އިޓަލީގެ ނަޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ ޓީމުގެ ކޯޗު ކަމުގެ މަގާމުން އިސްތިއުފާ ދީފި އެވެ.
ކޮންޓޭ މިކަން އިއުލާން ކޮށްފައިވަނީ އިޓާލިއަން ސެރިއާގެ ފަހު މެޗުގައި ރޭ އުދިނޭސީ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ނަޕޮލީގެ ރައީސް އައުރެލިއޯ ޑެ ލައުރެންޓީސް އާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮންޓޭ ބުނެފައިވަނީ މިއީ އޭނާ ނަޕޮލީގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާނެ ފަހު މެޗު ކަމަށެވެ.
"މިއީ އަހަރެން ނަޕޮލީގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާނެ ފަހު މެޗު އަދި ފާއިތުވެދިޔަ 2 ސީޒަނުގައި ނަޕޮލީ އާއިއެކު މަސައްކަތް ކުރަން ލިބުނު ކަމީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް." ކޮންޓޭ ބުންޏެވެ.
"މިއީ އަހަރެންގެ އަމިއްލަ ނިންމުމެއް އަދި މިކަން އަހަރެން ވަނީ ކްލަބްގެ ރައީސް އާއި މީގެ ދުވަސްތަކެއް ކުރިން ހިއްސާކޮށްފަ. ނަޕޮލީ އަށް އަބަދުވެސް އަހަރެންގެ ހިތުގައި ޙާއްސަ ކަމެއް ވާނެ." ކޮންޓޭ އިތުރަށް ބުންޏެވެ.
2024 ވަނަ އަހަރު ނަޕޮލީގެ ކޯޗު ކަމާއި ހަވާލުވި ކޮންޓޭ ވަނީ އެ ސީޒަނުގައި އިޓާލިއަން ސެރިއާގެ ޗެމްޕިއަންކަން ނަޕޮލީއަށް ހޯދަދީފަ އެވެ. މިއީ އެ ޓީމުން ސެރިއާގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. ނަމަވެސް މި ސީޒަނުގައި ނަޕޮލީ ލީގު ނިންމާލާފައިވަނީ ދެވަނައިގައި އޮވެގެންނެވެ.
އިޓަލީގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮންޓޭ ނަޕޮލީގެ ކޯޗު ކަމުން ވަކިވެފައިވަނީ އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ހަވާލުވުމަށެވެ.
ކޮންޓޭ ނަޕޮލީގެ ކޯޗުކަމުން އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ