އެމްޑީޕީ ދޫކޮށްލެއްވި ވާހަކަ އިތުރަށް ދައްކަވަން ނަޝީދު ބޭނުންފުޅެއް ނުވޭ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވައި ފަހުން އެމްޑީޕީ ވެސް ދޫކޮށްލެއްވި ސަބަބުތަކުގެ ވާހަކަ އިތުރަށް ދައްކަވަން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެމްޑީޕީއަށް އަނބުރާ ވަޑައިގެން ނަޝީދު މި ވަގުތު ކެމްޕެއިންކުރައްވަމުން ގެންދަވަނީ އެ ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމު ކަމުގައިވާ ޗެއާޕާސަންގެ މަގާމަށެވެ. ނަޝީދާ ވާދަވެރި ފެކްޝަންތަކުން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ވެސް 2023 ވަނަ އަހަރު އެ މަނިކުފާނު އެމްޑީޕީ ދޫކޮށްލައްވައި އެ ޕާޓީ "ރޫޅާލާނެ" ކަމަށް އިންޒާރު ދެއްވައި ދެއްކެވި ވާހަކަތަކަށެވެ.
ޗެއާޕާސަންގެ ކެމްޕެއިނުގައި ނަޝީދު މިއަދު އައްޑު އަތޮޅު ހުޅުދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ހުށަހަޅުއްވާ 'ބޮޑު ބަދަލު'ގައި ހިމެނޭ ގާނޫނުއަސާސީ ބަދަލުކުރުމުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި ވެސް އެ ތަނަށް ގޮސް އިން ޕާޓީގެ ސަޕޯޓަރަކު ސުވާލުކުރީ 2023 ވަނަ އަހަރު ނަޝީދު ޕާޓީ ދޫކޮށްލެއްވި ސަބަބާ ގުޅޭ ގޮތުންނެވެ.
ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޕާޓީއާ އެ މަނިކުފާނު ދުރަށް ޖެހުނު ސަބަބުގެ ވާހަކަ ދައްކަވަން ބަލާއިރު އެއީ "ވަރަށް ގިނަ ވާހަކަ" ކަމަށެވެ. އަދި އިތުރަކަށް އެ މަނިކުފާނު އެ ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު މި ހުރީ މި ތަނަށް އައިސް. އަޅުގަނޑު މިހާރު މި އުޅެނީ މި ޕާޓީ އަލުން އަނބުރާ ވެރިކަމަށް ގެންނަން،" ކުރިން ދެއްކެވި ވާހަކަތަކަކީ މާޒީކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އާއިލާއާ ދުރުގައި ހުރުން އުނދަގޫވާ ގޮތަށް ނަޝީދަށް ވެސް އެމްޑީޕީއާ ދުރުގައި ހުންނެވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީއަކީ އެ މަނިކުފާނުގެ އާއިލާހާ ގާތް ބައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"ޕާޓީއެއް ހަދާފައި މި އޮތީ އަޅުގަނޑުމެން އެންމެންގެ ވެސް ވަރަށް ބުރަ މަސައްކަތުން. ދެން މިއަކުންނެއް އަޅުގަނޑަކަށް ހަގީގަތުގައި ދުވަހަކު ވެސް [ދުރަށް] ނުދެވޭނެ. އަޅުގަނޑަކަށް އަޅުގަނޑުގެ އާއިލާ، ދަރިން ދޫކޮށްލާފައި ނުދެވޭނެ. އެމްޑީޕީ ދޫކޮށްލާފައި ވެސް ނުދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީ ދޫކޮށްލެއްވީ ކީއްވެގެންތޯ ތިޔަ ސުވާލުގެ ޖަވާބު އަޅުގަނޑު މިހާރު ދޭން އުޅެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ހަމަ ކޮނުނު ކޮނުނު ވަރަކަށް ފަސްހެން ގިނަވާނީ،" އެ ސުވާލުގެ ޖަވާބު ނިންމަވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ނަޝީދު އަނބުރާ އެމްޑީޕީއަށް ވަޑައިގަތުމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިދިޔަ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފެކްޝަނުން މަސައްކަތްކުރަމުން ގެންދަނީ ނަޝީދުގެ ފެކްޝަނާ އެކުގަ އެވެ. ޗެއާޕާސަންގެ ކެމްޕެއިން ދަތުރުތަކުގައި ވެސް ނަޝީދުގެ އެންމެ އަރިހުގައި ހުންނަވަނީ ފައްޔާޒެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ތާއީދުކޮށް ކެމްޕެއިން ކޮށްދެމުން ގެންދަނީ މީކާއީލަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ 12 ޖޫނުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ