މަޓާޓޯގެ ސީއީއޯގެ މަގާމުން ސޫޒަން އިސްތިއުފާ ދެއްވައިފި މަޓާޓޯގެ ސީއީއޯގެ މަގާމުން ސޫޒަން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމުން އާމިނަތު ސޫޒަން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ސޫޒަން މަގާމުން އިސްތިއުފާދެއްވިކަން މަޓާޓޯއިން ވަނީ އިއުލާންކޮށް، އޭނާ ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.
ސޫޒަން ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތަށް އިސްކަން ދިނުމުގެ ގޮތުން ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި އެއްބާރުލުން ދިން އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޖެނުއަރީ 27، 2024، ގައި މަޓާޓޯގެ ސީއީއޯއަކަށް އައްޔަންކުރި ސޫޒަންގެ ލީޑާޝިޕްގެ ދަށުން މަޓާޓޯއަށް ގިނަ ބަދަލުތަކެއް ގެނެސް، އެތަނުގެ ލޯގޯ ބަދަލުކޮށް، އައު ވެބްސައިޓް ލޯންޗުކުރި އެވެ.
މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ އަންހެން އެޑިޝަން ބޭއްވުމުގެ އިތުރުން އޭނާގެ ލީޑާޝިޕްގެ ދަށުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން އިތުރު ކުރުމަށް ވެލްކަމް އިންޑިއާގެ ނަމުގައި ރޯޑް ޝޯއެއް ވެސް ބާއްވާފައިވެ އެވެ.
ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އެމްޑީކަން ކުރިން ފުރުއްވި ސޫޒަން އަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރުގެ އިތުރުން ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) ގެ އެގްޒެކެޓިވް ބޯޑު މެންބަރެވެ.
ބޭންކިން ދާއިރާއިން މަސައްކަތުގެ މާހައުލަށް ނިކުތް ސޫޒަން ވަނީ އެޗްއެސްބީސީ މޯލްޑިވްސްގެ ޕްރިމިއާ ބޭންކިންގެ މޫނުގެ ގޮތުގައި ހަތް އަހަރު ހިދުމަތް ކުރައްވާފަ އެވެ. އެއަށްފަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކުރައްވައި، ރާއްޖޭގެ ރިސޯޓް ޑިވެލޮޕްމަންޓް ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނި، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގައި އިސްކޮށް މަސައްކަތް ކުރެއްވި އެވެ.
އޭގެ އިތުރުން އޭނާ ވަނީ ދެކުނު ކޮރެއާގައި ކުރިއަށްދިޔަ 43 ވަނަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންސް (އިފާވަޕްކާ) ކޮންވެންޝަންގެ ޗީފް ޑެލިގޭޓްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރެއްވުމުގެ އިތުރުން ރާއްޖޭގައި ބޭއްވި 45 ވަނަ އިފާވަޕްކާ ކޮންވެންޝަންގެ އޯގަނައިޒޭޝަންގެ ޗީފް އެގްޒެކެޓިވްގެ މަގާމު ވެސް އޭނާ ފުރުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ