ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުން ހުށަހާޅާފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުން މިކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މި ހަފުތާ ތެރޭ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި) ގައި އެދިފައިވެ އެވެ.
ސަރުކާރުގެ ފަރާތުން މި ވާހަކަ ދޮގުކުރައްވާ އެކްސްގައި ޕޯސްޓުކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ އަދި އެތެރޭގެ އެއާޕޯޓުތައް ހިމެނޭހެން ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓެއް ހިންގާނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ދިވެހި އޮޕަރޭޓަރުން ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ އެއާޕޯޓުތައް ހިންގުން ދިވެހިންގެ އަތް މަތީ ބޭއްވުން،" އަމީން ވިދާޅުވި އެވެ.
ދަ ހިންދޫގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން އެދިވަޑައިގަތީ ސީދާ ރައީސް މުހައްމަދު މުއިއްޒު ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެކަން ހުށަހެޅުއްވީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު އަށް ކަމަށް އެ ހަބަރުގައި ބުނެފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޮވެމްބަރު 10، 2025، ގައި މުއިއްޒު ވަނީ ކިންޖަރަޕޫ އާއި މާލޭގައި ބައްދަލުކުރައްވައިފަ އެވެ. ބެލެވޭ ގޮތުގައި ހަނިމާދޫ އެއާޕޯޓު އިންޑިއާއަށް ދިނުމަށް ހުށަހެޅީ މި ބައްދަލުވުމުގަ އެވެ.
ދިވެހި ސަރުކާރުގެ ޕްރޮޕޯސަލް ދިރާސާކުރަން ހަވާލުކޮށްފައިވާ އޭއޭއައިގެ ދަށުގައި އިންޑިއާގެ 113 އެއާޕޯޓެއް އޮވެ އެވެ. މީގެ ތެރެއިން އެ އިދާރާއިން ހިންގަނީ 26 އެއާޕޯޓެކެވެ. އަދި އެ އިދާރާގެ ދަށުގައިވާ ބައެއް އެއާޕޯޓުތައް ހިންގަނީ އެ ގައުމުގެ އަމިއްލަ ކުންފުނިތަކުންނެވެ.
މީގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ޖީއެމްއާރުގެ އިތުރުން ޖީވީކޭ، އަދި އަދާނީ ގްރޫޕް ހިމެނެ އެވެ.
ޖީއެމްއާރުން ހުޅުލޭ އެއާޕޯޓު ހިންގަން ފެށުމާއެކު އޭރުގެ އިދިކޮޅުން ބޮޑެތި މުޒާހަރާތަކެއް ކުރި އެވެ. ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލުމުގެ ކުރިން ކުރި ސިލްސިލާ މުޒާހަރާތަކުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ވެސް މިހާރު ވެރިކަމުގައި އޮތް ޕީއެންސީ ފިކުރުގެ ސިޔާސީ ވެރިން އޭރު ދެއްކީ އެއާޕޯޓު "ވިއްކާލުމެވެ."
ނަޝީދުގެ ވެރިކަން ވައްޓާލައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖީއެމްއާރު އާއެކު އޮތް އެއްބަސްވުން އުވާލީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން 270 މިލިއަން ޑޮލަރު ދޭން ޖެހެނުވެ. އެ ނިންމުން ނިންމި ސަރުކާރުގެ ކެބިނެޓުގައި މުއިއްޒު އިންނެވި އެވެ.
އިންޑިއާގެ ނޫސްތަކުން މިފަދައިން ރިޕޯޓު ކޮށްފައިވާއިރު މީގެ ހަ މަސް ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހަނިމާދޫ އެއާޕޯޓު އަދާނީ ގްރޫޕަށް "ވިއްކާލަން" މުއިއްޒުގެ ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދޭން އުޅޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދޭން އުޅޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ