ޕޮލިސް ކޮމިޝަނަރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ހުޅުވާލި ފުރުސަތުގައި، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިކަން އެނގިއްޖެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި، މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އާއި، އޭސީޕީ އަބްދުﷲ ޝަރީފްގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. ސީޕީގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކުރީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. މީގެ ކުރިން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންކަމުން، އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ފަހުން ވަނީ އިތުރުކޮށްފައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސްމާއިލް ނަވީން އެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު، މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭރު ސީޕީ ކަމުގެ މަގާމަށް ނަވީންގެ އިތުރުން މިހާރު ކުރިމަތިލައްވާފައިވާ ފަރުހާދު ފިކުރީ އާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވިކަން ފާހަގަކޮށްލެވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ޕޮލިސް ބޯޑުން އެ މަގާމަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއުކޮށް، ގާބިލުކަން ވަޒަންކުރުމަށްފަހު ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޑރ. މުހައްމަދު މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ