އާންމުން ވެދިން އެހީއާއެކު ޝެއިޚް ނައިފަރީ ފަރުވާއަށް ފުރައިފި

ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)ގެ ލޮލުގެ ފެނުން ރަނގަޅުކޮށް، ސިއްހީ ޓެސްޓުތައް ހެދުމަށް ޓަކައި ރާއްޖޭން ބޭރަށް މިއަދު ފުރައިފިއެވެ. ޝެއިޚަށް އެހީ ހޯދައިދިނުމުގެ މަސައްކަތް ކުރާ 'އެހީ' ޖަމިއްޔާއިން ބުނީ މިއީ ޝެއިޚް ކުރެއްވި ވަރަށް ދުވަހުގެ އުންމީދުތަކެއް ކަމަށެވެ. އަދި ޝެއިޚަށް ހެޔޮ އެދޭ އެތައް ހާސް ދިވެހީން ތިބިކަމަށާއި މިހާރު ބޭނުންވަނީ ހެޔޮ ދުއާ ކަމަށް އެ ޖަމިއްޔާގެ ޕޯސްޓުގައިވެއެވެ. https://sun.mv/215372 އެ ޖަމިއްޔާއިން ބުނީ އިތުރު އެހީއަކަށް ބޭނުންވެއްޖެނަމަ އެ ޖަމިއްޔާގެ 'އެދިހަ' ޕްލެޓްފޯމު މެދުވެރިކޮށް އެ ކަން ހާމަކުރާނެ ކަމަށެވެ. އެދިހަ ޕްލެޓްފޯމުން ދައްކާ ގޮތުގައި، ޝައިޚްގެ ލޮލުގެ އޮޕަރޭޝަންކޮށް، ސިއްހީ ޓެސްޓުތަކެއް ހެދުމަށް ހަތަރު ލައްކައެއްހާ ރުފިޔާ ބޭނުންވެއެވެ. އެ އެހީ ހޯދަން ހުޅުވައިލީ މިދިޔަ މަހު 15ގައެވެ. އެއާއެކު 24 ގަޑިއިރުތެރޭ އެހީގެ ގޮތުގައި ވަނީ 407،949 ރުފިޔާ ލިބިފައެވެ. އެއީ 26،455.83 ޑޮލަރެވެ. އެހާތަނަށް 1،399 ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. https://sun.mv/216128 ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާޙުގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވަމުން، ޝައިޚް ވަނީ ދީނީ އެކި މައުޟޫތަކަށް ފޮތް ލިޔުއްވައި، ދަރުސްތައް ދެއްވައި، ދީނީ އެކި ކަންކަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތް ކުރައްވައިފައެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޝައިޚް މި ނިމުނު ޑިސެމްބަރުގެ ފަހު ދުވަހާ ހަމައަށް ހުންނެވީ ޅ. އަތޮޅު މަދްރަސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރުގެ މަގާމުގައެވެ. އެހެން ނަމަވެސް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ޝައިޚް، ނޯ ޕޭ ލީވްގައި ހުންނަވާތާ ހަތަރު އަހަރުވެއްޖެއެވެ. އެއާއެކު މި ހަފުތާގެ ތެރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޝައިޚް ނައިފަރީއާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ވުޒާރާގެ 'ދައުވާ އެންޑް ގައިޑެންސް ސެކްޝަން'ގެ ވާއިޡު މުޝްރިކްގެ މަގާމަށް ޝައިޚް އައްޔަންކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ މިއީ ޕަބްލިކް ސާވިސް ރޭންކު ހަތެއްގެ ވަޒީފާއެއް ކަމަށެވެ. އަދި އެއީ 14،225 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ