ހެޔޮލަފާ އަނބިންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުން- ގިނަ ފިރިންނަށް ނުވެސް ވިސްނޭ!

ބައިވެރިޔާ ތިމާދެކެ ލޯބިވާކަން ޔަޤީންކުރަން އަނބިމީހާ އަބަދު ބޭނުންވަނީ ކީއްވެތަ؟ އެކުގަ އުޅޭއިރުވެސް!  
މިއީ އެއްޖުމުލައިން ޖަވާބުދެވޭނެ ސުވާލެއް ނޫނެވެ. ވީމާ ރަނގަޅަށް ވިސްނާށެވެ!   
އަނބިން ފިރިމީހާ އިމްތިޙާންކުރަން އަބަދު ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ލޯބިވާކަން ޔަޤީންކުރަން ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟ އަނބިން ފިރިންނަށް ފާރަވެރިވަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުތަކުން ފަށަމާ ހިނގާށެވެ!  
އަނބިން ކުރިއަށް ލައިގެން މިސުވާލުތައް ކުރެވުނު ނަމަވެސް ފިރިންވެސް ހަމަ މިކަންކަން ބަލަން ބޭނުންވެއެވެ. ނަމަވެސް ޙަޤީޤަތަކީ ފިރިންނަށްވުރެ ބޮޑަށް އަނބިން މިކަންކަން ބަލަން ބޭނުންވާ ކަމެވެ.  
ފުރަތަމަ ސަބަބު ބުނެލާނަމެވެ. ދަރިން ހޯދަނީ ދެމީހުންވެސް އެކަމަށް ބޭނުންވެގެންނެވެ. ނަމަވެސް ފިރިމީހާގެ ރިސްކް ވަރަށް ކުޑައެވެ. ހުރިހާ ރިސްކެއްހެން މިއޮންނަނީ އަނބިންނަށެވެ. މިޘާލަކަށް ވިހެއުމަކީ އަނބިންގެ ފުރާނައިން ނަގާ ރިސްކެކެވެ. ވިހެއުމުގެ ތެރޭގައި ދުނިޔެދޫކުރަންވެސް ޖެހޭތީއެވެ.  
އެކަމަކަށް ނުވަތަ އެރިސްކް ނަގަން އަނބިން އެހައި ބޮޑަކަށް ކަންބޮޑެއް ނުވާނެއެވެ. އަދި ވިހެއުމަށްފަހު ނަގަންޖެހޭ ރިސްކް މާބޮޑެވެ. އެއީ ވިހާތަނުން ނުވަތަ ގިނަ ދަރިންތަކެއް ލިބިފައިވަނިކޮށްވެސް ވަރިކޮށް ނިކަމެތިކޮށްލައިފާނެ ކަމުގެ ރިސްކެވެ.  
އަހުރެންގެ ވިސްނުމުގައި އަނބިން އެންމެ ބޮޑަށް ކަންބޮޑުވަނީ އެކަމަށެވެ. ދަރިން ލިބޭފަހުން އެކަނިވެރިވާންޖެހިދާނެތީއެވެ. ފިރިމީހާ އިމްތިޙާންކުރަން އަބަދު ބޭނުންވަނީވެސް، ލޯބިވާކަން ޔަޤީންކުރަން ބޭނުންވަނީވެސް އަދި އަނބިން ފިރިންނަށް ފާރަވެރިވަނީވެސް އެރިސްކް ކުޑަކުރެވޭތޯއެވެ. މިބުނީ އެންމެ ބޮޑު ސަބަބަކީ އެއީ ކަމެވެ. މީގެ އިތުރުންވެސް އެތައް ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ.  
ވަރިކުރުން ހުއްދައެވެ. އެކަމަށް ދެބަސްވެ ފާޑުކިޔާކަށް ނެތީމެވެ. ނަމަވެސް ދަރިންނަށް އެހީނުވެ، އަޅާނުލައި ތިބުން ހުއްދަވާ އެއްވެސް ސަބަބެއް އެބައޮތްހެއްޔެވެ؟ އިސްލާމް ދީނުގައި އެކަންޏެއް ނޫނެވެ. އެއީ އެއްވެސް ދީނެއްގައި ހުއްދަ ކަމެއް ނޫނެވެ. ވީމާ ދަރިން ލިބިއްޖެނަމަ އަޅާލައި އަދި ޚަރަދުކުރަންޖެހޭނެ ކަމަށް ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރެއެވެ. އެކަމަށް ދެކޮޅު ހެދޭނެ ގޮތެއް، ދެއްކޭނެ އެއްވެސް ޢުޒުރެއް ނެތެވެ.  
ދަރިންތަކާއިއެކު އެކަނިވެރިވެ ނިކަމެތިވަނީ އަންހެނުންނެވެ. އަނބިމީހާއެވެ. ދަރިންގެ މަންމައެވެ. ވީމާ އެފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް އަންހެނުންނަށް އަބަދުވެސް ތިބެންޖެހެނީ ބިރުންނެވެ. އެބިރު ނެތްކަން ޔަޤީންވާނަމަ އަނބިންގެ ކަންބޮޑުވުންތައް ކުޑަވާނެއެވެ. ސުވާލުތައްވެސް މަދުވާނެއެވެ.  
މިހެން ބުނި ނަމަވެސް ވަރަށް ރަނގަޅަށް ކަންކަން ކޮށްދީ ޒިންމާ އުފުލަނިކޮށްވެސް ބައެއް އަނބިން އެމީހުންނަށް މޮޅު ގޮތް ހޯދަން އަމިއްލައަށް ވަކިވެއެވެ. ދަރިންކޮޅު ދޫކޮށްލާފައިވެސް ދެއެވެ. ނަމަވެސް ނިޞްބަތުން އެއީ މަދުބައެކެވެ. ކައިވެނި ރޫޅުމަށްފަހު ދަރިންނާއި އަޅައިލާ ބައްޕައިން ވަރަށް މަދުކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.
 
- އަލަފް / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ