ކިރިޔާ ވެސް ޑިމޮކްރަސީ ހިނގާނަމަ އިސްތިއުފާ ދޭންވީ ރައީސް މުއިއްޒު: ނަޝީދު
ކިރިޔާ ވެސް ޑިމޮކްރަސީއެއް ހިނގާނަމަ އިސްތިއުފާދެއްވަންވީ މިނިސްޓަރުން ނޫން ކަމަށާއި އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. 'ބޮޑު ބަދަލު'ގެ ނަމުގައި ގިނަ އިސްލާހީ ބަދަލުތަކެއް އިއުލާނުކުރައްވައި، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވަޑައިގަންނަވަން އެ މަނިކުފާނު އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ. އައްޑޫ ހިތަދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ 'ބޮޑު ބަދަލު' މެނިފެސްޓޯގެ ކަންކަން ހިއްސާކުރައްވަން ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުގެ މިނިސްޓަރުންގެ ދެބައިކުޅައެއްބައި ބޭފުޅުން އެއްފަހަރާ އިސްތިއުފާދެއްވުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އެއީ، އެމްޑީޕީއާ ބެހޭ ކަމެއް ކަމަށާއި އެކަން ވެރިންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އެ މަނިކުފާނު ގަބޫލުފުޅުކުރައްވައެވެ. https://sun.mv/220693 "އަޅުގަނޑު ވޮޝިންޓަންގައި ހުއްޓާ ފަތިހު ތެދުވިއިރުގައި ދިވެހި ދައުލަތުގެ ކެބިނެޓުގެ ދެބައިކުޅައެއްބައި ވީނުވީއެއް ނޭނގި ވަކިކުރައްވައިފި. ވިދާޅުވީ، އެއީ އެ މީހުންނާ ހުރެޔޯ އިންތިޚާބުން ބަލިވީ،" ހައިރާންވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވިއެވެ. "އެ ވަގުތަކީ ކިރިޔާ ވެސް ޑިމޮކްރަސީއެއް ހިނގާ ގައުމެއް ނަމަ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާ ދަނޑިވަޅު. އެއީއަކީއެއް ދެން ހުންނެވޭނެ ވަގުތެއް ނޫން،" ނަޝީދު ވިދާޅުވީ، ދައުރުގެ މެދުތެރެއިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނާކާމިޔާބުވުމަކީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވަކިކުރައްވަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެއީ، އެ ބޭފުޅުންގެ ބޮލުގައި އެޅުއްވޭނެ ޒިންމާއެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މާލޭގައި ހުންނަވައިގެން ރައީސް މުއިއްޒު ވަރަށް ބޮޑަށް ކެމްޕޭން ކުރެއްވިކަން ފާހަގަކުރައްވައި، ނަޝީދު ވަނީ އެ ކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދު އައްޑޫގައި: އެ މަނިކުފާނު ގެންދަވަނީ އެމްޑީޕީ ޗެއާޕާސަންކަމަށް ކެމްޕޭން ކުރައްވަމުން -- ފޮޓޯ/ އެމްޑީޕީ "އެ ބޮޑު މާލޭގެ ވެސް ހުރިހާ ވޯޓެއް ނަގައި ހުސްކުރީ އެމްޑީޕީން. ދެން އެ ވިދާޅުވީ، އެކަން އެހެން ހިނގީ ޣައްސާނާ ހުރެއޭ. އާދަމް ޝަރީފާ ހުރެއޭ. އަސްވާޑާ ހުރެއޭ. އަޅުގަނޑު އަޖައިބުވަން އެނގޭތޯ،" ކައުންސިލް އިންތިޚާބަށް ސަރުކާރުން ކުރިމަތިލީ އެއްވެސް ތަސަައްވުރެއް ވިސްނުމެއް ނެތިކަން ފާހަގަކުރައްވައި ނަޝީދު ފާޑުވިދާޅުވިއެވެ. "އަޅުގަނޑުމެން މި ރައީސުލްޖުމްހޫރިއްޔާ ދުރުކުރަން ޖެހޭ،" ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ވެރިކަމަށް ވަޑައިގެންނެވި ނަޝީދު ފެބްރުއަރީ 7، 2012 ވަނަ ދުވަހު އިސްތިއުފާދެއްވީ އަމިއްލަފުޅަށެވެ. އެއީ، ބަޣާވާތެއް ކަމަށް އެމްޑީޕީން ސިފަކުރި ނަމަވެސް އެ ދުވަހުގެ ކަންކަން ބަލަން އެކުލަވައިލި ކޯނީ ރިޕޯޓުގައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށް ބުނެފައެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި ނާކާމިޔާބުވުމުން ރައީސް މުއިއްޒު ވަނީ ސަރުކާރަށް ބޮޑު ބަދަލެއް ގެންނަވާފައެވެ. އެކަން ކުރެއްވީ 'ރައްޔިތުންގެ ވިންދާ އެއްގޮތަށް' ވެރިކަން ކުރައްވަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ