ފްލެޓްތަކުގެ ތަޅުދަނޑި މި ހަފްތާ ހަވާލުކުރަން ފަށަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް މި ހަފްތާ ފެށުމަށް އުއްމީދު ކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅާ ފްލެޓުތައް ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންނާއެކު އެފްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ތަފްސީލް - އެފްޑީސީގެ އޮފިޝަލަކު މިއަދު 'ދައުރު' އަށް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ މި ހަފްތާ ތެރޭ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމަށް ކަމަށެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅާ ފްލެޓުތައް ލިބޭ މީހުންނާއެކު ސޮއިކުރަނީ ފްލެޓުތައް ނިމޭ ތަރުތީބުންނެވެ. މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ މި މަސް ތެރޭ އެ ތަންތަނުގައި ދިރިއުޅެން ފެށޭނެ ކަމަށެވެ.
މި ފްލެޓުތައް ހަވާލުކުރަނީ އެތެރޭގެ މަސައްކަތްތައް ވެސް ނިންމުމަށް ފަހު އެވެ.
އެފްޑީސީ ފްލެޓުތަކަށް ކަނޑައަޅާފައިވާ ކުލި:
ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ؛ ޑައުންޕޭމެންޓަށް 15،000ރ.
ތިން ކޮޓަރީގެ އެޕާޓުމެންޓަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ؛ ޑައުންޕޭމެންޓަށް 25،000ރ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ