އިރާނުން ހޮރްމޫޒްގެ އޮމާން ފަޅިން ދާ ބޯޓުފަހަރަށް ހަމަލާނުދޭނެކަމުގެ ހުށަހެޅުމެއް

ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، ހޮރްމޫޒް ކަނޑުއޮޅީގެ އޮމާން ފަޅިން އުޅަނދުފަހަރަށް މިނިވަންކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިރާނުން ވިސްނަމުން އަންނަ ކަމަށް ބައެއް އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެއްޖެ އެވެ.
މި މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، އަލުން ހަނގުރާމައެއް ފެށުނު ނުދިނުމަށްޓަކައި ފުޅާ ދާއިރާއެއްގައި އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެއްވެސް ހުރަހެއް ނެތި އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ތެހެރާނުން ވަނީ ތައްޔާރުވެފަ އެވެ. ނަމަވެސް، މި ހުށަހެޅުން ބިނާވެފައިވަނީ އިރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެމެރިކާއިން އިޖާބަދޭ މިންވަރެއްގެ މައްޗަށެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ގާތްގަނޑަކަށް %20 ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް، 28 ފެބްރުއަރީގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. މީގެ ސަބަބުން 100އަށް ވުރެ ގިނަ އުޅަނދުފަހަރާއި ގާތްގަނޑަކަށް 20,000 ފަޅުވެރިން ވަނީ ގަލްފް ސަރަޙައްދުގައި ތާށިވެފަ އެވެ.
މި އާ ހުށަހެޅުމަކީ މީގެ ކުރިން އިރާނުން ގެންގުޅުނު ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. މީގެ ކުރިން އިރާނުން ވިސްނާފައިވަނީ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީއެއް ނެގުމަށް ނުވަތަ އެ ސަރަހައްދުގެ ކޮންޓްރޯލް ވަރުގަދަކުރުމަށެވެ. ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ އިދާރާތަކުން ވަނީ އެފަދަ ފިޔަވަޅުތަކެއް އަޅައިފި ނަމަ އެއީ ނުރައްކާތެރި އާދައެއްގެ ފެށުން ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ހުޅަނގުގެ ސަލާމަތީ މަސްދަރަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދިޔަ ނަމަވެސް، އެމެރިކާއިން މިކަމަށް ވަކި ޖަވާބެއް ދީފައިވާކަން އަދި ސާފެއް ނުވެ އެވެ.
މި ކުރިއެރުންތައް ފެންނަން ފަށާފައިވަނީ ނާޒުކު ހާލަތެއްގައި އޮތް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކާއި އިރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކުގެ ތެރޭގަ އެވެ. އަދި ދާއިމީ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތުގައި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައަކީ އެންމެ މުހިންމު އެއް ކަންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ