އަހަރެއްގެ ތެރޭ ދެ އިންތިހާބަކުން ބަލިވުމުން ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ އިސްތިއުފާ ދެއްވައިފި އެވެ.
އިޝިބާ އެ ފިޔަވަޅު އެޅުއްވީ އޭނާގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން އެތެރޭގެ ލީޑާޝިޕްގެ އިންތިހާބެއްްް ބާއްވާނެތޯ ވޯޓަށް އަހާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ.
ފާއިތުވި 70 ވަރަކަށް އަހަރުގެ ތެރެއިން ބޮޑު ބައެއްގައި ޖަޕާނުގައި ވެރިކަންކޮށްފައި ވަނީ އެލްޑީޕީ އިންނެވެ. ނަމަވެސް އިޝީބާގެ ލީޑާޝިޕްގައި އެ ޕާޓީއަށް 15 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ތިރިގޭގެ އަގުލަބިއްޔަތު ވަނީ ގެއްލިފަ އެވެ. އަދި އޭގެ ފަހުން މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ޕާޓީއަށް މަތިގޭގެ އަގުލަބިއްޔަތު ވެސް ވަނީ ގެއްލިފަ އެވެ.
ޖަޕާނުގައި ސިޔާސީ ނުތަނަވަސް ކަމެއް އުފެދުނު ދަނޑިވަޅަކީ، ޗައިނާއާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެ، ސަރަހައްދީ ނުތަނަވަސްކަން ވެސް އުފެދިފައިވާ ދަނޑިވަޅެކެވެ.
ޖަޕާނަކީ ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު އިގުތިސާދު އޮންނަ ގައުމެވެ.
"އެމެރިކާގެ ޓެރިފް ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް މިހާރު ވަނީ ނިމުމަކަށް އައިސްފައި، އަދި މިވަގުތަކީ އަޅުގަނޑު އިސްތިއުފާ ދޭން އެންމެ ރަނގަޅު ވަގުތު،" އިޝިބާ ވިދާޅުވި އެވެ.
އާދީއްތަ ދުވަހާ ހަމައަށް އޭނާ ވަނީ އިސްތިއުފާ ދެއްވުމަށް އެދުނު އެދުމަށް ދެކޮޅު ހައްދަވައި އިސްތިއުފާ ދެއްވުމުގެ ކުރިން ވޮޝިންޓަނާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމަށް ވިދާޅުވެފަ އެވެ.
"ގައުމީ ކާރިސާއެއްގެ ގޮތުގައި ބެލެވިދާނެ އެމެރިކާގެ ޓެރިފް ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ފައިނަލް ކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރަން،" އިޝިބާ،68، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމަނިކުފާނުގެ މަގާމު އަދާކުރައްވާނެ ބޭފުޅަކު މަތިކުރެވެންދެކަށް "ރައްޔިތުންނަށް" މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
އެލްޑީޕީން މިހާރު އާ ލީޑަރަކު ކަނޑައަޅާނެ އެވެ. އަދި އެއަށް ފަހު އެބޭފުޅަކަށް ތާއީދު އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. އާ ބޮޑުވަޒީރު މަގާމާ ހަވާލުވެވަޑައިގަންނަވާނީ އެއަށް ފަހު އެވެ.
އިޝިބާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެރިކަމަށް ވަޑައިގަތީ ތަކެތީގެ އަގުތައް ތިރިކުރައްވާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް އިގްތިސާދީ ދަތިތަކާއި ދިރިއުޅުމުގެ ހަރަދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި އެމެރިކާއާ އެކު އުފެދިފައިވާ ސިޔާސީ ގުޅުންތަކާ ކުރިމަތިލާން ޖެހުމުން އޭނާއަށް އިތުބާރު އުފެއްދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.
އަހަރެއްހާ ދުވަހުގެ ތެރޭގައި އިންފްލޭޝަން މަތިވެ، ހަނޑުލުގެ އަގު ވަނީ ދެ ގުނަ އަށް އުފުލިފަ އެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ސިޔާސީ ވެރިންނަށް ވަނީ ކުރިމަތިވެފަ އެވެ.
ބަލި ގަބޫލުކުރައްވައި ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ