ނެދަލޭންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް މެމްފިސް ޑިޕޭއަށް

ވޯލްޑްކަޕް ކޮލިފައިންގް ގުރޫޕް ޖީގައި ރޭ ރަށުން ބޭރުގައި، ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ލިތުއޭނިއާ ބަލިކޮށް ނެދަލޭންޑްސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ކޮލިފައިންގައި ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު މެޗުގައި ޕޮލެންޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލިތުއޭނިއާ އިން އެންމެ ފަހުން ކުޅުނު މެޗުގައި މަލްޓާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިއީ ވާދަވެރި މެޗެއްގެ މިދެޓީމު ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ނެދަލޭންޑްސް އިން މެޗު ޑޮމިނޭޓްކުރި، އެޓީމުން މެޗުގެ ލީޑުހޯދީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔަބުކޮށްދިނީ ތަޖްރިބާކާރު ފޯވާޑް މެމްފިސް ޑިޕޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 33 ވަަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކުއިންޓެން ޓިމްބަރ. އެވެ.
ނަމަވެސް އޭގެ ތިން މިނެޓްފަހުން ލިތުއޭނިއާ އިން ވަނީ މިމެޗުގައި ނެދަލޭންޑްސްގެ ގޯލާއި އަމާޒުކޮށް އެޓީމުން ފޮނުވާލި ފުރަތަމަ ހަމަލާގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ގްވިޑާސް ގިނިއައިޓިސް އެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެޑްވިނަސް ގިރްޑްވައިނިސް އެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުން ނެދަލޭންޑްސް މޮޅުވި ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑިޕޭ އެވެ.
މިއީ ޤައުމީ ޓީމަށް ކުޅުނު 104 މެޗުގައި ޑިޕޭ ކާމިޔާބުކުރި 52 ވަނަ ލަނޑެވެ. އަދި މިދެލަނޑާއެކު ޑިޕޭ ވަނީ ނެދަލޭންޑްސްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ ޝަރަފް ހޯދާފައެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ނެދަލޭންޑްސްއަށް 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިތުއޭނިއާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ލިބުނު ތިންޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ފަސް ޓީމު ހިމެނޭ މިގުރޫޕްގެ ހަތަރުވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ