އައްޑޫ ލިންކް ރޯޑު އޮތީ މަރާމާތު ކުރެވޭ ހާލަތެއްގައި ނޫން: މޭޔަރު ނިޒާރު

އައްޑޫ ލިންކް ރޯޑު މަރާމާތު ކުރަން ކައުންސިލުން މިލިއަނުން ފައިސާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އެ މަގު އޮތީ މަރާމާތު ކުރެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށް އައްޑޫ ސިޓީ މޭޔާރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދޫކުރަމުންދިޔަ ނަމަވެސް، މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމުގައި މާލެ ސިޓީ ކައުންސިލާ، އައްޑޫ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ނިޒާރު ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ގަމުން ހިތަދުއާ ދެމެދު އޮންނަ އައްޑޫ ލިންކު ރޯޑުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފައިވާތާ ދޮޅު އަހަރު ވާން ކައިރި ވެފައިވާއިރު އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ނުދާ ސަބަބު މިނިސްޓަރު ބައްލަވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ލިންކް ރޯޑު މިހާރު އޮތީ މަރާމާތުކޮށްގެން ބޭނުންކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށާއި، އެ މަގު އަލުން ހެދުމަކީ ސަރުކާރުން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
އައްޑޫގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތައް ވެސް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުދާކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނިންމަމުންދާ އިމާރާތްތަކަށް ކަރަންޓު ނުދެވި ވަނީ ފައިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ.
ކައުންސިލަށް ދޫކުރާ ބަޖެޓުގެ ބޭނުމަކީ ކޮބައިތޯ ވިދާޅުވެ މުއްތަލިބު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ނިޒާރު ވިދާޅުވީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލަށް މި އަހަރު ދޫކުރާ ބްލޮކްގްރާންޓުން މުވައްޒަފުންގެ މުސާރަ ވެސް ނުދެވޭނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލަކީ އާމްދަނީ އެންމެ ބޮޑަށް އިތުރުކުރި އެއް ކައުންސިލްކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ވެހިކަލްތަކުގެ ފީ ކައުންސިލްތަަކަށް ލިބެން ފެށުމާ އެކު އެއީ ވެސް އިތުރުވި އާމްދަނީއެއް ކަމަށެވެ. އިތުރަށް ނިޒާރު ވިދާޅުވީ، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރަށް ވުރެ ގިނަ މަސައްކަތްތައް މިހާރު ވެސް އައްޑޫގައި ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ