ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް އެފްގައި މިރޭ ރަށުން ބޭރުގައި ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން އަރްމޭނިއާ ބަލިކޮށް ޕޯޗުގަލް އިން ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި ޔުއެފާ ނޭޝަންސް ލީގު ފައިނަލުގައި ސްޕެއިން އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަރްމޭނިއާ އެންމެ ފަހުން ކުޅުނު މެޗުގައި މޮންޓެނެގްރޯ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މީގެ އިތުރުން މިދެޓީމު އެންމެ ފަހުން 2015 ވަނަ އަހަރު ޔުއެފާ ޔޫރޯ ކޮލިފައިންގ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.
މެޗުގެ ފުތަރަމަ ހާފުގައި މޮޅަށްކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި ދެވަނަ ހާފުގައި ޕޯޗުގަލް އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޖޮއާއު ފެލިކްސް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޮއާއު ކޮންސެލޯ އެވެ.
މީގެ އިތުރުން މިމެޗުގައި ކާމިޔާބުކުރި ދެނޑާއެކު ރޮނާލްޑޯ ވަނީ ޤައުމީ ޓީމަށް 140 ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދާފައެވެ. އަދި މިދެލަނޑާއެކު 38 ލަނޑު ހަމަކޮށް ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ރޮނާލްޑޯ ވަނީ އައުކޮށްފައެވެ. މި ލިސްޓްގެ ދެވަނައިގައި 36 ލަނޑާއެކު މިވަގުތު އޮތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އަދި މިއާއެކު ރޮނާލްޑޯގެ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 942 އަށް އަރާފައެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ޕޯޗުގަލްއަށް ކުރިއަށް އޮތީ މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ހަންގޭރީ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ހަމައެރޭ އަރްމޭނިއާ އިން އަމިއްލަ ދަނޑުގައި ނުކުންނާނީ އަޔަލޭންޑާއި ދެކޮޅަށެވެ.
ރޮނާލްޑޯގެ ރެކޯޑްތަކާއެކު ޕޯޗުގަލް އިން ވޯލްޑްކަޕް ކޮލިފައިންގ ފެށީ އިތުބާރާއެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ