ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވާސިޓީތަކުން ޕްލޭސްމަންޓު ހޯދައިދޭނެ ކަމަށް ބުނެ ޒީޑު އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ސްކޭމް ކުރަމުން އަންނަ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ މިއަދު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށް އެނގިފައިވެ އެވެ. ޒީޑް އިންޓަނޭޝަނަލްއަކީ ކްރިކެޓް ބޯޑުގައި މަސައްކަތް ކުރާ އަބްދުﷲ އިމާދު އިސްމާއިލްގެ ނަމުގައި ހިންގާ ކުންފުންޏެކެވެ. އެތަން ހިންގަނީ ވެސް ކްރިކެޓު ބޯޑުގެ އޮފީހުގައި ކަމަށްވެ އެވެ.
"އަޅުގަނޑުގެ އާއިލާގެ ތިން ކުއްޖަކު 30،000 ޑޮލަރު ދިން. ޕްލޭސްްމަންޓު ލިބުން ކަމަށް ވެސް ބުނި. އެކަމަކު ކިޔަވަން ދިޔައީމަ މި އެނގެނީ ޕްލޭސްމަންޓެއް ވެސް ނެތްކަން. ދެން އެ ފައިސާ ވެސް ނުލިބިގެން މި އުޅެނީ. ކިތަންމެ ކުއްޖަކަށް މިހެން ދިމާވެއްޖެ،" އެ މައްސަލައިގައި ޒީޑުގެ އޮފީހަށް ދިޔަ މީހަކު މި ނޫހާ ވާހަކަ ދައްކަމުން މިއަދު ބުންޏެވެ.
ޒީޑަށް ދިން ފައިސާ ހޯދަން އެ ކުންފުނީގެ އޮފީހަށް މިއަދު ބެލެނިވެރިން ދިޔައިރު، އެމީހުންނާއެކު ފުލުހުންގެ ބަޔަކު ވެސް އުޅުނެވެ. ކުންފުނީގައި މަސައްކަތް ކުރާ ލަންކާ މީހާ ހައްޔަރު ކުރީ އޭގެ ފަހުންނެވެ. އަބްދުﷲ އިމާދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އެކަމަކު އޭނާ ހައްޔަރެއް ނުކުރެ އެވެ.
އެ ކުންފުނީގެ ވެބްސައިޓުގައި ލިސްޓުކޮށްފައިވާ ނަންބަރަށް މި ނޫހުން ގުޅުމުން އަދި މެސެޖު ކުރުމުން ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެންވެ މި ހަބަރަށް އެ ކުންފުނީގެ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމާމެދު ފުލުހުން ވެސް އަދި އެއްޗެއް ނުބުނެ އެވެ.
ޒީޑު އިސްތިހާރު ކުރަނީ މަތީ ތައުލީމު، ޓުއަރިޒަމް އަދި ވިޔަފާރީގެ ކޮންސަލްޓޭޝަން ދިނުމަށް ހާއްސަ ކުންފުންޏެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އިތުރުން އޮމާން އަދި ލަންކާގައި ހަރަކާތްތެރިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ފައިސާ ހޯދަނީ ޕްލޭސްމަންޓު ހޯދައިދިނުމުގެ އިތުރުން، ފުރަތަމަ ސެމިސްޓާގެ ކޯސް ފީ ވެސް ދައްކައިދޭނެ ކަމަށް ބުނެ އެވެ. އޭގެ އިތުރުން ވިސާ ހަމަޖައްސައިދިނުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ޒީޑުން ބުނެ އެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ޒީޑު އިންޓަނޭޝަނަލް އިން ދަރިވަރުން ސްކޭމް ކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ޒީޑު އިންޓަނޭޝަނަލް އިން ދަރިވަރުން ސްކޭމް ކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ