ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމާ ދެކޮޅަށް ރާއްޖޭގައި މާދަމާ އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ މި އެއްވުމަކީ ފަލަސްޠީނުގެ އަސީރުންނާމެދު ސަޙްޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އަޑުއުފުލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މިފަދަ އެކި އެއްވުންތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ޔަހޫދީ ދައުލަތާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ދަނީ ބާއްވަމުންނެވެ.
އިސްރާ އެސޯސިއޭޝަނުން ބުނީ އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ޔަހޫދީ ދައުލަތުން ޤާނޫނަކުން ނިންމާފައިވާއިރު އެއީ އެއްވެސް ދީނެއްގައި އަދި ތާރީޚުގައިވެސް މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ޙައްގުތަކާ ޚިލާފު އަމަލުތަކެއް ކަމަށާއި އެކަންކަން ހުއްޓާލަން ގޮވާލާ މާދަމާގެ އެއްވުމުގައި އަޑުއުފުލާނެ ކަމަށް ބުންޏެވެ.
އެ ޖަމުޢިއްޔާއިން ބުނީ މާދަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެއްވުންތައް ބާއްވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގައި މި އެއްވުން ބާއްވަނީ ފަލަސްޠީނުގެ އިލްމުވެރިންގެ ޖަމުޢިއްޔާ އާއި ގްލޯބަލް ކޯލިޝަން ފޯ ޤުދުސް އެންޑް ޕަލަސްޓައިން އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެނިހެން ބައެއް ޖަމުޢިއްޔާތަކުގެ އެދުމާއެކުގައި ކަމަށް ބުންޏެވެ.
ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ކުށެއްނެތް އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކުރި ޤާނޫނާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އޮންނާނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައި ކަމަށް އިސްރާ އެސޯސިއޭޝަނުން ބުންޏެވެ.
ފަލަސްޠީނުގެ ރައްޔިތުންނާމެދު ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި އެ ޤައުމުގެ ރައްޔިތުންގެ ނަސްލުހޭދަކުރުމާ ދެކޮޅަށް ރާއްޖޭން ދަނީ އަބަދުވެސް އަޑުއުފުލަމުންނެވެ. އެގޮތުން، މީގެ ކުރިންވެސް ޔަހޫދީންގެ މި އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި މުޅި ރާއްޖޭގައި ވަނީ އެއްވުންތައް ބާއްވާފައެވެ.
ފަލަސްޠީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމާ ދެކޮޅަށް މާދަމާ ރާއްޖޭގައި އެއްވުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ