މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ފަށައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ފެންނަން ހުރި ބައެއް ވީޑިއޯތަކަށް ބަލާއިރު، މާލޭގެ މަގުމަތިން މީހަކު އާޒިމަށް ހަމަލަ ދޭން މަސައްކަތްކުރާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް، މޭޔަރުގެ އަރިހުގައި ތިބި ފަރާތްތަކުން އެކަން ހުއްޓުވައި، އެމީހާ ދުރަށް ޖައްސާތަން ވެސް ފެނެއެވެ.
މި މައްސަލައާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އެކަން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެ، ބަޔާނެއް ނެރުއްވައިފައެވެ. މި ބަޔާނުގައި، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި، އަދި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
އާޒިމަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ