ރައީސަށް ފެނިވަޑައިގަންނަވަނީ ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހުންނަށާއި ކުރީގެ ރައީސުންނަށް މިހާރު ދެމުންނާ އިނާޔަތު ފައިސާ މަދުކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ކޮންގްރެސް ޕާޓީގެ މަޖިލީސް މެންބަރުންގެ ވަޓްސްއަޕް ގުރޫޕަށް މިއަދު ފޮނުއްވެވި މެސެޖެއްގަ އެވެ. މެންބަރުންގެ ހިޔާލަށް އެދިވަޑައިގެން ރައީސް ފޮނުއްވެވި އެ މެސެޖުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހުންނަށާއި ކުރީގެ ރައީސުންނަށް މިހާރު ދެމުންނާ އިނާޔަތު ފައިސާ މަދުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރާއި މަޖިލީސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނާއި ހާދިމުން ކަަން ހަނދާން ކޮށް ދެއްވަވާ އަމަލު ކުރަން ޖެހޭނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. ހާއްސަކޮށް ކުރީގެ ރައީސުންނަށެވެ. އެ ގޮތުން ރައީސުންގެ އިނާޔަތަށް މަހަކު 50,000 ރުފިޔާއާ އޮފީސް ހިންގުމުގެ ހަރަދަށް 175,000 ރުފިޔާ އާއި ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް މަހަކު 50,000 ރުފިޔާ ދަނީ ދެމުންނެވެ.
މީގެ އިތުރުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާއި މެޑިކަލް ކަންކަމަށް ވެސް ދައުލަތުން ހަރަދު ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހުންގެ ތެރެއިން އެއް ދައުރު ފުރިހަމަ ކޮށްފައިވާ މީހަކަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަމަ ކޮށްފައިވާނަމަ 45 އިންސައްތަ ދޭން ޖެހެ އެވެ. ނަމަވެސް އެ އިނާޔަތް ލިބެނީ އުމުރުން 55 އަހަރުވުމުންނެވެ. އެ އިނާޔަތް ލިބޭނަމަ އެހެން އިނާޔަތް ނުލިބޭ ގޮތަށް ވެސް އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ