ކުރީގެ ޔޫތު މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަޅޮޅު ދެކުނު ދާއިރާގެ މެންބަރުކަން ދެ ދައުރަކު އަދާކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
ވީކިހިނެއް؟ - އެމްޑީޕީން މަހްލޫފް ވަކިވެވަޑައިގަތްކަން ފާހަގަކުރައްވައި، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަހްލޫފް މިއަދު ސިޓީއެއް ވަނީ ފޮނުއްވައިފަ އެވެ.
ތަފްސީލް - މަހްލޫފް ފޮނުއްވި ސިޓީގައި އޭނާ ވަކިވެވަޑައިގަންނަވާ ސަބަބެއް ލިއުއްވާފައެއް ނުވެ އެވެ. އެ ސިޓީގައި ވަނީ:
އެމްޑީޕީއަށް 15 އަހަރު ދުވަހު ހިދުމަތްކުރަން ލިބިވަޑައިގެންނެވި ފުރުސަތަށް ޝުކުރުއަދާކުރައްވާ ކަމަށް
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެނެސްދިން ތަރައްގީތަކުގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާތީ އުފާކުރައްވާ ކަމަށް
އެމްޑީޕީން ވަކިވެވަޑައިގަންނަވަން ނިންމެވުމުން އެކަމާ ހިތްހަމަނުޖެހުމެއް އެއްވެސް މެންބަރެއްގެ އޮތް ނަމަ އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް
މަހްލޫފް ދެން ސިޔާސީ މަސައްކަތްކުރައްވާނެ ގޮތެއް އަދި ނޭނގެ އެވެ. މި ފަހުން ވެސް ސޯލިހުގެ ފެކްޝަނުން ބޭއްވި ބައްދަލުވުންތަކުގައި މަހްލޫފް ބައިވެރިވެވަޑައިގެންފައިވެ އެވެ.
ފަސްމަންޒަރު- މަހްލޫފްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. 17ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބުވީ ވެސް ޑީއާރުޕީގެ ޓިކެޓުގަ އެވެ. ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން 2011ގައި އުފެއްދި ޕީޕީއެމްއާ މަހްލޫފް ވެސް ގުޅިވަޑައިގަތެވެ.
މަހްލޫފް ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގި ބައެއް ކަންކަމަށް ހިތްހަމަޖެހިވަޑައިނުގެނެވެ. އޭރު އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި ވެސް މަހްލޫފް ބައިވެރިވެވަޑައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެއްވި އެވެ.
މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ 2018ގެ ރިޔާސީ އިންތިހާބަށްފަހުގަ އެވެ. އެ އިންތިހާބަށްފަހު އެކުލަވާލި އެމްޑީޕީގެ ސަރުކާރުގައި މަހްލޫފް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.
މަހްލޫފް އެމްޑީޕީން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ