ބޮޑީބޯޑިން ލީގުގެ ޕޮއިންޓުދެވޭ އުސޫލައް ބަދަލުތަކެއް

މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ނެޝަނަލް ބޮޑީބޯޑިން ލީގުގެ ޕޮއިންޓު ދެމުން އައި ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްބީބީއޭގެ ޖެނެރަލް ސެކްރެޓެރީ ހަސަން ރަޝީދު ވިދާޅުވީ މީގެ ކުރިން ޤައުމީ ބޮޑީބޯޑިން ލީގުގައި ޕޮއިންޓް ދެމުން އައިގޮތަށް ބަދަލުތަކެއް ގެނެސްފައިވާނެކަމަށެވެ. މީގެ ކުރިން ލީގުގެ ތިން މުބާރާތުގައި ވާދަނުކޮށްވެސް ލީގު ކަށަވަރުކުރުމުގެ ފުރުސަތު އޮންނަކަމަށާ މިހާރު ގެނެވުނު ބަދަލުތަކާއެކު ލީގުގެ ތިން މުބާރާތުގައިވެސް ވާދަކުރަންޖެހޭނެކަމަށެވެ.
"މިފަހަރުގެ މުބާރާތުގަ ޕޮއިންޓް ދިނުމުގައި ހުންނާނެ ތަފާތުތަކެއް ގެންގުޅެފަ، ކުރީ އަހަރުތަކުގައި ތަންކޮޅެއް ބޮޑު ގެޕެއް އިނދޭ އެއް އިވެންޓާ އަނެއް އިވެންޓާ ޕޮއިންޓުގެ. މިފަހަރު އުޅޭނެ 200 ޕޮއިންޓުގެ ތަފާތެއް. މިހާރު އެއް މުބާރާތުގައި ވާދަނުކޮށް އައިސް އަނެއް މުބާރާތުގައި ވާދަކުރި ނަމަވެސް އެކުއްޖާއަށް ލީގު ކަށަވަރުކުރަން ވަރަށް ބޮޑު ޗާންސެއް ލިބޭ. އޭގެ ބަދަލުގައި މިފަހަރު ބައްޓަންކޮށްފައި އިންނާނީ ޕޮއިންޓުތައް ކައިރިކޮށްފަ، އޭގެ މާނައަކީ އެކުދިން ޖެހޭނެ ހަމަ ހުރިހާ މުބާރާތެއްގައި ވާދަކުރަން. އޭރުން ރޭންކިންގަ ހިފަހައްޓާލެވޭނީ. އޭރުން ރޭންކިން ނިންމާފަ ޤައުމީ ޓީމަށްވެސް ފުރުސަތު ބޮޑުވާނެ" ހަސަން ވިދާޅުވިއެވެ.
އެމްބީބީއޭގެ ލީގުގައި ހިމެނޭ މުބާރާތްތަކަކީ މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ ބުރުނު ޝިކާރު ބޮޑިބޯޑިން ޗެލެންޖްގެ އިތުރުން މާލެއިން ބޭރުގައި ބޭއްވުމަށް ރާވަމުންދާ މުބާރާތަކާއި ޤައުމީ ބޮޑިބޯޑިން މުބާރާތްކަމަށްވާ ބަނޑުފިލާ ޗެލެންޖްއެވެ.
ލީގުގައި ޕޮއިންޓު ބެހިގެންދާނެ އުސޫލަށް ބަލާއިރު ބުރުނު ޝިކާރު ޗެލެންޖަށް ކަނޑައަޅާފައިވަނީ 1700 ޕޮއިންޓެވެ. އަދި ދެވަނަ މުބާރާތަށް 1500 ޕޮއިންޓް ކަނޑައަޅާފައިވާއިރު، ލީގު ފަހު މުބާރާތްކަމަށްވާ ބަނޑުފިލާ ޗެލެންޖަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ އަދަދަކީ 2000 އެވެ.
ޤައުމީ ބޮޑީ ބޯޑިން ލީގަށް ގެނެވުނު މިބަދަލާއެކު ލީގު ޗެންޕިއަންކަން ލިބިގެންދާނީ ތިން މުބާރާތުގައިވެސް ވާދަކޮށް ރޭންކިން ހިފަހައްޓާ އެތުލީޓުންނަށެވެ. އަދި އެއެތުލީޓުންނަށް ޤައުމީ ބޮޑީބޯޑިން ޓީމުން ފުރުސަތު ލިބިގެންދާނެކަމަށް އެމްބީބީއޭގެ ޖެނެރަލް ސެކްރެޓެރީ ހަސަން ރަޝީދުވަނީ މައުލޫމާތުދެއްވާފައެވެ.
"މިމުބާރާތަށް (ބުރުނު ޝިކާރު ޗެލެންޖް) އަޅުގަނޑުމެން މީނީ 1700 ޕޮއިންޓް، ދެވަނަ މުބާރާތަށް 1500 ޕޮއިންޓް އަދި ދެވަނަ މުބާރާތަށް 2000 ޕޮއިންޓް. އޭގެ މާނައަކީ އެއް މުބާރާތުން ލީގެއް ކަށަވަރެއް ނުވާނޭ. ލީގު ޗެންޕިއަންކަން ހޯދަންޏާމު ހަމަ ހުރިހާ މުބާރާތެއްގައިވެސް ވާދަކޮށްގެން ކޮންސިސްޓެންޓްކޮށް މުބާރާތްތަކުގައި އަޅައިގެން ހަމަ އެކުއްޖަކަށް ލީގުވެސް ކަށަވަރުވާނީ އަދި ގައުމީ ޓީމަށްވެސް އެރުމުގެ ފުރުސަތު ލިބޭނީ" ހަސަން ވިދާޅުވިއެވެ.
މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން އެސޯސިއޭޝަންގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތްކަމަށްވާ ބުރުނު ޝިކާރު މިމަހުގެ 27 އިން އަންނަމަހުގެ 1 ގެ ނިޔަލަށް ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގައި ހަތަރު ޑިވިޝަނަކުން 35 އެތުލީޓުން ވާދަކުރެއެވެ. މިމުބާރާތުގައި މިއަހަރު މުޅިން އަލަށް ޖޫނިއާ ވިމެންސް ޑިވިޝަން ހިމަނާފައިވާއިރު އުމުރުން އެންމެ 9 އަހަރުގެ އެތުލީޓުންވެސް މިމުބާރާތުން ފެނިގެންދާނެއެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އަންނަނީ އައު ބޮޑީބޯޑަރުން އުފެއްދުމަށް "ހުދު ފޮނު"ގެ ނަމުގައި ގްރާސްރޫޓް ފެންވަރުގެ ޤައުމީ ޓްރޭނިން ޕްރޮގްރާމްތަކެއްވެސް ހިންގަމުންނެވެ.
މިދިޔަ އަހަރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ޕްރޮގްރާމް ހިންގާފައިވާއިރު މިއަހަރުވެސް މާލޭގެ އިތުރުން 6 ރަށެއްގައި މި ހަރަކާތް ކުރިއަށްގެންދިއުމަށް އެމްބީބީއޭއިންވަނީ ނިންމާފައެވެ.
އެގޮތުން ނ. ޅޮހީން މި ޕްރޮގްރާމު މިއަހަރު ފަށާފައިވާއިރު، އަންނަ މޭމަހުގެ 24 ވަނަ ދުވަހު މި ޕްރޮގްރާމު މާލޭގައި ކުރިއަށްދާނެއެވެ. އަދި ޖޫން 19 ން 21 އަށް ބ. މާޅޮހުގައިވެސް ހުދުފޮނު ޕްރޮގްރާމް ބާއްވަން ނިންމާފައިވާއިރު ޖުލައި 30 އިން 31 އަށް ފުވައްމުލަކު ސިޓީގައިވެސް މި ޕްރޮގްރާމް ކުރިޔަށްދާނެއެވެ.
ސެޕްޓެމްބަރު މަހުގެ 13 ގައި މާލޭގައި ކްލިނިކް ބާއްވާއިރު، އޮކްޓޫބަރު 23ން 25 ށް ދ. ކުޑަހުވަދޫގައި އަދި ނޮވެމްބަރު 20 އިން 22 އަށް ތ. ހިރިލަންދޫގައި ހުދުފޮނު ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް އެއެސީސިއޭޝަނުން ވަނީ ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ