ހަނިފަރު ބޭއަކީ ރާއްޖޭގެ 'ތެޔޮވަޅު'؛ ހަލާކުކޮށްގެން ނުވާނެ

އެ ވިލުފެހި ފަޅާއި ކަނޑު ދިރުންތަކުގެ ފަރަކީ މުޅި ދުނިޔޭގެ މަގުބޫލުކަން އޮތް ތަނެެކެވެ. ހުޅަނގު މޫސުމަށް މަންޓާ އާއި ފެހުރިއްސާއި އެކި ވައްތަރުގެ މަޑި ވެސް ޖަމާވާ އެ ސޮރުމެންގެ ޖަގަހަ އެވެ. ވެލާ ކަހަނބު ބިސް އަޅާ ތަންތަނާއި ކިރުދޫންޏާއި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހިމެނެ އެވެ.
ހަނިފަރު ބޭއަކީ މި ސަބަބުތަަކަށްޓަކައި، ފަތުރުވެރިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް މަންޒިލެވެ. އެތައް ފައިސާއެއް ރާއްޖޭގެ އިގުތިސޯދުގެ ތެރެއަށް ގެެނެސްދެނީ މި ތަނުންނެވެ. އަރަބި ގައުމުތަކުގެ އިގުތިސޯދު ހިފަހައްޓާ ތެޔޮވަޅުތައްހެން، މިއީ މި ރާއްޖޭގެ ތެޔޮވަޅެވެ. މިފަދަ ގުދުރަތީ ވެށިތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ރައުސުލްމާލެވެ.
ބ. ދޮންފަނުގެ އިރުމައްޗަށްވާ ގޮތަށް އޮންނަ މި ފަޅަކީ 539 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. ޗާލު ފަރުތަކާއި ކަނޑު ދިރުންތަކުން މުއްސަނދި މުޅި މި ބ. އަތޮޅަކީ ވެސް ހިމާޔަތްކޮށްފައިވާ އަތޮޅެކެވެ. ޔުނެސްކޯއިން ކަނޑައަޅާފައިވާ ބަޔޮސްފެއާ ރެޒާވެކެވެ. 
އެ އަތޮޅުގެ އެންމެ މުހިންމު މި ފަޅު މިހާރު މި އޮތީ ނުރައްކަލެއްގެ ތެރޭގަ އެވެ. ދޮންފަނުގެ ބިން ހިއްކަން ނިންމި އިރު އޭގެ އަސަރުތަކެއް މި ފަޅަށް ކުރާނެ އެވެ. އެކަމަކު އެއިން ކުރާނެ އަސަރުތަކެއް އެ ވަރަށް ނުބަލައި ސަރުކާރުން އޮތީ މި މަސައްކަތް ފެށުމަށް ތައްޔާރަށެވެ.
އެ ތަނަށް ޖަމާވާ ކަނޑުދިރުންތައް ޖަމާވުން ހުއްޓިދާނެ އެވެ. އެ ސޮރުމެންގެ ޖަގަހަ ބަދަލުވާނީ މަރުގެ ދަންމަޅިއަކަށް ކަން އެ ސޮރުމެނަށް ވެސް އެނގޭނެތާ އެވެ.
މި ކަންބޮޑުވުންތަކާ އެކު، މަޝްރޫއު ހުއްޓާލަން ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ވެސް މިހާރު ސޮއިކުރަން ވަނީ ފަށައިފަ އެވެ.
ހަނިފަރު ބޭގެ ރީތިކަން ދައްކުވައިދޭ ވީޑިއޯއެއް:
ތިމާވެއްޓާއި ޓޫރިޒަމަށް ވެސް އެހާމެ ބޮޑު އަސަރެއްކުރާނެ ނިންމުމެއް ސަރުކާރުން މި ނިންމީ، މަޝްރޫއެއް ހިންގުމުގެ ސަބަބުން ވެއްޓަށް ކުރާ އަސަރު ދެނެގަންނަން އޮތް ނިޒާމަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.
އިއްތިފާގަކަށް ވެސް ވެދާނެ އެވެ. އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރާ މުއައްސަސާ ވަކި ގަވަނިން ބޯޑަކުން ހިންގާ ގޮތަށް އޮތުމަށް ފަހު، މިނިސްޓްރީގެ ދަށުން ހިންގާ ސެކްޝަނަކަށް ވަނީ ބަދަލުކޮށްފަ އެވެ.
އީކޯކެއާ މޯލްޑިވްސްގެ އެޑްވަކަސީ ޑިރެކްޓަރު މައީދު ޒާހިރު އެކްސްގައި ސުވާލު އުފެއްދެވީ ވެސް އީއައިއޭ ފެންނަން ނެތުމުން އެކަމާ އެވެ.
"އީއައިއޭގެ ނިންމުން ފެންނާނީ ކިހިނެއް؟ އީއައިއޭ ކޮބައިތަ؟ ހަނިފަރަކީ މަންޓާ ރޭ އާއި ވޭލް ޝާކް ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ފީޑިން އެގްރިގޭޝަން ސައިޓް، އެ ތަނުގެ އޮއިވަރަށް ބަދަލެއް އަންނާނެ ކަމެއް ކުރުމަކީ އެ ސައިޓަށް ސީދާ އަސަރުކުރާނެ ކަމެއް،" މައީދު ލިއުއްވާފައިވެ އެވެ.
މައީދު ދެން ފާހަގަކުރެއްވި ކަމަކީ ސަރުކާރުން ތައްޔާރުކުރަމުންދާ 20 އަހަރުގެ ތަރައްގީގެ ޕްލޭން އާއި ހެކިތަކުގެ މައްޗަށް ސިޔާސަތު ކަނޑައެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށެވެ. އީއައިއޭގެ ފުރިހަމަ ދިރާސާއެއް ނެތި މި ގޮތަށް މަޝްރޫއެއް ގެންދިއުމަކީ އެ ސިޔާސަތާ ހިލާފަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިގު މުއްދަތުގެ އިގުތިސޯދީ އަސަރުތަކާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް އެއްވެސް ބެލުމެއް ނެތި، އިސްކަންދޭން ޖެހޭ މަޝްރޫއުތައް ރާވައި ހަވާލުކުރަމުންދާނަމަ، 20 އަހަރުގެ ތަރައްގީގެ ޕްލޭނެއްގެ ބޭނުމެއް އެބައޮތްތަ؟ އެ ޕްލޭން ހަދަން ވެގެން މަޝްވަރާއާއި ހިޔާލު ހޯދަން އެތައް މިލިއަނުން ހަރަދުކުރުން ބޭކާރެއް ނޫންތަ؟،" މައީދު ސުވާލު އުފެއްދެވި އެވެ.
ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހް ވެސް ވިދާޅުވީ ހަނިފަރާ އެހާ ކައިރީގައި އޮންނަ ދޮންފަނުގެ ފަޅުން ބިން ހިއްކައިފި ނަމަ ހަނިފަރަށް ވެސް ކިސަރުގެ އަސަރުކޮށް މަންޓާއާއި މަޑި އެ ތަނުން ދެން ނުފެންނާނެ ކަމަށެވެ. އެއީ ދަރަވަންދޫގެ ބަނދަރު ހެދި ދުވަސްވަރު ވެސް ކޮންމެ ވެސް ވަރަކަށް ފާހަގަކުރެވުނު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ދޮންފަނު މި އޮންނަނީ ހަނިފަރާ ވަރަށް ކައިރީގައި. ރަނގަޅު އީއައިއޭއެއް ނެތި، ޝޯ ޕްރޮޓެކްޝަންގެ ރަނގަޅު ޕްލޭނެއް ނެތި މިހާރު އެ ހިއްކާ ގޮތަށް ހިއްކައިފިނަމަ ހަނިފަރަށް ވަރަށް ބޮޑެތި އަސަރުކުރާނެ. މަންޓާއަކީ މި ބ. އަތޮޅުގެ ރަމްޒު، އެއަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރުން ބަލައެއް ނުގަނެވޭނެ،" އަފްރާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން މިފަދަ ނިންމުމެއް ނިންމި އިރު އަތޮޅު ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. މުޅި އަތޮޅުގެ އިގުތިސޯދާއި ވެއްޓާ ގުޅުން ހުރި ކަމެއްގައި އަތޮޅު ކައުންސިލާ މަޝްވަރާ ނުކުރި ސަބަބެއް އަދި މަޝްވަރާ ނުކުރާތީ މި ކަމުގައި ސަރުކާރުން ގެންގުޅޭ ޕްލޭނެއް ސާފުނުވާ ކަމަށް އަފްރާހް ވިދާޅުވި އެވެ.
އަފްރާހް ވިދާޅުވީ އެއީ ދޮންފަނުގެ މީހުން ބޭނުން ޖެހިފައިވާ ކަމަކާ ދެކޮޅުވުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. ދޮންފަނުގެ މީހުނަށް ބޭނުން ޖެހިފައިވާ ކަމެއް ފުއްދުމަށް، ހަނިފަރަށް އަސަރުނުކުރާނެ ގޮތަކަށް ރޭވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ