީސް ހިންގި އިމާރާތާއި ދިމާއަށެވެ. މިރާންމެން ދިޔައިރު މުބީން އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ކުރިއެކޭ އެއްގޮތަށް މުބީންގެ މޫނުން ފެނުނީ ވަރުބަލިކަމެވެ. ނިދި ނުލިބިފައިވާކަމުގެ އަސަރުތަކެވެ. "އަހަރެން މިތަން ބޭނުންނުކުރާތާ އެތައް އަހަރެއް ވެއްޖެ..." ދޮރު ހުޅުވަމުން މުބީން ބުނެލިއެވެ. ހިރަފުސްވެފައިވާ އިމާރާތުގެ ތެރޭގައި ތަރުތީބެއް ނެތެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ހުރި ތަނެއްކަން ބަލައިލުމުން އެކަނިވެސް އެނގެއެވެ. ތަޅުމުގައި ހިކިފައިވާ ކުލައިގެ އަސަރު ހުރިއިރު، ކުރަހަން ފަށައި، ނުނިމި ހުރި ތަސްވީރުތައް ތަޅުންމަތީގައި ހުއްޓެވެ. "މީ ކޯއްޗެއް؟..." ސޯފާގެ ކައިރީގައި ހުރި ކުޑަ ލަކުޑި ފޮށި ހުޅުވައިލަމުން މިރާން އަހައިލިއެވެ. "މީގަ މިހުރީ ހުސް ކްރައިމް ސީންތަކުގެ ކުރެހުންތައް..." މުބީން ކުރަހާފައިވާ ކުދިކުދި ތަސްވީރުތަކެއް އަޅާފައިވާ އެ ފޮށީގެ ތެރޭގައި ހުރި ތަސްވީރުތައް ނަގައިގެން ބަލަމުންދިޔަ މިރާންގެ ހަރަކާތް ހުއްޓުނީ ކުއްލިއަކަށެވެ. އޭގެ ތެރެއިން މިރާނަށް ފެނުނީ އުއްމީދުކުރި މަންޒަރެއް ނޫނެވެ. ތަސްވީރުގައި ކުރަހާފައިވާ ސޫރަ މިރާނަށް އެނގުނެވެ. ކުރެހުމުގައި ވަނީ ޒަލޫލީއެވެ. މިރާނަށް އެކަން ޔަގީންވީ، ތަސްވީރުގައި ޒަލޫލީގެ ކަރުގައި އަޅާފައިވާ ކާޑުގައި ނަން ޖަހާފައި އޮތުމުންނެވެ. "ކީއްވެ، ކީއްވެ އަހަރެންގެ ކުރެހުމެއް...." ޒަލޫލީގެ ދެލޯ ބޮޑުވީ މިރާންގެ އަތުގައި އޮތް ކުރެހުން ފެނުމުންނެވެ. "ސަބަބު އަހަންނަށް އެނގޭ..." ތަސްވީރު އަތުލަމުން މުބީން ބުނެލިއެވެ. "މީ އަހަރެން ރާޝިދާއެކީ މަސައްކަތްކުރި ދުވަސްވަރުގެ ޕެއިންޓިންގްސްތަކެއް... މީގެތެރޭގަ ހުންނާނެ ރާޝިދުގެ ޕެއިންޓިންގްތައްވެސް... ޒަލޫލީގެ މި ޕެއިންޓިންގްއަކީ ރާޝިދުގެ މަސައްކަތެއް... ރާޝިދު ވަރަށް ރުޅިއާދޭ ޒަލޫލީދެކެ... ހަނދާންވޭތަ، މީގެ ހަތަރު އަހަރު ކުރިން ރާޝިދުގެ ކޮރަޕްޓް އޮފީހާގުޅޭ އާޓިކަލްއެއް ލިޔެވުނު ހަނދާން؟..." ޒަލޫލީ ވިސްނައިލިއެވެ. މުބީން ބުނިހެން ޒަލޫލީ ވަނީ ރާޝިދާއި ބެހޭގޮތުން އެފަދަ ލިޔުމެއް ލިޔެ، އާއްމު ކޮށްފައެވެ. "އޭރު ރާޝިދާ ދެކޮޅަށް ޒަލޫލީއަށް ހެކި ހޯދައިދިނީ އަހަރެން... ރާޝިދަށް އެކަން އެނގޭ... އޭރު އެކި ގޮތްގޮތުން ޒަލޫލީއަށް އެހީތެރިކަން ފޯރުކޮށްދިން އެންމެންގެ މައުލޫމާތު ރާޝިދަށް އެނގޭ... މަރާލި ދެމީހުންނަކީވެސް އެ މައްސަލައިގަ ހެކި ހޯދަން މަސައްކަތްކުރި ދެމީހުންކަން އަހަންނަށް އޮތީ އެނގިފަ... އަދި އަދަށްވެސް ރާޝިދު އަހަންނަށް ބްލޭމް ކުރޭ!... ރާޝިދަށް އެނގޭ އަހަރެންގެ ކުރެހުންތަކުގެ ޕެޓާން... އޭގެ ފައިދާ އޭނަ އެ ނަގަނީ... އަހަރެން އަތުން ކުރެހުން ގަންނަ މީހުންގެ މައުލޫމާތުވެސް އޭނައަށް ހޯދޭނެ... އަހަރެންގެ އީމެއިލްއާ، ގެންގުޅޭ ހުރިހާ އެޕްލިކޭޝަނެއް ހުންނަނީ އޭނައަށް ފެންނަގޮތަށް... އެކަން އަހަންނަށް އެނގުނީ ކުރީ ދުވަހު... ރާޝިދުގެ މަގުސަދަކީ ބަދަލުހިފުން... މީ އެހެންވެ އޭނަ ކުރާ ކަމެއް... އަހަރެންގެ ކުރެހުންތައް ބޭނުންކޮށްގެން އޭނަ އެކަން އެކުރަނީ އެހެންވެ..." މުބީން ނުބުނަން ހުރި ވާހަކަތައް ހިއްސާކުރީ އިތުރު ގޮތެއް ނެތުމުންނެވެ. "ރާޝިދަކީ އަހަރެންގެ ދަރިވަރެއް... އަހަރެންގެ އާއިލާގެ މީހެއް... ރާޝިދާ ދެކޮޅަށް ކޮންމެ ފަހަރަކު ތެދުވުމަކީ އަހަންނަށް ފަސޭހަ ކަމެއް ނޫން..." "ތިހެން ތިކަން އޮތިއްޔާ، ރާޝިދު ހުއްޓުވާނީ އަހަރެން... އޭނަ ހޯދޭނެ ތަނެއް ބުނޭ؟..." މިރާންގެ ނޭވާ އަވަސްވިއެވެ. "ބީޗް ހައުސް..." މުބީން ދެލޯ މަރައިލިއެވެ. "ތިބުނީ ކުރިން ރެސްޓޯރެންޓް ހިންގި އިމާރާތްތަ؟..." މިރާން ސުވާލުކުރުމުން މުބީން ވަގުތުން ބޯ ޖަހައިލިއެވެ. "މިހާރު އެތަން ހުންނަނީ ފަޅަކަށްނު..." "އެއީ ރާޝިދު މިހާރު ދިރިއުޅޭ ތަން... އަހަރެންގެ ދެލޮލުން އެކަން ޔަގީންކޮށްފަ މިބުނީ..." މުބީން ޔަގީންކަން ދިނެވެ. "އެންމެ ރަނގަޅު..." މިރާން ދާން ހިނގައިގަތެވެ. ޒަލޫލީވެސް މިރާންގެ ފަހަތުން ދިޔައެވެ. "ބީ ކެއަރފުލް... ރާޝިދަކީ ވަރަށް ނުރައްކާ މީހެއް.. ހުށިޔާރުވާނެ...." މުބީން ހާސްވެފައި ބުނެލިއެވެ. މުބީން ބުނި ސަރަހައްދު އޮތީ އަނދިރިކޮށެވެ. އަތިރިމަތީގައި ހުންނަ އެ އިމާރާތަކީ ކުރިން ރެސްޓޯރެންޓެއް ހިންގައި، ފަޅުވެފައި ހުރި އިމާރާތެކެވެ. އިމާރާތް ހަދާފައި ހުންނަނީ މޫދުގައެވެ. އިމާރާތުގެ އެތެރެއިންވެސް އެއްވެސް އަލިކަމެއް ނުފެނެއެވެ. އިމާރާތުގެ ބޭރުގައި ސައިކަލެއް ހުއްޓެވެ. އެއީ ރަޝީދާއި ބައްދަލުކުރި މީހާ އިން ސައިކަލެވެ. ހަމަ އެ ހެލްމެޓް ސައިކަލުގެ ލޯގަނޑުގައި އަޅުވާލާފައި އިނެވެ. ރާޝިދު އެތެރޭގައި އުޅޭކަން އެނގޭތީ، މިރާން އެދުނީ ޒަލޫލީ ދުރުގައި މަޑުކުރުމަށެވެ. "އަހަރެން ޖެހިލުމެއް ނުވޭ!..." ދުރުގައި ހުންނާކަށް ޒަލޫލީ ބޭނުމެއް ނުވިއެވެ. ފޯނުން އަލިކުރަމުން މިރާން އާއި ޒަލޫލީ އެތެރެއަށް ވަންއިރު ފެނުނީ އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. ވަށައިގެންވި ފާރުތަކުގައި ހަރުކޮށްފައި ހުރީ، ތަސްވީރުތަކެވެ. އަނިޔާވެރި ގޮތްގޮތަށް މީހުން މަރާފައިވާ އެ ތަސްވީރުތަކުގެ ތެރެއިން މިރާންގެ ލޮލުގައި އަޅައިގަތީ، ކުރަހަން ފަށައި ނުނިމިހުރި ތަސްވީރެއްގައެވެ. ތަސްވީރުން ފެންނަނީ އަންހެނަކު މޫދަށް ވެއްޓޭ މަންޒަރެވެ. ތަސްވީރުތަކަށް ބަލަން ހުރި މިރާންނަށް ފަހަތުން މީހެއްގެ ހިލަން ވިހެން ހީވެގެން ފަސްއެނބުރުނެވެ. "ޒަލޫލީ..." މިރާން ސިއްރުން ގޮވައިލިއެވެ. ޒަލޫލީގެ ހަބަރެއް ނުވިއެވެ. މިރާން އަލިކޮށްގެން ވަށައިގެން ހޯދިއިރުވެސް ޒަލޫލީއެއް ނުފެނުނެވެ. "މާ ބޮޑަށް ލަސްވީ..." އިވުނީ ފިރިހެނަކު ހީގަތް އަޑެވެ. އަޑު އިވުނީ އިމާރާތުގެ ދެވަނަ ފަންގިފިލާއިންނެވެ. އިވުނީ ރާޝިދުގެ އަޑުކަން މިރާނަށް ޔަގީންވިއެވެ. މިރާން އަޑު އައި ދިމާއަށް ދިޔައިރު، ދެވަނަ ފަންގިފިލާއަށް އެރެން ހުންނަ ސިޑިމަތީގައި މީހަކު ހުއްޓާ ފެނުނެވެ. އަލިކޮށްލުމުން އެއީ ރާޝިދުކަން އޭނާއަށް އެނގުނެވެ. ފަނޑު އަލީގެ ތެރޭގައިވެސް ރާޝިދުގެ ތުންފަތުގައިވި ނުރައްކާތެރި ހިނިތުންވުން މިރާނަށް ފެނުނެވެ. ރާޝިދު ހުރީ ކުލައިން ފޯވެފައެވެ. ދެއަތުގައި ހުރީ ރަތް ކުލައެވެ. ނުހިކި ހުރި ކުލަތައް ފެނުމުން، ދެންމެ އޭނާ ހުރީ ކުރަހަންކަން މިރާނަށް އެނގުނެވެ. "އާރޓަކީ ދިރުމެއް... ގިފްޓެއް... ހަމައެގޮތަށް ނިމިދިޔުމެއް... ސެކްރިފައިޒްވެސް ކުރަންޖެހޭނެ... އަހަރެންގެ ހުށަހެޅުމަށް މުބީން އިންކާރު ކުރީ.... އޭނަ ބޭނުމެއް ނުވި ކުރެހުމުގަ ހަގީގީ ކުލަ ޖެހޭކަށް..." އެހިސާބަށް ބުނެފައި ރާޝިދު ހީގަތެވެ. "މުބީންގެ ކުރެހުންތައް ބޭނުންކޮށްގެން، މި ތަސްވީރުތަކުގަ ހަގީގީ ކުލަ ޖައްސާނީ އަހަރެން..." "ކިހިނެއް ކުލަ ޖައްސާ ވާހަކައެއް ތިބުނީ؟..." މިރާން ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. "ޒަލޫލީ މަރާލައިގެން؟..." ރާޝިދު ހިމޭންވިއެވެ. ރުޅިވެރިކަމާއި އެއްވަރަށް ރާޝިދުގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. "ޒަލޫލީ އަހަރެން ބަރުބާދުކޮށްލީ... އެ އެންމެން އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ!... އަހަރެންގެ އަނބިމީހާ އާއި ދަރިންނާ ދުރުކުރީ... އާއިލާ ރޫޅާލީ... މިއަދު އަހަރެންގެ އެކުވެރިއަކު ނެތް... ވިޔަފާރި ބަނގުރޫޓުވެއްޖެ... އެނގޭތަ ކޮންފަދަ ނިކަމެތި ދިރިއުޅުމެއް ކަމެއް މިހާރު އަހަރެން މިއުޅެނީ؟... އޭނ؟..." ރޮއެގަންނަމުން ރާޝިދު ހަޅޭއްލަވައިގަތެވެ. "އަހަރެންގެ ދިރިއުޅުން ބަރުބާދުކުރި އެންމެން މަރާލާނަން... އަހަންނަށް ލިބުނު ހުނަރުގެ ބޭނުން ހިފައިގެން އެ އެންމެން ނެތިކޮށްލާނަން.." "ތީ ކުށްހީއެއް... ރާޝިދުގެ ޕްލޭންތައް ދެން ވޯކެއް ނުކުރާނެ... ދެން އެއްވެސް މީހަކު ނުމެރޭނެ... ރާޝިދު ހުއްޓުވާނީ އަހަރެން..." މިރާން ކުރިއަށް ޖެހިލިއެވެ. ރާޝިދު ދުއްވައިގަތެވެ. މިރާން ދެވަނަ ފަންގިފިލާއަށް އެރިއިރު، ރާޝިދު ހުރީ ޒަލޫލީގެ ކަރުގައި ހިފައިގެންނެވެ. ރެއިލިންގައި އަޅުވައިގެން ހުރިއިރު، ރާޝިދު ކޮށްޕާލައިފިނަމަ، ޒަލޫލީ ވެއްޓޭނީ މޫދަށެވެ. އެ ހިސާބުގައި ޒަލޫލީގެ އިސްކޮޅެއް ނުޖެހޭނެއެވެ. އަނިދިރިކަމުން ތަނެއް ވަކިވާން ނޭނގޭއިރު، އެތަނުން ޒަލޫލީ ސަލާމަތްކުރުމަކީ މިރާނަށް ކުރަން އުނދަގޫވާނެ ކަމެކެވެ. ޒަލޫލީއަށް ފަތަން އެނގޭ ކަމެއްވެސް މިރާނަކަށް ނޭނގެއެވެ. މިރާން ޖެހިލުންވެގެން ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. "ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާތި... އަހަރެން މީނަ ވައްޓާލާނަން..." ރާޝިދު އިންޒާރު ދިނެވެ. "އީޒީ... ލެޓްސް ޓޯކް... ޒަލޫލީއާ މިކަމާ އެއްވެސް ގުޅުމެއް ނެތް... ލީވް ހާރ..." މިރާން ދެއަތް މައްޗަށް އުފުލައިލިއެވެ. ރާޝިދު ޒަލޫލީގެ ކަރަށް ވާންކުރަމުންދިޔަ މަންޒަރު ބަލަން މިރާންގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. މިރާން މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނެގިއެވެ. ރާޝިދަށް އެމަންޒަރު ފެނުމާއިއެކު، ޒަލޫލީ ކޮށްޕައިލިއެވެ. މިރާން ރާޝިދާއި ދިމާއަށް ދުއްވައިގަތެވެ. މޫދުގެ ލޮނުގަނޑުގައި ޒަލޫލީގެ ހަށިގަނޑު ޖެހުނު އަޑު އިވުނެވެ. މިރާންގެ އަވަސް ހަރަކާތްތަކާއިއެކު ރާޝިދުގެ މޫނުމަތީގައި ޖަހައި ބިމަށް ތިރިކޮށްލިއެވެ. ހަމަ އެހާ އަވަހަށް އޭނާ މޫދަށް ފުންމައިލިއެވެ. އެސްފިޔަތައް ތަޅުވައިލާފައި ދެލޯ ހުޅުވައިލި ވަގުތު ޒަލޫލީގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ، މިރާންގެ ކަންބޮޑުވެފައިވާ މޫނެވެ. ޒަލޫލީ އޮތީ މިރާންގެ ކާރުގެ ފަހަތު ޝީޓުގައެވެ. ކާރުގެ ދޮރު ހުޅުވާލައިގެން މިރާން އޮތީ، ޒަލޫލީއާއި ދިމާއަށް ގުދުވެގެން ނޭވާލާތޯ ބަލާށެވެ. އަމިއްލަ ފުރާނަ ސަލާމަތްވިކަން އެނގުމުން ޒަލޫލީގެ ދެލޯ ފޫއަޅުވައިލީ ހޫނު ކަރުނަތަކުންނެވެ. ރާޝިދު ކޮށްޕައިލި ވަގުތު ޒަލޫލީގެ ހިތަށް ވަން ބިރުވެރިކަން ދެން ދުވަހަކުވެސް ތަޖުރިބާ ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ޒަލޫލީ ފުންމައިގެން ތެދުވެފައި މިރާންގެ ގައިގައި ބައްދައިލިއެވެ. "ތޭންކް ޔޫ... މިރާން އަހަރެންގެ ފުރާނަ ސަލާމަތްކޮށްދީފި..." ޒަލޫލީ ދެލޯ މަރައިލިއެވެ. މިރާން އިނީ ހުއްޓުން އަރާފައެވެ. ޒަލޫލީގެ ގާތްކަމުން، މިރާންގެ ހިތުގެ ތެޅުން އިތުރުކުރުވިއެވެ. އެހިތުގެ އަޑު ޒަލޫލީއަށް އިވޭނެއެވެ. މިރާންގެ ހިތުގެ ހާލު ބޭޒާރުވާނެއެވެ. ދާދި ކައިރިން ކާރެއްގެ އަޑު އިވުމުން، މިރާން އަވަސް އަވަހަށް ޒަލޫލީ ދުރުކޮށްލިއެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރު، ޒަލޫލީގެ ތަބީއަތު މުޅީން ރަނގަޅުވެއްޖެއެވެ. ތަސްވީރުގެ ނަމުގައި ރާޝިދާއި ބެހޭގޮތުން ޒަލޫލީ ލިޔުނު ރިޕޯޓު އާއްމުންނާއި ހަމައަށް ދޫކޮށްލުމުން، ޒަލޫލީއަށް ތައުރީފު އޮހެން ފެށިއެވެ. ރާޝިދު ކަހަލަ ނުރައްކާތެރި ގާތިލަކު ހައްޔަރުކުރުމާއި ހަމައަށް ޒަލޫލީ ދެއްކި ހިތްވަރަށް އެތައް ބަޔަކު ސަނާ ކިޔެވެ. ޒަލޫލީ މިރާނަށް ވައުދުވީ ފަދައިން ރާޝިދުގެ ހަގީގަތް އާއްމުންނަށް ނެރެ ހާމަކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތް ކުރިއެވެ. "ތިހާ ހިތްވަރުގަދަ ޖާނަލިސްޓެއް އަހަރެން ދުވަހަކުވެސް ނުދެކެން..." ކާރު ދުއްވަން އިން މިރާން ޒަލޫލީގެ އަތުގައި ހިފައިލިއެވެ. ޒަލޫލީ ތުއިވެލަމުން މިރާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. "މިހާރު އަހަންނަށް ޓްރަސްޓް ކުރަންދޯ؟... އަހަންނަކީ އާދައިގެ ޖާނަލިސްޓެއް ނޫނޭ..." ޒަލޫލީ ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ދެން އެންމެ އަވަހަށް ކުރާނީ ކޮން ކަމެއް ކަން ބުނަންތަ؟..." "އިސްޕެކްޓަރ މިރާންގެ ވައިފަކަށްވުން..." ޒަލޫލީ ކުރިއަށްވުރެ ބާރަށް ހީގަންނަމުން މިރާންގެ ގައިގައި ބައްދައިލިއެވެ. ޒަލޫލީގެ ހުނުމުގައި ބައިވެރިވަމުން މިރާންވެސް ހީގަތެވެ. ކާރު ހުއްޓީ، މުބީންގެ ގޭ ކައިރިއަށެވެ. ގޭގެ ބޭރު ފުރިފައިވީ ފޮށިގަނޑުތަކުންނެވެ. އެ ފޮށިތައް ޕިކަޕަކަށް އެރުވުމުގެ މަސައްކަތުގައި ބަޔަކު މީހުން އުޅެމުން ދިޔައެވެ. މިރާންމެން ސަލާން ގޮވައިލައިފައި އެތެރެއަށް ވަންއިރު، ކުރީގެ ތަސްވީރުތައް ނަގައި ފޮށިގަނޑުތަކަށް އެޅުމުގެ މަސައްކަތުގައި މުބީން އުޅުނެވެ. "މީ ކޮން ކަމެއް؟..." މިރާން ސުވާލުކުރިއެވެ. "މިއަދުގެ ފަހުން މަރުގެ ޕެއިންޓިންގްތައް ކުރެހުން ނިމުނީ... ކުރިން ކުރަހާފަ ހުރި ކުރެހުންތައް އުކާލަން މިއުޅެނީ.. އެ އެއްޗެހި ބެހެއްޓުމުގެ ބޭނުމެއް ނެތް...." މުބީން ތަފްސީލް ދިނެވެ. "ދެން ކުރަހާނީ އުއްމީދީ ކުރެހުންތައް... ފެންނަ ކޮންމެ އެއްޗެއް ކުރަހައިގެން އުފަލެއް ނެތްކަން މިއަދު އެނގިއްޖެ..." މިރާން ހިނިތުންވެލިއެވެ. ކުރިން މުބީންގެ މޫނުން ފެނުނު ނުތަނަވަސްކަން މިއަދު ފެންނާކަށް ނެތެވެ. ރަނގަޅު އެންމެ ނިންމުމަކުން މުޅި މީހާ ބަދަލުކޮށްލައެވެ. މިއަދު މުބީން ހީވަނީ މުޅީން ތަފާތު މީހެއް ހެންނެވެ. "ދެން އެންމެ އަވަހަށް ކުރަހާލަދޭންވާނީ އަހަރެމެން ދެމީހުންގެ ކައިވެނީގެ މަންޒަރު..." ޒަލޫލީ ހެމުން ހެމުން ބުނެލިއެވެ. މުބީން ހައިރާންވެފައި ބަލައިލުމުން މިރާން އަވަސް އަވަހަށް އެގެއިން ނުކުމެގެން ހިނގައިގަތެވެ. ޒަލޫލީ މުބީނަށް އަތުން ހަނާ އަޅައިލައިފައި މިރާންގެ ފަހަތުން ދުއްވައިގަތެވެ. ޒަލޫލީ ދުވެފައިގޮސް މިރާންގެ ކޮނޑުގައި އެލިގަތެވެ. ކުޑަކޮށް ގުދުވެލާފައި މިރާންގެ މޫނަށް ބަލައިލިއެވެ. ޒަލޫލީގެ އެފަދަ ސަމާސާތަކުން މިރާންގެ ހިތް އިތުރަށް ދީވާނާ ކުރުވައެވެ. "އަހަރެން މެރީކުރަން އެއްބަސްވީމަ، އެންމެންނަށް އެކަން އިސްތިހާރުކޮށްލަނީތަ؟..." ޒަލޫލީގެ ނޭފަތުގައި ހިފައިލަމުން މިރާން ސަމާސާކޮށްލިއެވެ. "އިންސްޕެކްޓަރ މިރާންއަށް އަހަރެން ރިޒާވްވި ވާހަކައޭ އެންމެން ކައިރީވެސް މިބުނަނީ..." ޒަލޫލީ ހީގަންނަމުން މިރާންގެ އަތުގައި ހިފައިލިއެވެ. "އެހެންނޫނީ މި ކިއުޓް އިންސްޕެކްޓަރަށް އަހަރެން ކަހަލަ ބްރޭވް ޖާނަލިސްޓެއް ގެއްލިދާނެއެއްނު..." މާހައުލަށް ވެރިވެފައިވީ އަނދިރިކަމެވެ. ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާފައިވާއިރު، ވަޔާއިއެކު، ދޮރުފޮތިތައް ވިހުރެމުން ދިޔައެވެ. ކޮޓަރީގެ މެދުގައި ބަހައްޓާފައިވާ ހުދު ކަރުދާސްގަނޑަށް ބަލަން މުބީން ހުއްޓެވެ. އޭނާ ހުރީ ހިޔާލީ ދުނިޔެއެއްގައެވެ. ކުރިއަށް އޮތީ، މުޅީން އައު ތަސްވީރެއްގެ ފެށުމެވެ. (ނިމުނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ