ރިސޯޓް ލީގު: ވަރުން ފުރަތަމަ މެޗުގައި އަމީންގިރި ބަލިކޮށްފި ރިސޯޓް ލީގު: ވަރުން ފުރަތަމަ މެޗުގައި އަމީންގިރި ބަލިކޮށްފި

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ގްރޫޕް އެފްގެ ދެ ވަނަ މެޗުގައި، ވަރު ބައި އެޓްމޮސްފިއާ އިން 2-0 އިން ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓް އެންޑް ސްޕާ ބަލިކޮށްފި އެވެ.
ހަަތަރު ޓީމު ވާދަކުރާ ގްރޫޕް އެފްގައި، ބަނޑޮސް އިން ސަމާ އައިލެންޑް މޯލްޑިވްސް ބަލިކުރީ 5-3 އިންނެވެ. އެ ގްރޫޕްގެ ދެ ވަަނަ މެޗުގައި އަމީންގިރި އަތުން ވަރުން މޮޅުކޮށްދިން ގޯލުތައް ޖެހީ، ހުސެއިން ވަސީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ހުސެއިން ވަސީމް އެެވެ.
މުބާރާތުގައި އިިއްޔެ ހަވީރު ވަނީ ގްރޫޕް އޭގެ ދެ ވަނަ މެޗު ވެސް ކުޅެފަ އެވެ. އޮބްލު ސެލެކްޓް ސަންގެލިން ވަނީ 0-0 އިން ޖޯއި އައިލެންޑް މޯލްޑިވްސް ބައި ދަ ކޮކޫން ކަލެކްޝަންއާ އެއްވަރުވެފަ އެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި، ރިޒް ކާލްޓަން އާއި އޮބްލު ސެލެކްޓް ސަންގެލިން ވާދަކުރިއިރު، އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މުބާރާތުގެ ފުރަތަމަ ބުރު ގްރޫޕް ސްޓޭޖު ނިމުމަށް ފަހު، ތިން ޓީމު ހިމެނޭ ގްރޫޕްތަކުގެ ދެ ވަނަ އާއި ތިން ވަނަގެ މެދުގައި ޕްލޭއޮފެއް ކުޅޭނެ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމުތަކާއި ގްރޫޕްތަކުގެ އެއް ވަނަ އަދި ގްރޫޕް އެފްގެ ދެ ވަނަ ހިމެނޭ ގޮތަށް ދެ ވަނަ ބުރުގައި ކުޅޭނީ ގަދަ 12 ޓީމެވެ. އެ އަށް ފަހު ދެން އޮންނާނީ ގަދަ ހަ ޓީމުގެ ބުރެކެވެ. އެ ބުރުގެ އެންމެ ފުލަށް ދާ ދެ ޓީމުގެ މެދުގައި، ސެމީ ފައިނަލުގެ ޖާގަ އަކަށް ޕްލޭއޮފެއް ކުޅޭނެ އެވެ. މި ޒޯންގެ ސެމީ ފައިނަލް މި މަހު 23 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގްރުޕް ބީގައި ހެލެންގެލި އާއި ހުވަފެންފުށި ކުޅޭ މެޗާއި ގްރޫޕް ޑީގައި ޖުމެއިރާ އާއި ތާޖު ކޮރަލް ބައްދަލުކުރާ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ