ޓްރަމްޕް މޯބައިލްގެ ރަންކުލައިގެ ފޯނު ނެރުން އަނެއްކާވެސް ފަސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލީ ވިޔަފާރި، ދަ ޓްރަމްޕް އޯގަނައިޒޭޝަނުން އުފެއްދި "ޓްރަމްޕް މޯބައިލް" އިން ނެރެން އިއުލާނުކުރި ރަންކުލައިގެ ސްމާޓްފޯނު ނެރުން އަނެއްކާވެސް ފަސްވެއްޖެއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ބާޒާރަށް ނެރޭނެކަމަށް ބުނި ފޯނެކެވެ. މިއީ އެޕަލް އާއި ސެމްސަންގް ފަދަ ބޮޑެތި ކުންފުނިތަކާ ވާދަކުރުމަށް، އެމެރިކާގައި އުފައްދާ ފޯނެއްގެ ގޮތުގައި 499 ޑޮލަރަށް ވިއްކުމަށް ހުށަހެޅި ފޯނެކެވެ. ނަމަވެސް މި މަޝްރޫއަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. https://sun.mv/207380 ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މޯބައިލްގެ ކަސްޓަމާ ސާވިސްއިން ވަނީ، ފޯނު ޑެލިވަރީކުރުން ލަސްވެފައިވަނީ ދާދިފަހުން އެމެރިކާ ސަރުކާރުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ (ގަވަމެންޓް ޝަޓްޑައުންގެ) ސަބަބުން ކަމަށް ބުނެފައެވެ. އަދި މި ޖަނަވަަރީ މަހުގެ ތެރޭގައިވެސް ފޯނު ޝިޕްކުރުމަކީ ނާދިރު ކަމެއް ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ. "ޓީ1" ގެ ނަން ދީފައިވާ މި ފޯނު އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ ޖޫން މަހުގައެވެ. އޭރު ބުނެފައިވަނީ މިއީ އެއްކޮށް އެމެރިކާގައި އުފައްދާ (މޭޑް އިން ޔޫއެސްއޭ) އުފެއްދުމެއް ކަމަށެވެ. ނަމަވެސް ސަޕްލައި ޗެއިން ތަޖުރިބާކާރުން ވަނީ މިކަމާ މެދު ސުވާލު އުފައްދާފައެވެ. އެ ފަރާތްތަކުން ބުނާގޮތުގައި ސްމާޓް ފޯނުގެ ބައިތައް އޭޝިއާގެ ގައުމުތަކުން ނުހޯދައި އެމެރިކާގައި ފޯނެއް އުފެއްދުމަކީ ގާތްގަނޑަކަށް ނުވާނެ ކަމެކެވެ. މި ފާޑުކިޔުންތަކާ ގުޅިގެން ޓްރަމްޕް މޯބައިލްއިން ވަނީ އެ މީހުންގެ އިޝްތިހާރުތަކުގައި ބޭނުންކުރާ ބަސްމަގު "ބްރޯޓް ޓު ލައިފް އިން ދަ ޔޫއެސް" އަށް ބަދަލުކޮށްފައެވެ. އަމިއްލަ ފޯނު ނެރުން ލަސްވެފައިވާއިރު، ޓްރަމްޕް މޯބައިލްއިން މިހާރު ވަނީ އެޕަލް އާއި ސެމްސަންގްގެ ބޭނުންކޮށްފައިވާ (ސެކަންޑް ހޭންޑް) ފޯނުތައް ވިއްކަން ފަށާފައެވެ. އޭގެ ތެރޭގައި އައިފޯން 15 (629 ޑޮލަރަށް) އަދި ސެމްސަންގް އެސް24 (459 ޑޮލަރަށް) ހިމެނެއެވެ. މި ވިޔަފާރި ފަށާފައިވަނީ ރައީސް ޓްރަމްޕްގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި އެރިކް ޓްރަމްޕްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް ކުންފުނި ހިންގުމުގައި ޝާމިލުވާ އިސް ފަރާތްތަކަކީ މޮބައިލް ފޯނުގެ ސިނާއަތުގައި މާބޮޑު ތަޖުރިބާއެއް ނެތް، ރިއަލް އެސްޓޭޓް އަދި އިންޝުއަރެންސް ދާއިރާގެ ބޭފުޅުންކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ