މި ސަރުކާރުން ދެ އަހަރުގެ ބަޖެޓު ހުސްކުރިއިރު ދާއިރާގެ އެއްވެސް މަޝްރޫއެއް ނިންމާފައި ނުވޭ: އައްބާސް މި ސަރުކާރުން ދެ އަހަރުގެ ބަޖެޓު ހުސްކުރިއިރު ދާއިރާގެ އެއްވެސް މަޝްރޫއެއް ނިންމާފައި ނުވޭ: އައްބާސް

މި ސަރުކާރު ވެރިކަމަށް އައި ފަހުން މި ވީ ދެ އަހަރުގެ ބަޖެޓު ހުސްކޮށްލިއިރު، އޭނާ ނިސްބަތްވާ ދާއިރާގައި ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނިންމިފައި ނުވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަ ބަޖެޓަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓުގެ ގޮތުގައި 110 ބިލިއަން ރުފިޔާ ހުސްކޮށްލިއިރު، އޭނާގެ ދާއިރާގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ.
"އިއްޒަތްތެރި ރައީސް. އަޅުގަނޑުގެ ކަންބޮޑުވުމަކީ 110 ބިލިއަން ރުފިޔާގެ ބަޖެޓު. 2024 އަދި 2025 ވަނަ އަހަރު ނިމިގެންދިޔައިރު، އަޅުގަނޑުގެ ދާއިރާގައި ހިމެނޭ ތިން ރަށުން ކުރެ އެއްވެސް ރަށެއްގެ އެއްވެސް މަޝްރޫއެއް ނުނިމި އޮތުން،" އައްބާސް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގައި ވެލިދޫގެ އިތުރުން ހިމެނެނީ ފޮއްދޫ އަދި ޅޮހި އެވެ. އައްބާސް ވިދާޅުވި ބައެއް މަޝްރޫއުތައް ފެށި ނަމަވެސް މަޑުޖެހިފައިވާ ކަމަށެވެ.
އެގޮތުން މި އަހަރު ފެށި ފޮއްދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ ބަރަވެލި ދުވެލީގައި ކަމަށާއި މިދިޔަ ސަރުކާރުން 85 ޕަސެންޓު ނިމިފައި އޮތް ނަރުދަމާގެ މަސައްކަތުގައި މި ސަރުކާރުން "އަތްނުލާ" ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެލިދޫގަ ގިނަ ޕްރޮޖެކްޓުތަކެއް ސަރުކާރުން ފެށައިގެން ކުރިއަށް އެބަ ގެންދޭ އިއްޒަތްތެރި ރައީސް. އެހެން ނަމަވެސް ހޮސްޕިޓަލުގެ ބިންގާ އޮތީ އެޅި ގޮތަށް. އިތުރު މަސައްކަތެއް އެތާކު ކުރާ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" އައްބާސް ވިދާޅުވި އެވެ.
ދާއިރާގެ އިތުރުން، މުޅި ރާއްޖެއަށް ބަލައިލާނަމަ ފެނިގެންދަނީ އިގުތިސޯދި ހީނަރުވެ ވިޔަފާރިތައް ބަނގުރޫޓުވެ ބަންދުކުރަން މަޖުބޫރުވެފައިވާ މަންޒަރު ކަމަށް އައްބާސް ވިދާޅުވި އެވެ. އުފާވެރި މަންޒަރެއް ފެންނަނީ ބަޖެޓު ފޮތުގައި ލިޔެފަ އޮތް އެއްޗަކަށް ބެލުމުން ކަމަށާއި ބަޖެޓަށް އަމަލުކޮށް އެކަންކަން ކުރާނެކަން އެނގޭނީ އަންނަ އަހަރު ނިމުނީމަ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް. 2026 ވަނަ އަހަރުގެ ބަޖެޓު ކިތަންމެ އުޖާލާ ނަމަވެސް. ބަޖެޓުގައި އޮތް ގޮތަކަށް އަމަލުކުރާނެ ކަމަކަށް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ އަމަލުތަކަށް ބަލާއިރު އަޅުގަނޑަކަށް އެއްވެސް އުންމީދެއް ނެތް،" އައްބާސް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.
ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ