ވޯލްޑް ކަޕް 2026: ކޭންގެ ދެ ގޯލުން ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑް ގަދަ ސޯޅައަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރް ކޮންގޯ) އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، އިންގްލެންޑުން ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފިއެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި އިންގްލެންޑް މެޗުން ބަލިވުމުގެ ބިރުވެރިކަމާއި ނުތަނަވަސްކަމުން ސަލާމަތްކޮށްދިނީ ފަހު ހާފުގައި ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ދެ ލަނޑުންނެވެ. ގަދަ 32 ޓީމުގެ ބުރުން ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދި އިންގްލެންޑް، ދެން ނުކުންނާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މެކްސިކޯއިން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބައިކޮޅަށް ގޯލެއް ނުވަދެ މޮޅުވެފައެވެ. އަނެއްކޮޅުން، 52 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕްގައި ވާދަކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް ނޮކައުޓް ބުރަށް ދަތުރުކުރި ކޮންގޯއަށް މި ބަލިވުމާއެކު މުބާރާތާ އަލްވަދާއު ކިޔަންޖެހުނު ނަމަވެސް، އެ ޓީމުން ވަނީ މުޅި މެޗުގައި އިންގްލެންޑަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވައިފައެވެ. މެޗުގައި ކޮންގޯ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ހެރީ ކޭން--- ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ނުކުތް އިންގްލެންޑަށް މެޗު ފެށުނީ ވަރަށް ބޮޑު ސިހުމަކާއެކީގައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އިންގްލެންޑުގެ ފަހަތުން ލިބުނު ޖާގައިގެ ފައިދާ ނަގައި، ކޮންގޯއިން ވަނީ ލީޑު ނަގައިފައެވެ. ޑިފެންޑަރު ޗާންސެލް އެމްބެމްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، އޭރިއާތެރެއަށް ވަދެ ހަނި އޭންގަލުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ބްރިއަން ކިބަމްބޭ ސިޕެންގާއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ލަނޑާއެކު އިންގްލެންޑްގެ ކުޅުންތެރިން ހާސްވެ، އާންމުކޮށް ނުފެންނަ ގިނަ ގޯސްތަކެއް ހެދެން ފެށިއެވެ. އިންގްލެންޑުން ނަތީޖާ ހަމަހަމަކުރަން ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ކޮންގޯގެ ކީޕަރު ލިއޮނަލް އެންޒާއު އެމްޕާސީ ވަނީ ހުށިޔާރު ސޭވްތަކެއްކޮށްފައެވެ. ޚާއްސަކޮށް ޖޫޑް ބެލިންހަމް ބޮލުން ފޮނުވާލި ދެ ހަމަލާއަކާއި ހެރީ ކޭންގެ ހަމަލާއެއް އޭނާ ދިފާއުކުރިއެވެ. މީގެ އިތުރުން މާކަސް ރެޝްފޯޑް ޖެހި ޝޮޓެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ކޮންގޯގެ ޑިފެންޑަރު އާރޮން ވަން ބިސާކާއެވެ. މެޗުގައި ކޮންގޯ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ހެރީ ކޭން--- ފުރަތަމަ ހާފުގައި ހެރީ ކޭން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، ރެފްރީ ނިންމީ ކޭން ޑައިވްކުރީ ކަމަށެވެ. އަދި ކޮންގޯގެ ޔޮއާން ވިއްސާ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެ، ކޮންގޯއަށް ލީޑު ފުޅާކުރުމަށް ރަން ފުރުސަތެއް ގެއްލުނެވެ. ދެވަނަ ހާފަށް އިންގްލެންޑުން ނުކުތީ އެއްކޮށް ކުރިއަށް ޖެހިގެންނެވެ. ނަމަވެސް މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވީ ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކަށް ފަހު، ބެންޗުން ބުކާޔޯ ސާކާ އާއި އެންތަނީ ގޯޑަން ކުޅެން އެރުވުމުންނެވެ. އިންގްލެންޑުން ކުރަމުންދިޔަ މެދުކެނޑުމެއްނެތް މަސައްކަތް ކާމިޔާބުވީ މެޗުގެ 75 ވަނަ މިނިޓްގައެވެ. ބަދަލު ކުޅުންތެރިޔާ އެންތަނީ ގޯޑަން ނަގައިދިން ހުރަހަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ހެރީ ކޭން ބޮލުން ފޮނުވާލި ބޯޅަ ކީޕަރު އެމްޕާސީ އަތުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނެވެ. ނަތީޖާ ހަމަހަމަވުމުން އިންގްލެންޑުން އެޓޭކްތައް އިތުރަށް ވަރުގަދަކުރިއެވެ. މެޗުގެ 86 ވަނަ މިނެޓުގައި އިންގްލެންޑް މޮޅުކޮށްދިން ލަނޑު ވެސް ކާމިޔާބުކުރީ ކެޕްޓަން ކޭންއެވެ. މިއީ ވެސް ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގައި، އޭރިއާތެރެއިން ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ފުރިހަމަ ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ހިލޭ ޖެހުމަކުން ކޮންގޯގެ ވިއްސާ ފޮނުވާލި ބޯޅަ ހުރަސްދަނޑިމަތިން ބޭރަށް ދިޔުމާއެކު، ކޮންގޯގެ އުއްމީދުތައް ފެނަށްވިއެވެ. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ބައިނަލްއަގުވާމީ ބޮޑު ތަށްޓެއްގައި އަތްނުލެވިފައިވާ އިންގްލެންޑުން ދަނީ ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން 2018 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަދި އެންމެ ފަހުން ބޭއްވި 2020 އާއި 2024 ގެ ޔޫރޯ މުބާރާތުގެ ފައިނަލުގައި އެޓީމު ވަނީ ވާދަކޮށްފައެވެ. ކޯޗު ތޯމަސް ޓުޗެލްގެ އަމާޒަކީ މި ޒުވާން އަދި ތަޖުރިބާކާރު ސްކޮޑާއެކު އިންގްލެންޑަށް ބޮޑު މުބާރާތެއްގެ ތަށި ހޯދައިދިނުމެވެ. އަނެއްކޮޅުން، ކުރިން "ޒައިރް" ގެ ނަމުގައި ކުޅެ 1974 ގެ ވޯލްޑް ކަޕުން ޖާގަ ހޯދި ޑީއާރް ކޮންގޯ އަކީ ސަބް-ސަހާރަން އެފްރިކާއިން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ކޮންގޯއިން މިފަހަރުގެ މުބާރާތުގައި ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނާއެކު ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ