ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން ނޭޕާލްގެ ސަލާމަތީ ކަންކަމާ ސިފައިން ހަވާލުވެއްޖެ

ނޭޕާލުގެ އެކި ހިސާބުތަކުގައި ގާތްގަޑަކަށް 27 ގަޑިއިރު ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން، ބޮޑުވަޒީރު ކޭ ޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމުން، ނޭޕާލް ގަޑިން މިރޭ 10ކުން ފެށިގެން އެ ގައުމުގެ ސަލާމަތީ ކަންކަމާ ސިފައިން ހަވާލުވެއްޖެއެވެ. ޑިރެކްޓަރޭޓް އޮފް ޕަބްލިކް ރިލޭޝަންސް އެންޑް އިންފޮމޭޝަނުން ނެރުނު ބަޔާނެއްގައި ސިފައިން ބުނީ ބައެއް ޖަމާއަތްތަކުން ދަތި ހާލަތުގައި އުޅެމުންދާ އާންމު ރައްޔިތުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށެވެ. އެގޮތުން އެފަދަ ހަރަކާތްތައް ކުރިއަށްދާނަމަ، ނޭޕާލް ސިފައިން ހިމެނޭ ގޮތަށް ސަލާމަތީ ހުރިހާ މެކޭނިޒަމްތަކެއް ބޭނުންކޮށްގެން އަނިޔާވެރިކަން ކޮންޓްރޯލް ކުރާނެ ކަމުގެ އިންޒާރު އެ ބަޔާނުގައި ދީފައިވެއެވެ. ނޭޕާލް ސިފައިން ވަނީ އެކަން ކަމަށް އާންމުންގެ އެއްބާރުލުން ދިނުމަށް ވެސް ގޮވާލާފައެވެ. ބޮޑުވަޒީރު އޮލީ އިސްތިއުފާ ދެއްވި ފަހުން ވެސް ނޭޕާލްގެ ބައެއް ހިސާބުތަކުގައި މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި، ރައީސް އޮފީހާއި، ރައީސްގެ ގެކޮޅާއި، ސުޕްރީމް ކޯޓާއި، ސިޔާސީ ޕާޓީތަކުގެ އޮފީސްތަކާއި، އިސް ލީޑަރުންގެ ގެތަކުގައި ވަނީ އަލިފާން ރޯކޮށްފައެވެ. ބޮޑުވަޒީރު އޮލީ މަގާމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަނާއި ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެން ހޯމަ ދުވަހުން ފެށިގެން ޒުވާނުން ކުރަމުން އައި މުޒާހަރާތައް ހޫނުވެ، ފުލުހުންނާ ކުރިމަތިލުންތައް ހިނގައި 19 މީހަކު މަރުވުމުން އިސްތިއުފާ ދެއްވުމަށް އެދި އެތައް ސަތޭކަ ބަޔަކު އެމަނިކުފާނުގެ އޮފީހަށް ވަދެވަޑައިގެންނެވިތާ މާގިނަ އިރުތަކެއް ނުވެއެވެ. ހަމަނުޖެހުންތަކުގައި ދައުލަތުގެ އިދާރާތަކުގައި ރޯކުރަމުން އަންނައިރު، ދުންގަނޑު ބޯވެ، ވިޒިބްލިޓީ ދަށްވުމުގެ ސަބަބުން ބޯޓުތަކަށް ދަތުރުނުކުރެވި އެ ގައުމުގެ ގައުމީ ވައިގެ ބަނދަރު، ކަތުމަންޑޫގެ ޓްރިބޫވާން އިންޓަނޭޝަނަލް އެއާޕޯޓް (ޓީއައިއޭ) ވެސް ވަނީ ބަންދުކޮށްފައެވެ. ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ. މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށް ވެސް ޒުވާނުން ދިޔައީ ގޮވާލަމުންނެވެ. މުޒާހަރާތަކާ ގުޅިގެން ނޭޕާލްގެ ރައީސް ރާމް ޗަންދްރަ ޕުޑެލްވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ