ކޮންޖަރިންއަށް ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް

މިހާތަނަށް މި ފަހުގެ ތާރީހެއްގައި އެޅުވި އެންމެ މަގުބޫލު ބިރުވެރި ފިލްމު ފްރެންޗައިޒް "ދަ ކޮންޖަރިން"ގެ ހަތަރުވަނަ ބަޔަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ. ޕެޓްރިކް ވިލްސަންއާއި ވެރާ ފާމިގާ ލީޑުން ފެނިގެންދާ އާ ފިލްމަށް ކިޔާނީ "ކޮންޖަރިން: ދަ ލާސްޓް ރައިޓްސް" އެވެ. މި ހަފުތާ ބަންދުގައި ދައްކަން ފަށާފައިވާ މި ފިލްމަކީ ކޮންޖަރިން ސީރީޒްގެ އެންމެ ފަހު ފިލްމެވެ. އެއާއެކު ޕްރޮޑަކްޝަނުން އުއްމީދު ކުރަމުން ދިޔައީ މި ފިލްމު ވެގެންދާނީ ހިޓަކަށް ކަމަށެވެ. އެގޮތުން ހަފުތާ ބަންދުގައި އެކަނިވެސް މި ފިލްމަށް 50 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވޯނާ ބްރޮސް އިން ލަފާކޮށްފައިވެއެވެ. ނަމަވެސް ކުންފުނީގެ އަންދާޒާތަކަށްވުރެ ވެސް ފިލްމުގެ މަގުބޫލުކަން ބޮޑެވެ. އެގޮތުން ފިލްމުގެ އާމްދަނީ ހަފުތާ ބަންދުގައި އެކަނިވެސް 80 މިލިއަން ޑޮލަރު ފަހަނަ އަޅާފައިވެއެވެ. މިއީ 35 މިލިއަން ޑޮލަރުގެ ބަޖެޓަކުން ތައްޔާރުކުރި ފިލްމަކަށް ބޮޑު ކާމިޔާބީއެކެވެ. އެއާއެކު މި ފިލްމު މިއޮތީ ހިޓަކަށް ވެފައެވެ. އެހެންނަމަވެސް ކްރިޓީކުންގެ މެދުގައި ކޮންޖަރިން މާ ބޮޑު މަގުބޫލުކަމެއް ހޯދާފައެއް ނުވެއެވެ. ރޮޓެން ޓޮމާޓޯސްގައި މި ފިލްމަށް ލިބިފައިވަނީ 55 ޕަސެންޓެވެ. މިއީ މިއަހަރު ނެރުނު ބޮޑެތި ބިރުވެރި ފިލްމުތަކާ ބަލާ ނަމަ ދަށް ރޭޓިންއެކެވެ. އެގޮތުން މިއަހަރު ނެރުނު ބައެއް ބިރުވެރި ފިލްމުތައް އޮތީ 90 އިން މަތީގައި ރޭޓިން ހިފަހައްޓާލާފައެވެ. އޭގެތެރޭގައި "ބްރިންގް ހާ ބެކް" އާއި "ވެޕަންސް" އަދި "ސިނާސް" ފަދަ ފިލްމުތަކުގެ ރޭޓިން ހުރީ 90 އިން މަތީގައެވެ. އެމެރިކާގެ ސުޕަނެޗުރަލް އެކްސްޕާޓުން ކަމަށްވާ އެޑް އަދި ލޮރޭން ވޯރެން ދެމަފިރިންގެ ވާހަކަތަކަށް ބިނާކޮށް ތައްޔާރުކުރާ ކޮންޖަރިން ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. ކޮންޖަރިންގެ ފުރަތަމަ ފިލްމުން ފެށިގެން އޭގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުގެ ރޯލު އަދާކުރަމުން އަންނަނީ ބިރުވެރި ފިލްމުތައް އުފެއްދުމަށް މަގުބޫލު ޑައިރެކްޓަރު ޖޭމްސް ވާންއެވެ. މިހާތަނަށް މި ފްރެންޗައިޒްގެ ތިން ފިލްމެއް ނެރެފައިވާއިރު އެންމެ ފަހުން ފިލްމެއް ނެރުނީ 2021 ވަނަ އަހަރުގައެވެ. އެ އަހަރު ނެރުނު ފިލްމަށް ކިޔަނީ "ދަ ޑެވިލް މޭޑް މީ ޑޫ އިޓް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ