ނަޝީދު ކެމްޕެއިންގައި އިބްރާހީމް ވަހީދު ބައިވެރިވާތީ ފިޔަވަޅު އަޅަން އެދިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރައްވާ ކެމްޕެއިން ހަރަކާތްތަކުގައި އެމްޑީޕީގެ އިދާރީ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ބައިވެރިވާތީ ފިޔަވަޅު އަޅަން އެދިއްޖެ އެވެ.
ވީކިހިނެއް؟ - އިބްރާހީމް ވަހީދަށް ފިޔަވަޅު އަޅަން އެދިވަޑައިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާއަށް ޝަކުވާއެއްް ފޮނުއްވަނީ ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމެވެ.
ތަފްސީލް - ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯތަކުން އިބްރާހިމް ވަހީދު ފެންނާތީ އޭނާ އެކަމުގައި ބައިވެރިވާ ކަން ކަށަވަރުވާ ކަމަށެވެ. 
މީކާއިލް ވިދާޅުވީ އިދާރީ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ޗެއާޕާސަނަކީ ޕާޓީގެ މެންބާޝިޕްގެ ކަންކަމާއި ޕާޓީގެ ހަރަކާތްތައް ބަލަހައްޓަވާ އެންމެ އިސް އެއް ފަރާތް ކަމަށްވާތީ، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އޭނާ ހުންނަވަން ވާނީ ވަކި އަތަކަށް ބުރަނުވެ ކަމަށެވެ. 
އޭނާ އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ މި އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކުރާ ކެންޑިޑޭޓަށް ނާޖާއިޒު ގޮތުގައި ފޯރުކޮށްދެވޭނެ ކަމެއް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 
އެހެންވެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން މުއްދަތު ނިމެންދެން އިބްރާހިމް ވަހީދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް މީކާއިލް އެދިވަޑައިގެންފައިވެ އެވެ. 
ފާހަގަކޮށްލެވޭ - މީގެ ކުރިން ވެސް އިބްރާހީމް ވަހީދު މަގާމުން ވަކިކުރުމަށް ވަގުތީ ޗެއާޕާސަން ގަފޫރު ނިންމެވި އެވެ. އެކަމަކު އިންތިހާބީ މަގާމަކުން އެ ގޮތަށް ވަކިނުކުރޭވޭނެތީއާއި އެތެރޭގައި އޭރު އުފެދުނު މައްސަލަތައް ހައްލުކޮށް އޭނާގެ މަގާމު އަލުން އިއާދަކުރި އެވެ.
މީކާއިލަށް ތާއީދުކޮށް ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ސަޕޯޓަރުންނާއި އިސް ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ