ފާފަކުރަން ބޭނުންވެވޭ ސަބަބާއި ބޭނުން ނުވެ ހުރެވޭނެ ވިސްނުން!

މިވެނި އެވެނި ކަންކަމަކީ އަހުރެން ވަރަށް ކުރާހިތްވާ ކަންކަމެވެ. އެކަންކަން ކުރަން އަހުރެން ބޭނުންވެއެވެ. އެކަންކަން ކުރަން ޙަރާމް ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ހިތުގައި މިފަދަ ސުވާލުތައް އުފެދޭ އެންމެ ބޮޑު އެއް ސަބަބަކީ ފާފަކުރާ މީހުންނާއިއެކުގައި އުޅެވޭކަމެވެ. އެމީހުން ކުރާ ކަންކަން ކުރަން ބޭނުންވެވޭކަމެވެ.  
މިފަދަ ބަސްތައް ބުނާ މީހުންނަށް ހަނދާންކޮށްދޭން އޮތީ ޙަދީޘްފުޅެކެވެ.  
އެޙަދީޘްފުޅުގެ މާނައިގައިވަނީ ދުނިޔޭގެ އެންމެން ފާފަކުރުމުގައި ހައްދުފަހަނައަޅައި ދިއަނަމަވެސް، އަބަދު ފާފަކުރިނަމަވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާއަށް ޛައްރެއްގެ މިންވަރުގެވެސް އުނިކަމެއް ލިބިވޮޑިނުގަންނަވާ ކަމަށެވެ. އަދި ދުނިޔޭގައި މިތިބަ އެންމެން ހުއްޓާނުލައި ﷲ ތަޢާލާއަށް އަޅުކަންކުރުންމަތީގައި ދެމިތިބި ނަމަވެސް އެކަމުންވެސް ﷲ ތަޢާލާއަށް ޛައްރެއްގެ މިންވަރުގެ މަންފާއެއްވެސް ލިބިވޮޑިނުގަންނަވާ ކަމަށެވެ.  
ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް ޙަރާމްކުރައްވަވާފައިވަނީ ވަނަ މީސްތަކުންނަށް ފައިދާއަކަށެވެ. ޙަރާމް ކަންކަން ނުކުރުމުން އެކަމުގެ ފައިދާކުރާނީވެސް ހަމަ އެމީހަކަށެވެ. ވީމާ ޙަރާމް ކަމެއް ކުރެވެން އުޅޭއިރަށް ހިތަށް ގެންނާށެވެ. މިއުޅެނީ އަހުރެން އަމިއްލައަށް އަހުރެންނަށް ބޮޑު ދެރައެއް ލިބިގަންނާށެވެ.  
މީސްތަކުންނޭވެ! ދުނިޔޭގައި ގިނައީ ކާފިރުންނެވެ. ގިނަ ބައަކު އެގެންދަނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރަމުންނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުމުން ލިބޭ ޙަޤީޤީ އެއްވެސް ފައިދާއެއް އަދި މިހައިތަނަށް ދެއްކިފައެއް ނެތެވެ. ހަމައެކަކަށްވެސް އެކަން ކުރެވިފައެއް ނެތެވެ.  
ދުނިޔޭގެ އެންމެންނަށް ގޮންޖަހައި ބުނަމެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުމުން ލިބޭނެ ޙަޤީޤީ ފައިދާއެއް ނުދެއްކޭނެއެވެ. ވަޤުތީ ހިތްހަމަޖެހުމެއް ލިބުނުކަމުގައިވީނަމަވެސް ދުނިޔޭގައިވެސް ފަހުން ލިބޭނެ ގެއްލުންތައް ބޮޑު ނޫން ހަމައެއްވެސް ކަމެއް ނުދެއްކޭނެއެވެ.  
އަމިއްލައަށް ރާ ޙަރާމްކޮށް ތިބި ކާފިރުން މިހާރުވެސް މިލިއަނުން ގުނައިލެވޭނެއެވެ. ޒިނޭ ނުކުރާ، ފާޙިޝް އަމަލުތައް ނުކުރާ ކާފިރުންވެސްމެއެވެ. އޫރުމަސް ނުކާ ކާފިރުންނާއި ޖުވާ ނުކުޅޭ ކާފިރުންވެސް މެއެވެ. ދެން ނިކަން ބުނެބަލާށެވެ! ވައްކަންކުރުން ހުއްދައީ ކޮން ޤައުމެއްގައި ހެއްޔެވެ؟ މީހުން މެރުން ހުއްދައީ ކޮން ޤައުމެއްގައި ހެއްޔެވެ؟  
އެހެން ގޮތަކަށް ބުނާނަމަ އިސްލާމް ދީނުގައި ޙަރާމްކަންކަން ނުކުރާ ކާފިރުން މިލިއަނުން ގުނައިލެވޭނެއެވެ. މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. ދުނިޔޭގެ އެންމެން ޤަބޫލުކުރާ ކަމެކެވެ. ވީމާ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަމަކީ އިންސާނުންނަށް ގެއްލުން ހުރި ކަންކަން ކަމުގައި ކާފިރުންގެ ބައަކުވެސް އެތިބީ ޤަބޫލުކޮށްގެންނެވެ. އަދި އެގޮތަށް ޤަބޫލުކުރާ މީހުންވެސް ދަނީ ގިނަވަމުންނެވެ. އަދި ޤަބޫލުނުކުރަނީ ވިސްނުމުގައި ކޮންމެވެސް މައްސަލައެއް ހުރި މީހުން ކަމުގައިވެސް ބުނާނަމެވެ. އެއީ އެކަންކަމަކީ ތިމާއަށް ގެއްލުން ހުރި ކަންކަން ކަމުގައި އެނގިތިބެގެން ކުރާތީއެވެ.  
 
މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ