ތިލަފުށީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ "ލޯކަލް ހާބަރ ރިލީފް ޕްރޮޖެކްޓް" ގެ ފުރަތަމަ ފިޔަވަހީގެ ތިމާވެށީގެ އަސަރު ދެނެގަންނަ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބިޑަށް ހުޅުވާލައިފިއެވެ.
އެމްޕީއެލް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އަމަލީ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އީއައިއޭ ދިރާސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދައުވަތު އަރުވާ ކަމަށެވެ. މި ދިރާސާ އަމާޒުކުރެވިފައިވަނީ، ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުމަށާއި މިހާރު ހުރި ބަނދަރުތަކަށް ބާރުބޮޑުވުން ކުޑަކުރުމަށް ހިންގާ ބޮޑު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސަށެވެ.
އިޢުލާނާއެކު އާންމުކުރި މަޝްރޫޢުގެ ލިޔެކިޔުންތަކުގައިވާ ގޮތުން، ތިލަފުށީގައި ހިންގާ މި މަޝްރޫޢަކީ، ގައުމީ ފެންވަރުގައި މުދާ އުފުލުމުގެ މަސައްކަތްތައް ފުޅާކުރުމަށް އެމްޕީއެލް އިން ގެންގުޅޭ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަސައްކަތެވެ. މި މަޝްރޫޢުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުމާއި، ބިން ތައްޔާރުކުރުމުގެ އިތުރުން ޕައިލް ކުރުމުގެ މަސައްކަތްތަކެވެ.
ހޮވޭ ކޮންސަލްޓަންޓްގެ ޒިންމާއަކީ ކަނޑުގެ ފެނުގެ ފެންވަރު ބެލުމާއި، ކަނޑުގެ އަޑީގެ ޗާޓު ކުރެހުމާއި، ފަރުތަކާއި، މޫދުވިނަ އަދި މަސްމަހާމެހީގެ އާބާދީއާއި ކަނޑުގެ ދިރުންތައް ދިރާސާކުރުމެވެ. މީގެ އިތުރުން، އެއްގަމުގެ ހާލަތާއި، ވައިގެ ފެންވަރާއި، އަޑުގަދަވާ މިންވަރާއި، އޮއިވަރު ހުންނަ ގޮތްވެސް ދިރާސާކުރަން ޖެހެއެވެ.
މި ދިރާސާތަކުގެ އިތުރުން، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައް އަންދާޒާކޮށް ވަޒަންކުރަން ޖެހެއެވެ. މީގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު ކުލަބަދަލުވުމާއި، ކަނޑުގެ ދިރުންތަކުގެ މާހައުލަށް އަންނަ ބަދަލުތަކާއި، އަޑުގެ ސަބަބުން ކުރާ އަސަރުތައް ހިމެނެއެވެ. އަދި މަސައްކަތުގެ ތެރެއިން އުފެދޭ ކުނިބުންޏާއި، ތެލާއި ކެމިކަލް ބޭނުންކުރުމުގައި ހުރި ނުރައްކާތައްވެސް ދިރާސާގައި ހިމަނަންޖެހެއެވެ.
އީއައިއޭ މަރުހަލާގެ މުހިންމު ބަޔަކީ ކަމާބެހޭ ފަރާތްތަކާ (ސްޓޭކްހޯލްޑަރުން) މަޝްވަރާކުރުމެވެ. ގައުމީ ތިމާވެށީގެ އުސޫލުތަކާ އެއްގޮތަށް ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރިތަކާއި، އެހެނިހެން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް އެމްޕީއެލް އިން ޝަރުތުކުރެއެވެ. ނިންމާ އީއައިއޭ ރިޕޯޓަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ މިންގަނޑުތަކަށް ފެތޭ، އަދި ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މޮނިޓަރިންގ ޕްލޭން ހިމެނޭ ރިޕޯޓަކަށް ވާންޖެހެއެވެ.
މީގެ އިތުރުން، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާއި، އަމަލީ މަސައްކަތް ފެށުމުގެ ކުރިން އީޕީއޭ އިން ހޯދަންޖެހޭ ހުއްދަތައް ހޯދުމަކީވެސް ކޮންސަލްޓަންޓްގެ ޒިންމާއެކެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 4 މޭ 2026 ގެ 13:00 ގެ ކުރިން ރަޖިސްޓަރީ ކުރަންޖެހޭއިރު، ސާފުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ސުވާލު ހުށަހެޅުމުގެ ފުރުސަތު 7 މޭ އާ ހަމައަށް އޮންނާނެއެވެ. އެންމެ ފަހުގެ ޕްރޮޕޯސަލްތައް 13 މޭ ގެ 13:00 ގެ ކުރިން އެމްޕީއެލް އަށް އީމެއިލް ކުރަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ 100 ޕޮއިންޓުގެ ސިސްޓަމަކުންނެވެ. މީގެ ތެރެއިން އެންމެ ގިނަ މާކްސް ކަނޑައެޅިފައިވަނީ އަގަށެވެ. މީގެ އިތުރުން ފައިސާ ދައްކަންޖެހޭ ގޮތާއި ތަކެތި ފޯރުކޮށްދޭނެ މުއްދަތަށް ވެސް މާކްސް ދެވޭނެއެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ކުރީގެ ތަޖުރިބާއަކީ މަޖުބޫރު ޝަރުތެއް ކަމުގައިވާއިރު، އެ ބައި ބަލާނީ ފާސްވާ ނުވަތަ ފާސްނުވާ އުސޫލުންނެވެ.
ތިލަފުށީގައި ތަރައްޤީކުރާ ލޯކަލް ހާބަރގެ އީއައިއޭ ސާވޭ ކުރާނެ ފަރާތެއް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ