ބްލެކްމެއިލްކޮށް، ބިރުދައްކައި، އޮރިޔާންކޮށް، ވީޑިއޯ ނެގިކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށްފި
މެސެންޖާއިން މީހަކާ ވާހަކަދައްކައި، އޭނާގެ އޮރިޔާން މަންޒަރު ހުރިކަމަށް ބުނެ ބްލެކްމެއިލްކޮށް، ހުޅުމާލެ ގެންގޮސް، ބިރު ދައްްކައި، އޮރިޔާންކޮށް ވީޑިއޯކޮށް، ފޭރުނުކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފެށުނީ، މެސެންޖާއިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައި ބްލެކްމެއިލްކުރި ހިސާބުން ކަމަށެވެ. ބްލެކްމެއިލްކުރުމަށްފަހު ހުޅުމާލެ ފޭސް އެކަކަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކުރުމަށްފަހު ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ކަމަށް އެ އިދާރާއިން ބުންޏެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ވަނީ ހައްޔަރުކޮށްފއެވެ. އެއީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، އުމުރުން 29 އަހަރުގެ މުޙައްމަދު ޟަމީރާއި، ލ. ގަން، ތުނޑި، އަރާއިރު، އުމުރުން 37 އަހަރުގެ ޢަލީ ހައިސަލެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައެވެ. ހުޅުމާލެ ފޭސް އެކެއްގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ވެސް ފުލުހުން ހޯދިއެވެ. ފުލުހުން ބުނި ގޮތުގައި އެއީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވެއެވެ. އޭގެ ތެރޭ ތިން މޯބައިލްފޯނު، ތިން އަތުކުރީގަޑި، އެއް ޑްރޯން، އެއް ދޮށި، ދެ އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވެއެވެ. މީގެ އިތުރުން ހަ ވަޅި ފެނިފައިވެއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް ހަތަރު ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، އެ ދެ މީހުން ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް، ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް މީގެ ކުރިން ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ