ކައިވެނީގެ ރަސްމިއްޔާތުގައި ފޮޓޯގްރާފަރުންނަށް ކާން ނުދިނުމުން އެކަން ބޮޑު މައްސަލައަކަށްވެއްޖެ

ދާދިފަހުން އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ފަސް ތަރީގެ އަގުބޮޑު ކައިވެނީގެ ރަސްމިއްޔާތުގައި އެ ހަފްލާގެ ފޮޓޯގްރާފަރުންނަށް ކާން ނުދިން މައްސަލައަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މި މައްސަލަ ފެންމަތިވެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމަށް އައީ ކައިވެނިކުރި އަންހެން ކުއްޖާ ފޮޓޯގްރާފަރުންގެ ކުންފުންޏަށް ގޫގުލްގައި އެންމެ ތަރިއެއް ރިވިއުގެ ގޮތުގައި ދިނުމާ ގުޅިގެންނެވެ. އެމެރިކާގައި ދިރިއުޅޭ އިންޑިއާއަށް ނިސްބަތްވާ މި އަންހެންކުއްޖާ ދިން ރިވިއުގެ ތަފްސީލުގައި ލިޔެފައި ވަނީ، 2025 ވަނަ އަހަރާ ހަމައަށް އައިއިރު ކައިވެނި ހަފްލާ ތަކަކީ ވަރަށް ބޮޑު ޚަރަދުތަކެއް ކޮށްގެން ބާއްވާ ހަފްލާތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ ހަފްލާތަކުގައި ފޮޓޯގްރާފަރުންނާއި ވެއިޓަރުން ފަދަ މުވައްޒަފުންގެ ގޮތުގައި ބައިވެރިވާ މީހުންނަކީ ކައިވެނީގެ ހަފްލާތަކަށް އަންނަ މެހެމާނުންނާ އެއްގޮތަށް އެ ހަފްލާތަކުން އުފާ ލިބިގަންނަން އަންނަ ބައެއް ނޫން ކަމަށް މި ރިވިއުގައި ވަނީ ލިޔެފައެވެ. ޑަބްލިއުޑީއެސްސީއިން ނެރެފައިވާ ބަޔާން--ފޮޓޯ/ފޭސްބުކް މި އަންހެން ކުއްޖާގެ ހަފްލާއަށް ގެންދިޔަ "ވީ ޑޯންޓް ސޭ ޗީޒް" (ޑަބްލިއުޑީއެސްސީ) ފޮޓޯގްރަފީ ކުންފުނީގެ މުވައްޒަފުން ނިންމީ އެ މީހުންގެ ކެއުން ކައިވެނި ހަފްލާ ކުރިއަށްދިޔަ ހޮޓަލުގައި ތިބެގެން ކެއުމަށެވެ. އެއީ ވަރަށް ބޭކާރު ޑިމާންޑެއް ކަމަށް މި އަންހެން ކުއްޖާ ވަނީ ސިފަކޮށްފައެވެ. އެމީހުން ކައިވެނީގެ ހަފްލާގެ ބަޖެޓްތައް ހަމަޖެއްސިއިރު ފޮޓޯގްރާފަރުންގެ ޓީމުން ބައިވެރިވި ހަ ވަރަކަށް މުވައްޒަފުންގެ ކެއުން ބަޖެޓުގައި ނުހިމެނީ އިތުރަށް 1.5 ލައްކަ ރުޕީސް (27،000 ދިވެހި ރުފިޔާ) ހަމައެކަނި އެ ކެއުމަށް ޚަރަދުވާތީ ކަމަށް ރިވިއުގެ ތަފުސީލުގައި ވަނީ ބުނެފައެވެ. އެހެންކަމުން ނިއު ދިއްލީ ފަދަ އަގުބޮޑު ސިޓީއެއްގައި އިތުރަށް އެވަރުގެ ޚަރަދެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މި ރިވިއުގައި ބުނެފައިވެއެވެ. މި ރިވިއުއާ ގުޅިގެން ޑަބްލިއުޑީއެސްސީގެ ފަރާތުން ހިންދުންސްތާން ޓައިމްސްއަށް މައުލޫމާތު ދެމުން ބުނީ، މުޅި ދުވަހު 12 ނުވަތަ 15 ގަޑިއިރުވަންދެން އެ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާއިރު ލިބޭ ވަރުބަލިކަން ފިލުވާލަން ކެއުމެއް އިންތިޒާމުކުރަން އެދުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. ވަޒީފާ އަދާކުރާ ކޮންމެ މާހައުލެއްގައި ވެސް ކެއުމަށް ވަގުތު ދިނުމަކީ އިންސާނީ ހައްގެއް ކަމަށާއި އެ ކުންފުނީގެ ޓީމުގެ މެމްބަރުންގެ ކިބައިން އެ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމަށް ވަނީ ބުނެފައެވެ. ކައިވެނީގެ ހަފުލާތައް ކުރިއަށްދިޔަ ހޮޓަލުގެ ކެއުން އަގުބޮޑު ވުމުން ބޭރުން ކާ އެއްޗެއް އޯޑަރުކޮށްގެން ގެނެސް ހޮޓަލުގައި ތިބެގެން ކެއުމުގެ ހުއްދަ ވެސް ކައިވެނިކުރި އަންހެންކުއްޖާ ނުދިން ކަމަށް ޑަބްލިއުޑީއެސްސީއިން ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި އެ އަންހެން ކުއްޖާ އެދުނީ ބޭރުގެ ކޮންމެވެސް އެހެންތަނަކުން ކެއުމަށް ކަމަށާއި ޑަބްލިއުޑީއެސްސީގެ ފޮޓޯގްރާފަރުންގެ ކެއުމުގެ ގަޑިތައް ވެސް ހަމަޖައްސާނީ އެ ކުއްޖާ ކަމަށެވެ. ނަމަވެސް ކެއުމުގެ ވަގުތުތައް ކައިވެނިކުރާ މީހުން ކަނޑައެޅުމަކީ މުޅި ޓީމުގެ ކޮންޓްރޯލް ނެގުން ކަމަށާއި ހަފްލާތަކަށްދާ ފޮޓޯގްރާފަރުންނާ މެދު އެގޮތަށް އަމަލުކުރާ ކްލައިޓުންނާ އެކު މަސައްކަތް ނުކުރުމަށް ދިއްލީއަށް ނިސްބަތްވާ ޑަބްލިއުޑީއެސްސީއިން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ