ފިލްމު 'މަރުދާނީ 3' މާދަމާ ނެޓްފްލިކްސްއަށް
މި އަހަރުގެ ޖަނަވަރީ މަހު ސިނަމާތަކުގައި ރިލީޒްކުރި ބަތަލާ ރާނީ މުކަރުޖީގެ ފިލްމު "މަރުދާނީ 3" މާދަމާ ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ. މިދިޔަ އަހަރު ނެޝަނަލް އެވޯޑު ކާމިޔާބުކުރި ބަތަލާ ޖެހިލުންކުޑަ ފުލުހެއްގެ ރޯލް ކުޅޭ "މަރުދާނީ 3" އަކީ ރާނީގެ ފިރިމީހާ އަދިތިޔަ ޗޯޕްރާގެ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ އުފެއްދުމެކެވެ. އަބިރާޖް މިނަވާލާ ޑައިރެކްޓްކޮށް އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ "މަރުދާނީ 3" އަކީ ވައިއާރްއެފްގެ އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު ފްރެންޗައިސްގެ ދަށުން ގެނެސްދިން ތިން ވަނަ ފިލްމެވެ. މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާނެކަން މިއަދު އިއުލާނުކޮށްފައިވާއިރު މި ފިލްމަށް ކްރިޓިކުން ވެސް ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން ކްރިޓިކުގެ ގިނަ މެމްބަރުން ފިލްމު ރިވިއުކުރުމަށްފަހު ވަނީ ހަ ތަރި ދީފައެވެ. ފިލްމު "މަރުދާނީ 3"ގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ބޮކްސް އޮފީހުގައި "މަރުދާނީ "އަށް ލިބުނު އާމްދަނީއަށް ބަލާއިރު ވައިއާރްއެފްއިން މާޔޫސްވާ ފެންވަރަށް އާމްދަނީ ދަށެއްވެސް ނޫނެވެ. ސަބަބަކީ ފިލްމުގެ ބަޖެޓަކީ 60 ކްރޯޑު އިންޑިއާ ރުޕީސްއަށްވެފައި ސިނަމާތަކުން ފިލްމު ނެގިއިރު ލިބުނު ޖުމްލަ އާމްދަނީގެ އަދަދު 78.17 ކްރޯޑު ރުޕީސްއަށް އަރާފައިވާތީއެވެ. ހަމައެއާއެކު ޑިޖިޓަލް ޕްލެޓްފޯމްތަކަށާއި ސެޓެލައިޓް ރައިޓްސް ވިއްކައިގެން ފިލްމަށް ލިބޭނެ އާމްދަނީގެ އަދަދު އިތުރުވާނެތީ ފިލްމު އުފައްދަން ހޭދަވި ޚަރަދު ފޫބެދުމަކީ ވެސް މި ފިލްމަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށް ބޮލީވުޑްގެ ރިޕޯޓުތަކުން ފާހަގަކުރެއެވެ. ފިލްމު "މަރުދާނީ"އަކީ ހިއުމަން ޓްރެފިކިންގްއާ ގުޅުން ހުންނަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދަމުން އަންނަ ފްރެންޗައިސްއެކެވެ. ތިން ވަނަ ފިލްމުގައި ވެސް ރާނީ ކުޅޭ ފުލުސް އޮފިސަރު 'ޝިވާނީ ޝިވާޖީ ރޯއި' މަސައްކަތް ކުރަނީ އިންޑިއާގެ އެކި ސަރަހައްދުތަކުން 93 ކުޑަ އަންހެންކުދިން ގެއްލުމާ ގުޅިގެން އެކުދިން ހޯދުމަށް ހިންގާ ތަހުގީގުގެ އެންމެ ފުނަށް ގޮސް އެކުދިން ރައްކާތެރިކަމާ އެކު ހޯދުމަށެވެ. ފިލްމު "މަރުދާނީ "އަށްފަހު ރާނީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ ޝާހުގެ ފިލްމު "ކިންގް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ