ވަޒީފާއިން ވަކިވާއިރު ނުނަގާ އޮތް އަހަރީ ޗުއްޓީގެ ފައިސާ ނުދޭ ގޮތަށް އެންއައިސީން ހަދައިފި

ކޮންމެ އަހަރަކު ލިބޭ އަހަރީ ޗުއްޓީގެ ތެރޭން، ވަޒީފާއިން ވަކިވާއިރު ނުނަގާ އޮންނަ ޗުއްޓީގެ މުއްދަތަށް މުސާރަ ދޭ ގޮތަށް އޮތް އޮތުން ހުއްޓާލައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހިންގާ ގައިވާއިދު އިސްލާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެންއައިސީން މިހާރު އަމަލުކުރަމުންދާ ހިންގާ ގަވާއިދު ބުނާ ގޮތުން، އެ ކޮމިޝަނުގެ މެންބަރަކު ވަޒީފާއިން ވަކިވާއިރު، އަހަރީ ޗުއްޓީގެ ތެރެއިން ބޭނުންނުކޮށް އޮތް ދުވަސްތަކަށް ޖެހޭ މުސާރައިގެ މިންވަރު ދޭންޖެހޭނެ އެވެ. އެ ދުވަސްތަކަށް ފައިސާ ދޭ ގޮތަށް އޮންނަނީ، އެ މެންބަރަކަށް ލިބެމުން އައި މުސާރަ އާއި އެހެނިހެން އިނާޔަތްތަކުން ދުވަހަކަށް ޖެހޭ މިންވަރުންނެވެ.
ތަފްސީލް - އިއްޔެ އާންމުކުރި އިސްލާހުގައި ވަނީ، ނުނަގާ އޮންނަ އަހަރީ ޗުއްޓީގެ މުއްދަތަށް މުސާރަ ދޭން ޖެހޭ ގޮތަށް އޮތް މާއްދާ، މި ގަވާއިދުން އުނިކޮށްފަ އެވެ. 
މެމްބަރުންގެ ޗުއްޓީ ބަޔާންކުރާ މި މާއްދާއަށް ނަންބަރެއް އިތުރުކޮށް، ދެން ގެނެސްފައިވާ އިސްލާހަކީ، ކޮންމެ އަހަރަކު 30 ދުވަހުގެ ސަލާމުގެ ޗުއްޓީއެއް ލިބޭ ގޮތް ހެދުމެވެ.
މީގެ އިތުރުން، ކޮމިޝަނުގެ އިދާރީ ހިންގުން ބަޔާންކުރާ މާއްދާއަށް ވެސް އިއްޔެ ވަނީ ކުޑަ އިސްލާހެއް ގެނެސްފަ އެވެ. 
މި މާއްދާގައި ކުރިން އޮންނަ ގޮތުން:
އެންއައިސީގެ އިދާރީ ކަންކަން ރާވާ ހިންގުމުގެ ބާރު ދީފައިވަނީ، އެ ކޮމިޝަނުގެ ރައީސްގެ ނުވަތަ ހިންގުމާ ހަވާލުވެހުރި މެމްބަރެއްގެ ލަފާގެ މަތިން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލަށް 
އިއްޔެ ގެނައި އިސްލާހުގައި ބުނެފައިވަނީ، އެ ޒިންމާތައް، އެ ކޮމިޝަނުގެ ރައީސްގެ ނުވަތަ ހިންގުމާ ހަވާލުވެހުރި މެމްބަރެއްގެ ލަފާގެ މަތިން، ސެކްރެޓަރީ ޖެނަރަލްގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި މީހަކަށް ވެސް އުފުލިދާނެ ކަމަށެވެ.
އެނގުން މުހިންމު - އެންއައިސީއަކީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއި އަމިއްލަ ނަމުގައި ދައުވާކުރުމުގެ ބާރު ލިބިދީފައިވާ މިނިވަން ކޮމިޝަނެކެވެ. މި ކޮމިޝަނުގައި ތިބެނީ ފަސް އަހަރުގެ ދައުރަކަށް އައްޔަންކޮށްފައިވާ ފަސް މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ