ސެންޓޭގެ ގޯލާއެކު ޖިބިއްލީ ސެމީއަށް، އަލިފުށި ކަޓައިފި
މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އަލިފުށި ރެކްރިއޭޝަން ކްލަބާ ވާދަކޮށް 1-1 އިން މެޗު އެއްވަރުކޮށް، މަހިބަދޫގެ ޖިބިއްލީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 73 ވަނަ މިނެޓުގައި ޖިބިއްލީއަށް ލީޑު ނަގައިދިނީ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އަލިފުށީގެ ބިދޭސީ ކުޅުންތެރިޔާ ގާނިއު އަޓަންޑާ ޖެހި ގޯލުން މެޗުގެ ނަތީޖާ އެއްވަރުވިއެވެ. މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އަލިފުށި ރެކްރިއޭޝަން ކްލަބާއި ޖިބިއްލީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި މެޗު އެއްވަރުވުމުން އަލިފުއްޓަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. ސަބަބަކީ ސެމީގެ ޖާގައެއް ހޯދަން އެޓީމަށް މި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތުމެވެ. ގްރޫޕް އޭގެ ނަތީޖާތަކަށް ބަލާއިރު، މާޒިޔާ ޖޫނިއާސް، ޖިބިއްލީ އަދި އަލިފުއްޓަށް ވެސް ލިބިފައިވަނީ 5 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން މާޒިޔާ އެއްވަނަ ހޯދިއިރު، ޖިބިއްލީއަށް ލިބުނީ ދެވަނައެވެ. ތިންވަނައަށް ދިޔަ އަލިފުއްޓާއި ފުލަށްދިޔަ ކެނދިކުޅުދޫ ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް ބީ އިން ސެމީއަށް ހޮވުނީ ނައިފަރު ޗެލްސީ އާއި އެފްސީ މާފަރެވެ. މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އަލިފުށި ރެކްރިއޭޝަން ކްލަބާއި ޖިބިއްލީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޭޕްރީލް 27 ވާ ހޯމަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މާޒިޔާ ޖޫނިއާސް ނުކުންނާނީ އެފްސީ މާފަރާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖިބިއްލީ ވާދަކުރާނީ ނައިފަރު ޗެލްސީއާއެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޭޕްރީލް 30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ