އިހުމާލުން ކުއްޖަކު މަރުވިކަމަށް ތުހުމަތުކުރާ މައްސަލަ ހެލްތުން ބަލަނީ

ކާންދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބެއް ހޯދުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދި އެތައް މަހެއް ވަންދެން ކުރި މަސައްކަތަށްފަހު، އެ ތަކެތި ނުލިބި ކުއްޖަކު މަރުވިކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. މިދުއަމް ހާމަކުރި ގޮތުގައި، ކުއްޖާއަށް ކާންދިނުމަށް ބޭނުންވާ ޕީއީޖީ ޓިއުބެއް ހޯދުމަށް އެ ކުއްޖާގެ މަންމަ އަށް މަސް ދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހުނެވެ. ނަމަވެސް، އެހާ ގިނަ ދުވަސް ފަހުން އެންސްޕާ އާއި އެސްޓީއޯއިން ބުނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށް ކަމަށް މިދުއަމްގެ ޕޯސްޓުގައިވެއެވެ. މިދުއަމް ބުނި ގޮތުގައި، ދައުލަތުގެ އިދާރާތަކުން އެހީތެރިކަން ނުލިބުމުން އަމިއްލަ ފަރާތެއްގެ އެހީގައި އެ ޓިއުބް ހޯދައި ރާއްޖެ ގެނައެވެ. https://x.com/Midhuamsaud/status/2036679974938370393 ނަމަވެސް، އެ ޓިއުބް ހަވާލުކުރުމަށް ކުއްޖާގެ މަންމައަށް ގުޅިއިރު، ވަގުތު ފާއިތުވެ ކުއްޖާ އޮތީ މަރުގެ ތުންފަތްމަތީގައި ކަމަށް މަންމަ ބުނިކަމަށް އޭނާ އިއްޔެ ކުރި ޕޯސްޓުގައި އޮތެވެ. އޭނާ ވަނީ މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އިހުމާލު އިންތިހާއަށް އޮތް ކަމަށް ބުނެ، އެއްވެސް ޒިންމާދާރުކަމެއް ނެތް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ކަމާބެހޭ މުއައްސަސާތަކަށް އަމާޒުވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ މައްސަލަ ބަލަމުންދާކަން ހާމަކޮށްފައެވެ. "25 މާރިޗް 2026 ގައި މ. ޗީޒް, އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާ މި ވުޒާރާއިން ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ބަލަމުންނެވެ," ހެލްތު މިނިސްޓްރީން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ އެންސްޕާ އާއި އެސްޓީއޯގެ ހިންގުން ހަރުދަނާކޮށް، އިހުމާލުވި ކަމަށް ތުހުމަތު ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ