ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ, ގ. މާވަނި، ޙުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. އެންމެ ފަހުން އޭނާގެ ބަންދަށް ޖަހައިފައިވަނީ 30 ދުވަހެވެ. އެ މުއްދަތު އިއްޔެ ހަމަވުމާއެކު މިއަދު އޭނާގެ ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނި ގޮތުގައި ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ. މާކެޓިން ދާއިރާގައި ވަރަށް އިސްކޮށް އުޅުނު ސަނީ އުމަރަށް ތުހުމަތު ކުރެވެނީ, އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ. ސަނީ އުމަރު ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހު ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށެވެ. "ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައި," ފުލުހުން މީގެ ކުރިން ބުންޏެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުން ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ. ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސް ކުންފުނިން ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި، ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ