ނޮދަން އަޔަލޭންޑް ބަލިކޮށް ޖަރުމަނުން ފުރަތަމަ މޮޅު ހޯދައިފި

ވޯލްޑްކަޕް ކޮލިފައިންގް ގުރޫޕް އޭގައި ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ނޮދަން އަޔަލޭންޑް ބަލިކޮށް ޖަރުމަނުން، މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިންޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޖަރުމަނު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ނޮދަން އަޔަލޭންޑަށް ވެސް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
މިގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ސްލޮވާކިއާ އެވެ. އެޓީމުން ވަނީ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ލަގްޒަމްބާގް ބަލިކޮށްފައެވެ.
ކޮލިފައިންގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ސޮލަވާކިއާ އަތުން ބަލިވެފައިވާއިރު، ނޮދަން އަޔަލޭންޑްގެ ފުރަތަމަ މެޗުގައު އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ލަގްޒަމްބާގް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗުގެ 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޖަރުމަނުންނެވެ.
މެޗުގެ ފުަރަތަމަ ހާފުގައި މޮޅަށް ކުޅެ ޖަރުމަނުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ސާޖް ގްނެބްރީ އެވެ. ނަމަވެސް މިހާފުގައި ނޮދަން އަޔަލޭންޑްސް އިން ޖަރުމަނުގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އިސާކް ޕްރައިސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދީ ފަހުހާފުގެ 69 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ނަދީމް އަމީރީ އެވެ. އަދި އޭގެ ތިން މިނެޓްފަހުން މިޑްފީލްޑަރު ފްލޮރިއަންޓް ވިޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ޖަރުމަން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ