ކަންބޮޑުވުންތަކާއެކު، ވިލިމާލޭގައި އަޅާ އެއް ޓަވަރު އެހެން ސަރަހައްދަށް ބަދަލުކުރަން ނިންމައިފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި އިމާރާތް ކުރާ، 300 ހައުސިން ޔުނިޓްގެ ޓަވަރުތައް އަޅަން ނިންމައިފައިވާ ސަރަހައްދާ ގުޅޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އޭގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓްރީން ކުއްޔަކާ ނުލައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދީފައިވާ ބިމުގައި، 300 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާއެވެ. އެ މަޝްރޫއުގެ ބިންގާ މިދިޔަ މަހުގެ 26ގައި ވަނީ އަޅައިފައެވެ. އެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތައް އަޅަނީ، މާލޭ ސަރަހައްދުގައި އެންމެ ދުވަސްވީ ގަސްގަހާގެހި މިހާރު އެންމެ ގިނައިން ހުންނަ ވިލިމާލޭ ފުނަވާ ސަރަހައްދުގައިކަން ފާހަގަކޮށް، ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ނިންމުން ބަދަލުކުރުމަށް އެދި، ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ މީހުން އިހުތިޖާޖު ވެސް ކޮށްފައިވެއެވެ. https://sun.mv/220019 އެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސް ޖާގަ ނެތްކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކު، އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމީވެސް ދެބަސްނުވެވޭނެ ހަގީގަތެއް ކަމަށް އޭނާ ލިިޔުއްވާފައިވެއެވެ. އެހެންވެ، އެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ނަމަވެސް މި ސަރަހައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފުލެޓު އިމާރާތްކުރަން ލިބެން ހުރި ބިންތައް މަދުވުމަކީ ވެސް ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://x.com/muththo/status/2048367690063237249 އެ ގޮންޖެހުންތަކާއެކު ވެސް، ސަރުކާރުން އަބަދުވެސް ބަލާފައިވާނީ ބޮޑެތި ފުނަގަސް ނުކަނޑައި ވިލިމާލޭގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެ ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރުވަނީ ނިންމާފައެވެ.މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިލިމާލޭގައި އަޅާ ޓަވަރުތަކުގެ އިތުރުން، އެ އަވަށުގައި އަޅާ 100 އެނދުގެ ހޮސްޕިޓަލް އިމާރާތް ކުރަން ކަނޑައަޅައިފައިވާ ސަރަހައްދާ ގުޅޭ ގޮތުން ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ "ސޭވް މޯލްޑިވްސް" އިން މީގެ ކުރިން އާންމުކުރި ސިޓީއެއްގައި ވަނީ ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ އެ ހޮސްޕިޓަލް އެޅުމަށް 50 އަށްވުރެ ގިނަ ގަސް ހުރި ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. https://sun.mv/219719 އެ ޖަމިއްޔާއިން ވަނީ ވިލިމާލޭގެ ފެހިކަން ނައްތާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ، މާލެ ސަރަހައްދު އިތުރަށް ތޮއްޖެއްސުމުގެ ބަދަލުގައި، އަތޮޅުތެރޭގެ ސަރަހައްދީ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށް ގޮވާލައިފައެވެ. ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ވިލިމާލޭގައި ހިންގާ މަޝްރޫއުގައި 17 ފަންގިފިލާގެ ތިން ޓަވަރު، އެ އަވަށުގެ ފެހިކަން ނުގެއްލޭނެހެން ތަރައްގީކުރާނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ބޮޑު މިނުގައި 900 އަކަފޫޓު ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ