ވޮޝިންޓަނާއި އިޒްރޭލާއި ތެހެރާނާ ދެމެދު ތިން މަސްދުވަހަށް ދެމިގެންގޮސްފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކުގައި އަވަސް ހައްލެއް ލިބިދާނެ ކަމަށް ބެލެވުނަސް، އީރާނާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް އެމެރިކާ އަވަސްއަރުވާނުލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އީރާނުގެ އުޅަނދުފަހަރަށް އަމާޒުކޮށް އެމެރިކާއިން ކުރިއަށްގެންދާ ކަނޑުގެ ބަންދު، ދެ ފަރާތުން އެއްބަސްވުމަކަށް އައިސް، އެ އެއްބަސްވުމެއްގައި ސޮއިކޮށް ނިމެންދެން އެ ގޮތުގައި ދެމިއޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި މިކަމުގައި ދެ ފަރާތުން ވެސް އެކަށީގެންވާ ވަގުތު ނަގައިގެން ރަނގަޅު ނަތީޖާއެއް ނެރުމަށް އޭނާ ބާރުއެޅުއްވި އެވެ.
އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި، ވަގުތުން ވަގުތަށް އެއްބަސްވުމެއްގައި ސޮއިނުކުރި ނަމަވެސް، އެމެރިކާގެ ބަންދު އުވާލުމުގެ ބަދަލުގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި އީރާން އަތުގައި ހުރި މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ރަސްމީ ކަންކަން ނިންމުމަށް އީރާނުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް، އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުން ފަދަ ބޮޑެތި މައްސަލަތަކުގައި އަދިވެސް އެއްބަސްވުމަކަށް ނާދެވެ އެވެ. މީގެ އިތުރުން، ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ ކަންކަން ބެލެހެއްޓުމުގެ ހައްގު އީރާނަށް އޮންނަންޖެހޭނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވަ އެވެ.
މިހާރު ހުށަހެޅިފައިވާ އޮނިގަނޑުގެ ދަށުން، ފުޅާ ދާއިރާއެއްގައި އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާކުރާ ފަރާތްތަކަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަމުގެ އިތުރުން ލުބްނާނުގައި ހިޒްބުއްލޯއާ ގުޅިފައިވާ ހަނގުރާމަ ފަދަ ސަރަހައްދީ ހަމަނުޖެހުންތަކުގެ މައްޗަށެވެ.
އެއްބަސްވުމެއް ގާއިމުވެދާނެ ކަމުގެ ފުރުސަތު ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު، މި މަހުގެ ކުރީކޮޅަށް ފަހު ފުރަތަމަ ފަހަރަށް 100 ޑޮލަރަށް ވުރެ ދަށަށް ވެއްޓުނެވެ.
ޑިމޮކްރެޓުންނާއި ކޮންޒަވޭޓިވް ފަރާތްތަކުން މި މަޝްވަރާތަކަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ، އެ އެއްބަސްވުމަކީ ރަނގަޅު އަދި ފުރިހަމަ އެއްބަސްވުމަކަށް ވާނެ ކަމަށެވެ.
އީރާން އެއްބަސްވުން އަވަސްއަރުވާނުލާނަން؛ ބަންދު ދަމަހައްޓާނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ