މުއިއްޒު ބޭނުންނުވާ ކަމެއް ޕީއެންސީގައި ނުހިނގާނެ، އެއަށް ވުރެ މާ ލޯބިވޭ: ފަލާހު

ރައީސް މުހައްމަދު މުއިއްޒު ބޭނުންނުވާ އެއްވެސް ކަމެއް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެނެޓުގަ އާއި ލީޑަރޝިޕްގެ ތެރޭގައި ނުހިނގާނެ ކަމަށާއި، އެއަށްވުރެ ބޮޑަށް އެމަނިކުފާނު ދެކެ ޕާޓީގެ މެންބަރުން ލޯބިވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ސެނެޓުގެ އެންމެ ފަހު ބައްދަލުވުމުގައި ކޮންގްރެސް ބޭއްވުމުގެ ހުރިހާ ބާރެއް ލީޑަޝިޕަށް ދިނުމަށް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުން ބޭރުކޮށްލައި، އާންމު މެންބަރުންގެ ތެރެއިން ބަޔަކު ހިމެނޭ ކޮމިޓީއަކުން ކޮންގްރެސްގެ އިންތިޒާމުތައް ކުރިއަށް ގެންދަން ނިންމައި އެ ކޮމިޓީ އެކުލަވާލި ވާހަކަ އަދަދު ނޫހުގެ އިތުރުން ބައެއް ނޫސްތަކުގައި ޝާއިޢު ކުރުމުން، ފަލާހު ވިދާޅުވީ އެއީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ. 
"ރައީސް މުއިއްޒު ބޭނުނުންފުޅުނުވާ އެއްވެސްކަމެއް ޕީއެންސީ ސެނެޓްގައި އަދި ލީޑަރޝިޕްގައި ވެސްނުހިނގާނެ.  އެއަށްވުރެ ރައީސް މުއިއްޒު ދެކެ އަޅުގަނޑުމެން އެއްމެން މާ ލޯބިވޭ އެމަނިކުފާނަށް އަޅުގަނޑުމެން އެންމެން މާއިތުބާރުކުރަން،" ފަލާހު ވިދާޅުވި އެވެ. 
މިގޮތަށް ކަން އޮތަސް، މުއިއްޒު އިސްކުރައްވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތައް އަދި މަޝްވަރާގެ ރިވެތި ސިފަ ކަމަށް އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ. 
"ރައީސް މުއިއްޒު ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކިކަމެއްވަކި ގޮތަކަށް ކުރައްވާކަށް ހުށަނާޅުއްވާ.  މުޅި ބައްދަލުވުމުގައިވެސް ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް،" ފަލާހު ވިދާޅުވި އެވެ.
ޕީއެންސީގެ ކޮންގްރެސްގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުން އެ ޕާޓީގެ ސެނެޓުން ފުރަތަމަ ފަހަރަށް ބޭރުކޮށްލައިފިއެވެ. ސެނެޓުން ނިންމީ ކޮންގްރެސްގެ އިންތިޒާމުތައް ބެލެހެއްޓުމަށް ރައީސް ބޭނުންފުޅުނުވާ ބައެއް ބޭފުޅުންވެސް ހިމެނޭހެން ވަކި ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ. މިއީ ޕާޓީގެ އެތެރޭގައި ރައީސްގެ ނުފޫޒު ކުޑަވަމުންދާކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.
ޕީއެންސީގެ ސީނިއާ ބައެއް މެންބަރުން އަދަދު ނޫހަށް ބުނި ގޮތުގައި ދާދި ފަހުން ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި މުއިއްޒު ހުށަހެޅުއްވީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށެވެ. ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތެއް މުއިއްޒުގެ ހުށަހެޅުއްވުމަށް ނުލިބުނު ކަމަށް މައުލޫމާތު ދިން މަސްދަރުތަކުން ބުންޏެވެ. 
މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގެ ކަންކަން އިންތިޒާމުކުރުމަށް ނެގި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް، ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު، މިލަންދޫ ދާއިރާގެ ހަސަން މުފީދު، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ