ވޯލްޑްކަޕް ކޮލިފައިންގް ގުރޫޕް އައިގައި މިރޭ ރަށުން ބޭރުގައި އިޒްރޭލާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު 5-4 ގެ ނަތީޖާއަކުން މޮޅުވެ އިޓަލީ އިން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ކޮލިފައިންގައި އިޓަލީ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓޯނިއާ އަތުން އަމިއްލަ ދަނޑުގައި 5-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އިޒްރޭލް އެންމެ ފަހުން ރަށުން ބޭރުގައި މޯލްޑޯވާ އަތުން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިޓަލީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އިޓަލީ އިން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އިޒްރޭލުން ވެސް ދެލަނޑު ކާމިޔާބުކުރިއެވެ.
އެގޮތުން މިމެޗުގައި އިޓަލީގެ ފޯވާޑް މޮއިސް ކީން ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މަޓެއޯ ޕޮލިޓާނޯ، ޖިއަކޯމޯ ރަސްޕަޑޯރީ އަދި ސަންޑްރޯ ޓޮނަލީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އިޒްރޭލްގެ ޑޯރ ޕެރެޓްޒް ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަނެއް ދެލަނޑަކީ އިޓަލީގެ ޑިފެންޑަރު އަލްސަންޑްރޯ ބަސްޓޯނީ އަދި މިޑްފީލްޑަރު މެނުއަލް ލޮކަޓެއްލީ އަތުން ބައިކޮޅަށް ވަން ދެލަނޑެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުން ހަތަރު މެޗުން އިޓަލީއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އިޒްރޭލް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން އެޓީމަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވައިގައެވެ.
ރަށުން ބޭރުގައި އިޓަލީ އިން އިޒްރޭލް ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ