ރާއްޖޭން ޑައިމަންޑް ޖުބިލީ މުބާރާތް ފަށާ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަަބަތުގައި އަންނަ މަހު ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭަޝަނަލް މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ރާއްޖެ އާއި އަފްގާނިސްތާންގެ އިތުރުން ބަންގްލަދޭޝާއި ޕާކިސްތާން ވާދަކުރާ މި މުބާރާތް އޮތީ އަންނަ މަހު 1-10 އަށް ގަލޮޅު ދަނޑުގަ އެވެ. އެ ގޮތުން، މުބާރާތުގެ ގުރުއަތުލުން ޕީއެސްއެމް ސްޓޫޑިއޯގައި ރޭ ބޭއްވިއިރު، ޖޫން 1 ވަނަ ދުވަހު ހަވީރު މުބާރާތުގައި ކުޅޭނީ ޕާކިސްތާން އާއި ބަންގްލަދޭޝް އެވެ. އަދި، އެރޭ 21:00 ގައި، ރާއްޖެ އާއި އަފްގާނިސްތާން ބައްދަލުކުރާނެ އެވެ. 
ދެ ވަނަ މެޗުތައް އަންނަ މަހު ހަތަރު ވަނަ ދުވަހު ކުޅޭއިރު، އެ ދުވަހު ހަވީރު ރާއްޖޭން ޕާކިސްތާނާ ވާދަކުރާނެ އެވެ. އަދި، އެރޭ އަފްގާނިސްތާނުން ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އަދި، ލީގު ބުރުގެ ފަހު މެޗުތައް އަންނަ މަހު ހަތް ވަނަ ދުވަހު ކުޅޭއިރު، އެ ދުވަހު ހަވީރު އަފްފާނިސްތާނުން ޕާކިސްތާނާ ވާދަކުރާއިރު، އެ ރޭ ރާއްޖޭން ކުޅޭނީ ބަންގްލަދޭޝްއާ އެވެ. 
ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ މެޗުގައި ކުޅޭ، ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުގެރޭގަ އެވެ. 
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އެންމެ ފުރަތަމަ ފޮނުވީ ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލަށެވެ.
ނޭޕާލު ފުޓްބޯޅަ ހާލަތު އޮތްގޮތުން މުބާރާތުގައި ކުޅެވެން ނެތްކަން އެންގިއިރު، ލަންކާ އިން ވަނީ، އެ މުބާރާތުގައި ކުޅެން ނިންމިކަން އިއުލާނު ވެސް ކޮށްފަ އެވެ. އެކަމަކު، ބަންގްލަދޭޝްގެ ސީނިއާ ޓީމުން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ.
އަންނަ މަހު ބަންގްލަދޭޝް ސީނިއާ ފުޓްބޯޅަ ޓީމުން ދާނީ ޔޫރަޕްގައި، ސެން މެރީނޯއާ ދެކޮޅަށް ކުޅޭށެވެ. އެއީ، އެ ގައުމުގެ ތާރީހުގައި ވެސް ޔޫރަޕްގައި ކުޅޭނެ ފުރަތަމަ މެެޗެވެ. ބަންގްލަދޭޝް އިން ފަހުން ނިންމާފައިވަނީ ޑައިމަންޑް ޖުބިލީ މުބާރާތުގައި 23 އަަހަރުން ދަށުގެ ޓީމު ވާދަކުރާ ގޮތަށެވެ. އެކަމަކު، އެ ނިންމުން ވެސް ބަދަލުކޮށް ސީނިއާ ބައެއް ކުޅުންތެރިން ލައިގެން އެކުލަވާލާ ޓީމެއް ފޮނުވަން ބަންގްލަދޭޝް އިންވަނީ ނިންމައިފަ އެވެ. އެ ޓީމުގެ ކޯޗަކީ ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ތަޖުރިބާކާރު މައުރޫފުލް ހައްގު އެވެ. 
އަފްގާނިސްތާނުން، ރާއްޖޭގައި ކުޅޭ ޑައިމަންޑް ޖުބިލީ މުބާރާތުގެ މި ފުރުސަތުގެ ބޭނުންހިފަން ކުރިން ވެސް ބޭނުންވެފައި ހުރިއިރު، ލަންކާ އިން މުބާރާތުން ވަކިވުމާ އެކު، އެ ޖާގަ ހޯދުމަށްޓަކައި އަވަސްވެގަތެވެ. އަފްގާނިސްތާން އިން މީގެ ކުރިން ވަނީ، 2014 ވަަނަ އަަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅެފަ އެވެ. މާލެ އާއި އައްޑޫ ސިޓީގައި ހޯސްޓްކުރި އެ މުބާރާތުގައި، އަފްގާނިސްތާން ހިމެނުނީ އައްޑޫ ސިޓީގައި ކުރިއަށްދިޔަ ގްރޫޕް ބީގަ އެެވެ. އަފްގާނިސްތާނުން ގްރޫޕް ބީގެ ދެ ވަނަ ހޯދީ ފިލިޕީންސް އަށް ވުރެން ފަހަތުން ނިންމައިގެންނެވެ. ސެމީ ފައިނަލުގައި ފަލަސްތީން އަތުން ބަލިވިއިރު، ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ވަނީ އަފްގާނިސްތާން އަތުން މޮޅުވެފަ އެވެ. 
މީގެ ތިން އަހަރު ކުރިން، ޕާކިސްތާނުން ވަނީ ރާއްޖެ އަށް އެކުވެރިކަމުގެ މެޗެއް ކުޅެން އަތުވެފަ އެވެ. ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފަ އެެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ