އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ ދެވަނަ ބުރުގައި 6،172 ވޯޓުކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާގޮތުގައި ދެވަނަ ބުރުގެ ވޯޓުކަރުދާސްވެސް ޗާޕުކުރީ ފުރަތަމަ ބުރުގެ ވޯޓުކަރުދާސްތައް ޗާޕުކުރި ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި 888,845 ވޯޓު ކަރުދާސް ޗާޕުކުރިއެވެ.
ހޮނިހިރު ދުވަހު 2 ރަށެއްގެ ކައުންސިލްގެ ދެ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށާއި 3 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 3 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ވޯޓު ނަގާނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާާސް ހިސާބުތަކުން ދައްކާގޮތުގައި ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި 1،784 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 4،388 ވޯޓުކަރުދާސް ވަނީ ޗާޕުކޮށްފައެވެ.
- ބ. ދޮންފަނު ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު: 460 ވޯޓު ކަރުދާސް
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު: 1،324 ވޯޓު ކަރުދާސް
- ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު: 1،742 ވޯޓުކަރުދާސް
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު: 1،069 ވޯޓުކަރުދާސް
- ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު: 1،577 ވޯޓުކަރުދާސް
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި ފޮށިތަކުގައި 6093 މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ. އެގޮތުން، ކެލާ އިންތިޚާބުގައި 1729 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު ނޭކުރެންދޫ އިންތިޚާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިޚާބުގައި 441 މީހުންނަށް، މާވަށު އިންތިޚާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިޚާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.
މި ދާއިރާތަކަށް މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އިންތިޚާބުގެ ދެވަނަ ބުރަށް ޕްރިންޓް ކުރީ 6،172 ވޯޓު ކަރުދާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ