ޒަމީރު 'ޖަވާބުދާރީކުރުވަން' އެމްޑީޕީން ފިނޭންސް ކުރިމައްޗަށް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހަޅުއްވާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމަށް ބުނެ، އެ މެންބަރުންނާއި އެމްޑީޕީގެ ހަރަކާތްތެރިންތަކެއް ފިނޭންސް މިނިސްޓްރީ ކުރިމައްޗަށް މިއަދު އެއްވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު 10:30 އިން ފެށިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ހަރަކާތްތެރިން ގެންދަނީ ފިނޭންސް މިނިސްޓްރީ ކުރިމަތީ ތިބެގެން އަޑުއުފުލަމުންނެވެ.
ގަޑިއިރެއް ވަން ދެން އަޑުއުފުލުމަށް ފަހު، އެކްޓިވިސްޓުންނާ އެކު މަޖިލިސް މެންބަރުން މިނިސްޓްރީގެ ދޮރު ކުރިމައްޗަށް އެއްވި އެވެ.
ތަފްސީލް - ޕާލިމެންޓްރީ ގްރޫޕުގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު އަހުމަދު މައުރޫފު އެ ތަނުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަންދޫބުންނާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެން ދިވެހި ފުލުހުންގެ ކިބައިން މަޖިލީހުގެ މެންބަރުން އެ ތަނުގެ ތެރެއަށް ވަންނަން ފުރުސަތު ދޭން. އަޅުގަނޑުމެންނަށް އިތުބާރު ކުރުމަށް،" މިނިސްޓްރީ ތެރެއަށް ނުވަދެވޭ ގޮތަށް ފުލުހުން ދޮރު ކުރިމަތީ ތިބުމުން މައުރޫފު ވިދާޅުވި އެވެ.
އެތެރެއަށް ވަންނަން މެންބަރުން ގަދަހަދަން ފެއްޓެވެމުން، އިރުކޮޅެއް ފަހުން އެތެރެއަށް ވަންނަން ފުރުސަތު ދިނެވެ. އަދި މެންބަރުން މި ވަގުތު ގެންދަވަނީ ފިނޭންސް މިނިސްޓްރީގެ ރެސެޕްޝަނުގައި ތިބި މުވައްޒަފުންނާ ވާހަކަ ދައްކަވަމުންނެވެ.
މެންބަރުން އެތެރެއަށް ވަންނަން ފުރުސަތު ދިން ފަހުން ވެސް، އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ދޮރު ހުޅުވަން ގޮވާލަމުންނެވެ. ނަމަވެސް ދެން ތިބި މީހުން އެތެރެއަށް ވަންނަން ފުލުހުން ފުރުސަތެއް ނުދެ އެވެ.
ފާހަގަކޮށްލެވޭ - އެމްޑީޕީން ގެންދަނީ ކޮންމެ ދުވަހަކު ގޮތަކަށް މިފަދަ އެއްވުންތައް ރާވައި ހިންގަމުންނެވެ. އެ ޕާޓީން ވަނީ މުޅި މަހު މިފަދަ އެއްވުންތަކާއި ހަރަކާތްތައް ބާއްވަމުން ގޮސް އަންނަ މަހު ތިންވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް ވެސް ނިންމައިފަ އެވެ.
އޭގެ ފަހުގައި މި މުޒާހަރާތައް ސިލްސިލާކޮށް ބާއްވަމުން ގެންދާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ