ސަބަލެންކާ، ޔޫއެސް އޯޕަން ތަށި ދިފާއުކޮށް ހަމަޖެހުމެއް ހޯދައިފި ސަބަލެންކާ، ޔޫއެސް އޯޕަން ތަށި ދިފާއުކޮށް ހަމަޖެހުމެއް ހޯދައިފި

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 7) - ޔޫއެސް އޯޕަން އަންހެން ސިންގަލްސް ތަށި ދިފާއުކޮށް، ބެލަރޫސްގެ ތަރި، އަރީނާ ސަބަލެންކާ، މި އަަހަރު ފުރަތަމަ ފަހަރަށް ގްރޭންްޑް ސްލޭމެއް ކާމިޔާބުކޮށް ހަމަޖެހުމެއް ހޯދައިފި އެވެ.
ސަބަލެންކާ ވަނީ މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި، މެޑިސަން ކީސް އަތުން ބަލިވެފަ އެވެ. އަދި، ފްރެންޗް އޯޕަން ފައިނަލުގައި ބަލިވީ ކޮކޯ ގޯފް އަތުންނެވެ. އަދި ވިމްބަލްޑަންގެ ސެމީ ފައިނަލުގައި، ސަބަލެންކާ ބަލިވީ އެމެރިކާގެ އަމަންޑާ އަނިމިސޯވާ އަތުންނެވެ.
އެކަމަކު، ސަބަލެންކާ މި ވަނީ، އަނިމިސޯވާ އަތުން ޔޫއެސް އޯޕަން ފައިނަލުގައި ކުރި ހޯދައި، މިދިޔަަ އަހަރުގެ ކާމިޔާބީ އެއް އަހަރުގެ ފަހު ގްރޭންޑް ސްލޭމްގައި ތަކުރާރުކޮށްފަ އެވެ. ސަބަލެންކާ އަށް ޗެލެންޖިންކޮށް ދިޔަ މި މެޗުގެ ސެޓުތައް ދިޔައީ، 6-3 7-6 (7-3) އިންނެވެ.
ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސަބަލެންކާ ބުނީ މި އަހަރުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ފައިނަލުން ބަލިވުމުން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހުނު ކަމަށެވެ. އަދި، އޭގެ ފަހުން، ވިމްބަލްޑަން ސެމީން ކެޓުމުން ލިބުުނު މާޔޫސްކަމުން އަރައިގަނެ، ޔޫއެސް އޯޕަން އަށް ނުކުތީ ތަށި ނޫން އެއްޗެއް ބޭނުންނޫން ކަމަށް ދެކިގެން ހިތްވަރާ އެކުގައި ކަމަށް ސަބަލެންކާ ވަނީ ބުނެފަ އެވެ.
އަނިމިސޯވާ ބުނީ، ޖެހިޖެހިގެން ދެ ގްރޭންޑް ސްލޭމް ފައިނަލުން ބަލިވުމުން، މާޔޫސްކަމެއް އަންނާނެ ކަމަށާއި އެކަމަކު، މިއީ އަދި ކަންކަން ރަނގަޅުކުރަން ފިލާވަޅު ނެގޭނެ ކަމެއްގެ ގޮތުގައި ވެސް ދެކޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ