ޢަލީ އިޙްޞާން ފިރާޤް
މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތްﷲ سبحانه وتعالى، ނަބިއްޔުއްނާއި ރަސޫލުން ފޮނުއްވިއެވެ. އެބޭކަލުން އިލާހީ ޙުކުމްފުޅުތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަމުން ގެންދަވަނީ ޢަޤްލީ ދަލީލުތަކާއި ނަޤްލީ ދަލީލުތަކުގެ އަލީގައެވެ. އެގޮތުން މައްކާގެ މުޝްރިކުންނާއި އަދި ފަހުން އަންނާނެ ކާފިރުވި މީސްތަކުންނަށް ޢިބްރަތަކަށް ވާނޭފަދަ އެތައް މިސާލުތަކެއް ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. މިފަދަ އެއް ވާހައަކީ ބަގީޗާގެ އަހުލުވެރީންގެ ވާހަކައެވެ. މިދެންނެވި ވާހަކަ ޤުރްއާނުގެ ޤަލްމު ސޫރަތުގެ 17 ވަނަ އާޔަތުން ފެށިގެން 33 ވަނަ އާޔަތުގެ ނިޔަލަށް ނުހަނު ބަލާޣާތްތެރި ގޮތެއްގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ ﴿١٧﴾ وَلَا يَسْتَثْنُونَ ﴿١٨﴾فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ ﴿١٩﴾ فَأَصْبَحَتْ كَالصَّرِيمِ ﴿٢٠﴾ فَتَنَادَوْا مُصْبِحِينَ ﴿٢١﴾ أَنِ اغْدُوا عَلَىٰ حَرْثِكُمْ إِن كُنتُمْ صَارِمِينَ ﴿٢٢﴾ فَانطَلَقُوا وَهُمْ يَتَخَافَتُونَ ﴿٢٣﴾ أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ ﴿٢٤﴾ وَغَدَوْا عَلَىٰ حَرْدٍ قَادِرِينَ﴿٢٥﴾ فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ ﴿٢٦﴾ بَلْ نَحْنُ مَحْرُومُونَ﴿٢٧﴾ قَالَ أَوْسَطُهُمْ أَلَمْ أَقُللَّكُمْلَوْلَا تُسَبِّحُونَ ﴿٢٨﴾ قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ ﴿٢٩﴾ فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَاوَمُونَ ﴿٣٠﴾ قَالُوا يَاوَيْلَنَا إِنَّا كُنَّا طَاغِينَ ﴿٣١﴾ عَسَىٰ رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَىٰ رَبِّنَا رَاغِبُونَ ﴿٣٢﴾ كَذَٰلِكَ الْعَذَابُ ۖوَلَعَذَابُالْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ ﴿٣٣﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން امتحان ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهل ވެރިން امتحان ކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. އަދި އެއުރެން استثناء އެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّه އޭ ނުބުނެތެވެ.) ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ. ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ. ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ. ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ. މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكين އަކު ވަނަދީގެނެއް ނުވާނެތެވެ. އަދި فقير ންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصد ގައި ހެނދުނާ އެއުރެން ދިޔައޫއެވެ. ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محروم ވެގެންވާ ބަޔަކީމުއެވެ. އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ. ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ. އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ. އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمة އެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ. عذاب ހުރީ އެފަދައިންނެވެ. އަދި آخرة ގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ.
عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވާކަމަށް އިމާމު ބަޣަވީ ލިޔުއްވައިފައިވެއެވެ. މިދެންނެވި އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ބަގީޗާއަކީ ޔަމަނުގައިވާ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ. ސަޢީދު ބިން ޖުބައިރު ވިދާޅުވެފައިވާ ގޮތުގައި އެ ބަގީޗާއަކީ ޔަމަނުގެ ސަންޢާގެ ހަ މޭލު ދުރުގައި އޮތް ބަގީޗާއެކެވެ. އިތުރު ބައެއް އެހެން މުފައްސިރުން ދެކިލައްވާ ގޮތުގައި އެ ބަގީޗާއަކީ ޙަބަޝާގައި އޮތް ބަގީޗާއެކެވެ. އެބައިމީހުންނަކީ ފޮތުގެ އަހުލުވެރީންގެ ތެރެއިން ހިމެނިގެންވާ ބައެއްކަމުގައިވެސް މުފައްސިރުން ލިޔުއްވައިފައިވެއެވެ. މިކަމެއް ހިނގާފައިވަނީ عيسى عليه السّلام އުޑަށް އުފުއްލެވުމަށްފަހުގައި ކަމުގައި ބައެއް ޢިލްމުވެރިން ލިޔުއްވައެވެ. މިވާހަކަ މިދެންނެވި ފަދައިން އިމާމު ޤުރުތުބީ އާއި އިބްނު ކަޘީރުވެސް ބަޔާން ކުރައްވައެވެ.
مولانا الشيخ محمد شفيع رحمه الله، معارف القرآن ގައިލިޔުއްވައިފައިވެއެވެ. عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. އެ ބަގީޗާއަކީ، ޔަމަނުގެ ސަންޢާއިން ދެ ފަރުސަޚުގެ ދުރުމިނުގައި އޮތް ބަގީޗާއެކެވެ. އެ ބަގީޗާގެ ނަމަކީ ދަރަވާންއެވެ. އެބަގީޗާގެ ވެރިއަކީ ވަރަށް ޞާލިޙު ތަޤްވާވެރި ބޭކަލެކެވެ. އޭނާ އެ ބަގީޗާއިން ގޮވާންކަނޑައި، މޭވާ ބިންނަ ކޮންމެ ފަހަރަކު، އެއިން ގޮވާމާއި މޭވާ ފަޤީރުންނާއި މިސްކީނުންނަށް ދީއުޅުނެވެ. ދެން، އޭނާ ނިޔާވުމަށްފަހު، އެ ބަގީޗާ ވާރުތައިން ލިބުނީ އޭރު ދުނިޔޭގައި ތިބި އޭނާގެ ތިން ފިރިހެން ދަރިންނަށެވެ. އެކުދިންނަށް އެ ބަގީޗާ މިލްކުވުމަށްފަހު، ތިން ކުދިން މަޝްވަރާކޮށް ބުންޏެވެ. "މިހާރު އަހަރެމެންގެ ޢާއިލާ ބޮޑުވެ ދަރީން ގިނަ ވެއްޖެއެވެ. ބަގީޗާއިން އަހަރެމެންނަށް ފުދޭވަރާއި ގާތަށްވެސް ގޮވާމާއި މޭވާ ކަނޑާކަށް ނުލިބެއެވެ. އެހެންކަމުން، އެ ބަގީޗާއިން ލިބޭ އެއްޗަކުން ފަޤީރުންނާއި މިސްކީނުނަށް ހޭދަކޮށް މުދާތައް އިސްރާފުކުރުމުގެ ބޭނުމެއް ނެތެވެ."
އެހެން ރިވާޔަތެއްގައިވެއެވެ. މިތިން ފިރިހެން ކުދިން، އެފުރައިގެ އެހެން ކުދިން ފަދައިން އެކުދިންގެ ބައްޕައަކީ ހޭނުޖެހޭ މޮޔައެއްކަމުގައި ދެކެއުޅުނެވެ. އެއީ ބަގީޗާއިން ފަޤީރުންނާއި މިސްކީނުންނަށް އެކުދިންގެ ބައްޕަ ހޭދަކޮށް އުޅޭތީއެވެ. އެހެންކަމުން އެކުދިންނަށް ބާރު ލިބުމަށްފަހު އެކަން ހުއްޓުވާނެ ގޮތެއް ރާވަން ފެށިއެވެ. އެކުދިން ނިންމީ އަނެއްދުވަހުގެ ފަތިހުގެ ވަގުތުގައި ބަގީޗާއަށް ގޮސް އެ ބަގީޗާއިން ގޮވާމާއި މޭވާ ކެނޑުމަށެވެ. ފަޤީރުންނާއި މިސްކީނުން އެ ބަގީޗާއަށް އައުމުގެ ކުރިންނެވެ. އެތިން ކުދިން މިރޭވުން ރޭވިއިރު ފަތިހު މޭވާ ބިންނަން ދިޔުމަށް އެއްކުއްޖަކު އަނެއްކުއްޖެއްގެ ގާތުގައި ހުވާކޮށް ވަޢުދުވެ ހެދިއިރު إن شاء اللَّه އޭ މާތްﷲ އިރާދަ ކުރެއްވިއްޔާއޭ މިފަދައިންނެއް ނުބުނެއެވެ.
ދެން އެކުދިން ފަތިހު ހޭލައިގެން ބަގީޗާއަށް ގޮސް ބެލިއުރު މުޅި ބަގީޗާ ވަނީ އަނދާ ހުލިވެފައެވެ. ގަސްތައްވަނީ މަރުވެ ކަޅުވެފައެވެ. އެންމެ ފުރަތަމަ އެކުދިންނަށް ހީވީ މަގު އޮޅިގެން ދެވުނީ އެހެން ބަގީޗާއަކަށް ކަމަށެވެ. ނަމަވެސް އަލުން ބެލިބެލުމުން އެއީ އެކުދީންގެ ބަގީޗާކަން ދެނެގަނެވުނެވެ. އިއްޔެ ދޮންވެ ފައްކާވެފައިވާ މޭވާތަކާއި ގޮވާންތަކުން ބަރާވެފައިވާ ގަސްތައް ހުރި ބަގީޗާ މިއަދުވަނީ ވީރާނެވަފައެވެ. މިތަންދެކެ އެކުދީން ބުންޏެވެ. [އަހަރެމެން މިވީ މި ބަގީޗާގެ މޭވާތަކުން މަޙުރޫމުވެގެންވާ ބަޔަކު ކަމުގައެވެ]. އެތަނުން މެދަށް ހުރި ކުއްޖާ ބުންޏެވެ. [ތިބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟]
ޢިލްމުވެރިން ވިދާޅުވާގޮތުގައި އެތަނުން މެދަށް ހުރި ކުއްޖާއަކީ އެކުއްޖާގެ ބައްޕަ ފަދައިން ފަޤީރުންނާއި މިސްކީނުންނަށް ހޭދަކޮށް އުޅުނު ކުއްޖެކެވެ. މުދަލުން ހޭދަކޮށް ނޫޅޭނަމަ އެ މުދަލެއްގެ ބަރަކާތް ނެތިކުރައްވައި މުދަލަށް ބަލާވެރިކަން ޖައްސަވާނެކަން އޭނާ ރަނގަޅަށް ދަނެއެވެ. އޭނާގެ އަނެއް ދެ އަޚުންނަށްވެސް މުދަލުން ހޭދަކުރުމަށް ބާރު އަޅަމުން ގެންދިޔައެވެ. ނަމަވެސް، އޭނާވެސް ވީ ފަޤީރުންނަށް ނުދީ މޭވާ ބިންނަން ރޭވި ރޭވުމުގައި ބައިވެރިވި މީހެއްކަމުގައެވެ. އެހެންކަމުން އޭނާވެސްވީ އޭނާގެ އެނެއް ދެ އަޚުން ފަދައިން ބަގީޗާގެ މޭވާއިން މަޙުރޫމު ކުރެވުނު މީހެއްކަމުގައެވެ.
މިކަމުން ދޭހަވާ ޢިބްރަތްތެރި ފިލާވަޅެއްވެއެވެ. އެއީ، މީސްތަކުންނަށް ނުބައިކަންތައްތަކުން ދުރުވުމަށް ނަސޭހަތްދީ އުޅެ، ޚުދު ތިމާ އެކަމުން ރައްކާތެރިނުވެ ހުރެއްޖެނަމަ، އެފަދަ ބަޔަކުގެ މައްޗަށް އަންނަ ޢަޛާބެއްގައި ތިމާވެސް ޝާމިލުވެގެން ދާނެކަމެވެ. މިފަދައިން معارف القرآن ގައި ލިޔުއްވައިފައިވެއެވެ.
ދެން އެތިންކުދިން އެކުދީންނަށް ކުރެވުނު ކުށުގެ މައްޗަށް ދެރެވެ ހިތާމަކޮށް ތައުބާވިއެވެ. އަދި އޭގެ އިތުރު ބަގީޗާއެއް ނުވަތަ ހެޔޮ ބަދަލެއް ދެއްވުން އެދި މާތްﷲ ގެ ޙަޟުރަތަށް ދުޢާ ދެންނެވިއެވެ. عبدالله بن مسعود رضى اللّـه عنه ވިދާޅުވެފައިވެއެވެ. [އެތިން ކުދިން މާތްﷲ ގެ ޙަޟުރަތަށް ފުރިހަމައަށް ތައުބާވުމުން، އެކަލާނގެ އެކުދިންނަށް ކުރިން ދެއްވި ބަގީޗާއަށް ވުރެ ރަނގަޅު ބަގީޗާއެއް ދެއްވިއެވެ].
ބައެއް މުފައްސިރުން ދެކެލައްވާ ގޮތުގައި މި ދެންނެވި ބަގީޗާގެ އަހުލުވެރީންގެ ވާހަކައަކީ މާތްﷲ މައްކާގެ މުޝްރިކުންނަށް ބަޔާންކޮށްދެއްވާފައިވާ މިސާލެކެވެ. ކުރީގެ އުންމަތުގެ ބަޔަކަށް ދިމާވެފައިވާ ޙާދިޘާއެއް ނޫނެވެ.
މިދެންނެވި ބަގީޗާގެ އަހުލުވެރީންގެ ވާހައަކީ ކޮންމެތާކު ހިނގާފައިވާ ޙާދިޘާއެއްކަމުގައި ވިޔަސް ނުވަތަ މާތްﷲ ޖައްސަވާފައިވާ މިސާލެއް ކަމުގައިވިޔަސް، މިވާހަކައިން ދޭހަވާ ޢިބްރަތްތެރި ފިލާވަޅުތަކެއްވެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، މުދަލަކީ މާތްﷲ ގެ ޙައްޤެއްކަމެވެ. މުދަލުގެ ޙަޤީޤީ މިލްކުވެރިއަކީ އެކަލާނގެ ކަމެވެ. އެހެންކަމުން މުއްސަނދީން އެބައިމީހުންގެ މުދަލުގައި ފަޤީރުން ޝާމިލުކުރަން ޖެހޭނެކަމެވެ. ނޫންނަމަ އެ މުދަލެއްގައި ބަރަކާތްކެނޑި އެ މުދަލެއް ނެތި ދިޔުމަކީ ދާދި ގާތުގައިވާ ކަމެކެވެ.
ދެވަނަ ފިލާވަޅަކީ، ކަންތައްތައް ނިންމުމުގައި މާތްﷲ ގެ ޙަޟުރަތުން ވާގި އެދުމެވެ. ހެޔޮކަމެއް ތިމަންނަ މާދަމާ ކުރާނަމޭ ނުވަތަ މުސްތަޤްބަލުގައި ކުރާނަމޭ ބުނާ ނަމަ އޭގެ ފަހުގައި إن شاء اللَّه އޭ ބުނުމެވެ. އެހެނީ ހުރިހާ ކަމެއްވެސް ވަނީ މާތް ﷲ سبحانه وتعالى، ގެ ބާރުފުޅުގެ ދަށުގައެވެ. އެކަލާނގެ އިރާދަކުރެއްވިކަމެއް މެނުވީ ނުވާނެއެވެ. ތިންނަވަނަ ފިލާވަޅަކީ، ކުށެއް ކުރެއްވިއްޖެނަމަ އެކުށަކަށް އިޢުތިރާފުވެ ތައުބާވުމެވެ. އެފަދައިން ފުރިހަމަ ތައުބާއެއް ވެއްޖެނަމަ މާތްﷲ އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކުރައްވާނެއެވެ.
ޤަލަމް ސޫރަތުގައިވާ ބަގީޗާގެ އަހުލުވެރިންގެ ވާހަކަ: އެގެންޖެހޭ މުހިންމު ފިލާވަޅެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ