ކަމެއްކުރަން ބޭނުންވާއިރަށް ވިސްނައިލެވެނީ ބޭންކް އެކައުންޓާއިމެދުގައެވެ. އަމިއްލަ އެކައުންޓުގައި ފައިސާހުރި ޢަދަދަކާއިމެދުގައެވެ. މަދުވެއްޖެނަމަ ބުރަ މަސައްކަތްކޮށްގެންވެސް ބޭނުންވާ ޢަދަދަށް އެކައުންޓަށް ފައިސާ ޖަމާކުރަމުއެވެ. ސުވާލަކީ އެގޮތަށް އެކަންކުރާއިރު ޤިޔާމަތްދުވަހު ސުވަރުގެ ވަންނަން ބޭނުންވާވަރަށް ހެޔޮ ޢަމަލުތައް ކުރެވޭކަމާއިމެދު ވިސްނާލަމުހެއްޔެވެ؟ އިތުރުކުރަން އެބަ މަސައްކަތްކުރަމު ހެއްޔެވެ؟
ދުނިޔެ ކުރިއަރައި ތަރައްޤީވަމުން މިހިސާބަށް އައިއިރު ތަފާތު ވައްތަރުގެ ބޭންކް ކާޑްތައް ވަނީ އުފައްދައިފައެވެ. އެއިގެ ތެރެއިން ބައެއް ކާޑަކީ ދުނިޔޭގެ ކޮންމެ ޤައުމެއްގައި ހުރެގެން ކޮންމެ ވަގުތަކުވެސް ބޭނުންކަމެއް ކޮށްލަން ބޭނުންކުރެވިދާނެ ކާޑެކެވެ. އެކައުންޓުގައި ފައިސާހުރެފައި އެކާޑު އަތުގައި އޮތްނަމަ ޙާޞިލުނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ! އެފަދަ ކާޑަށް ގޯލްޑް ކާޑުވެސް ކިޔައެވެ.
ހަމަ މިމޭރުމުން އަހަރެމެންގެ އާޚިރަތާއިމެދުވެސް ވިސްނައިލަން އެބަޖެހެއެވެ. އެދުވަހުން ވެސް ގޯލްޑް ކާޑެއް އެބަ ބޭނުންވެއެވެ. އެކާޑުގެ އެކައުންޓަށް އަޅަން މިޖެހެނީ ހެޔޮ ޢަމަލުތަކެވެ. ތިމާއަށް ކުރެވިފައިވާ ފާފަތަކުގެ ހިސާބު ކަނޑައިލެވޭ ވަރަށް އެކައުންޓަށް ހެޔޮ ޢަމަލުތައް ޖަމާކުރަން އެބަޖެހެއެވެ.
މިގޮތުން އެންމެ މުހިންމުކަމެއް ދޭންޖެހެނީ ނަމާދަށެވެ. އެގޮތުން ކުޑަކުޑަ ހިސާބެއް ބަލައިލަމާ ހިނގާށެވެ!
ތިބާ ދުނިޔޭގައި ހުރީ 60 އަހަރުއެވެ. އެިގެ ތެރެއިން 50 އަހަރަކީ ތިބާ ބާލިޣްވެ ނަމާދަށް ދަރާ 50 އަހަރުކަމަށް ބަލާށެވެ! އެހެންކަމަށްވެއްޖެ ނަމަ ތިބާ އެބަ 91250 ފަރުޟު ނަމާދުކުރަން އެބަޖެހެއެވެ. އެއީ ތިބާ ދުނިޔޭގައި ހުރީ 18250 ދުވަހު ކަމަށް ބެލުމުންނެވެ.
ނިކަން ބުނެބަލާށެވެ! މިކަމަށް ތިބާ ރައްކައުތެރިވެ އެކައުންޓަށް ޖަމާކުރެވުނީ ކިތައް ނަމާދުހެއްޔެވެ؟
91250 ނަމާދު ކުރެވިފައިވާނަމަ ތިބާއަށް އެ އަދާކުރެވުނީ ހަމައެކަނި ދަރަންޏެވެ. ތިބާއަށް ކުރެވުނު ފާފަތައް ކޮބައިހެއްޔެވެ؟ ސުވަރުގެ ވަނުމަށްޓަކައި ތިމާގެ އަމަލުތައް ހެޔޮކަމުގެކޮޅަށް ބަރުކުރަން ކުރެވުނީ ކޮން އިތުރު ކަންތައްތަކެއް ހެއްޔެވެ؟ ރޯދަ ހިފައި ޒަކާތްދީ ޙައްޖުވެ ސުންނަތް ނަމާދުތައްކޮށް އަދި ޞަދަޤާތްކުރުން ގިނަކުރަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފަށަމުން މިބަޔާންކުރި މިސާލުގައި ބުނިފަދައިން ބޭންކް އެކައުންޓަށް ވީހާގިނަ ފައިސާ ޖަމާކޮށް ގޯލްޑްކާޑުން ބޭނުންހައި ޚަރަދެއްކޮށްލައިގެން ދުނިޔޭގައި ކިތަންމެ އުފަލުގައި އުޅެވުނު ނަމަވެސް އެކަމުން ކުރާނެއެއްވެސް ފައިދާއެއް ނެތެވެ! ޙަޤީޤީ ފައިދާއެއް ކުރާނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނެ ވަގުތު، މީޒާނުގައި ޢަމަލުތައް ކިރައިލެވޭހިނދު ފާފައިގެކޮޅަށްވުރެ ހެޔޮ އަމަލުތަކުގެ ކޮޅަސް ބުރަކޮށްލެވިގެންނެވެ.
އަދި ވަރަށް މުހިންމު އެއްކަންތައް ހަނދާންކޮށްލައިދޭނަމެވެ. ކުރިން ބުނިފަދައިން ތިބާގެ އެކައުންޓަށް ކޮންމެ ދުވަހަކު ޖަމާކުރަންޖެހޭ އަޅުކަމުގެ ތެރެއިން ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ޖަމާކުރެވިފައިވާނަމަ ތިމާ އުފަލުން ފޮޅިގެންދާނެއެވެ. އެހެނީ ތިބާ ވަންނާނީ ތިބާއަށްޓަކައި ސުވަރުގޭގައި ﷲ ތަޢާލާ ބިނާކުރައްވަވައި ދެއްވަވާފައިވާ ސުވަރުގެއަށެވެ! މިއީ ޙަދީޘްފުޅުން ޔަޤީންކަން ލިބިފައިވާ ަމެކެވެ. އެކަމަށް ފަރުވާކުޑަ ނުކުރާށެވެ! ކޮންމެ ގޮތަކުން ނަމަވެސް އެކަން ފުރިހަމަކުރާށެވެ!
ސުވާލެއްވެސް ކޮށްލާނަމެވެ. ފިހާރައަކަށް ދާނަމަ ފައިސާ ނުވަތަ ބޭންކުގެ ކާޑެއް ގެންދަމުއެވެ! ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ ބައަކު ﷲ ތަޢާލާގެ ޙަޟްރަތަށް މިދަނީ ހުސްއަތާއެވެ. ދެން ލިބޭނީ ކޮންއެއްޗެއް ހެއްޔެވެ؟ މިސުވާލު ހިތުގައި ބާއްވައިގެން އުޅޭ މީހަކަށް ޤިޔާމަތް ދުވަހު ހިތާމަކުރާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެންމެ ފައިދާހުރި ކޭޝްކާޑު ލިބޭނީ ބޭންކަކުން ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ